އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ޝަރުތު ހަމަވާ ސިޔާސީ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮންނަ ގޮތުން 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ޖެހެއެވެ. ސިޔާސީ ޕާޓީތަކަށް ދެނީ ދައުލަތުގެ ބަޖެޓުގެ 0.1 ޕަސަންޓު ފައިސާއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީން) މިއަދު ވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ޝަރުތު ހަމަވާ ސިޔާސީ ޕާޓީތައް އިއުލާނުކޮށްފައެވެ. އެ ޕާޓީތަކަކީ:

  • އެމްޑީޕީ
  • ޖުމްހޫރީ ޕާޓީ
  • އެމްޑީއޭ
  • ޕީއެންސީ

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް އޮންނަ އުސޫލުގެ ތެރެއިން މި އަހަރު ފަސް ސިޔާސީ ޕާޓީއަކަށް ޖުމުލަ 28 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މި ހަތަރު ސިޔާސީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީއެވެ. އަދާލަތަށް މިއަހަރު 1.7 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އީސީން މިދިޔަ ސެޕްޓެމްބަރު މަހު އިއުލާންކުރި މެންބަރުންގެ ދަފްތަރުގައިވާ ގޮތުން އެންމެ މެންބަރުން ގިނައީ ވެރިކަން ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގައެވެ. އަދި ދެން އެންމެ މެންބަރުން ގިނައީ އިދިކޮޅު މައި ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައެވެ.

  • ޕީއެންސީ - 68،665 މެންބަރުން
  • އެމްޑީޕީ - 43،765 މެންބަރުން
  • ޖުމްހޫރީ ޕާޓީ - 13456 މެންބަރުން
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) - 10،300 މެންބަރުން
  • އަދާލަތު ޕާޓީ - 8،844 މެންބަރުން