ރައީސް ޑރ. މުހައްމަދު މުއިއްޒު ރަތް ރޮނގު ހުރަސްކުރައްވާފައިވާ ކަމަށާއި ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަ ނުވެއްޖެ ނަމަ، އެ މަނިކުފާނު ޖެހިވަޑައިގަންނަވާނީ ގެކޮޅަށް ވަޑައިގަންނަވަން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިހް އިމްރާން ވިދާޅުވީ، ސަރުކާރަށް ދެ އަހަރުވާން ކައިރިވެފައިވާއިރު، ފެންނަނީ ސަރުކާރުގެ ސިޔާސަތުތައް ދެކޮޅު ނުޖެހި ފެއިލްވަމުންދާތަން ކަމަށާއި އިގްތިސޯދީ ހަރު ވިސްނުމެއް ނެތި، ކުދި ވިޔަފާރިތައް ބަނގުރޫޓުވެފައިވާ ކަމަށެވެ.

ޝައިހް އިމްރާން ވިދާޅުވީ، ރައީސް މުއިއްޒު ދައްކަވާ ހުރިހާ ވާހަކަފުޅުތަކަކީ ދޮގުކަމަށް ގިނަ ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށެވެ.

ޝައިހް އިމްރާން ވިދާޅުވީ، މި ސަރުކާރުން ދައުލަތް ހިންގުމުގެ މުޅި ނިޒާމު ހަރާބުކޮށް އޮޅުން ބޮޅުން ކޮށްލައިފި ކަމަށެވެ. އަދި ގާނޫނާ ހިލާފަށް އެތައް ކަމެއް މި ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ރައީސް މުއިއްޒަށް ވެރިކަން ކުރަން އެނގިވަޑައިނުގަންނަވާނަމަ، ނުވަތަ ވެރިކަން ކުރައްވަން ބޭނުންފުޅު ނުވާނަމަ، މިއަދުން ފެށިގެން ގެއަށް ވަޑައިގަންނަވާ!" އޭނާ ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން ރައީސް މުއިއްޒަށް ވޯޓު ދިނީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތެރެއިން ވެރިކަން ކުރަައްވަން ކަމަށާއި އަމިއްލަ ރަސްކަމަކަށް ދިވެހި ގައުމު ހައްދަވަން ބޭނުންފުޅު ވާނަމަ، އެ ޖާގަ ރައްޔިތުން ނުދޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ވެރިޔަކު ހުރަސްކުރައްވައިގެން ނުވާނެ އެތައް ރަތްރޮނގުތަކެއް ހުރަސްކުރައްވައިފި. އެހެންވީމާ، ރައީސް މުއިއްޒު މި ރޮނގުތަކުގެ ތެރެއަށް ވެއްދުމަށްޓަކައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ހުރިހާ ސިޔާސީ ލީޑަރުންނާއި ހުރިހާ ރައްޔިތުން ގުޅިގެން ނުކުމެ، މަސައްކަތް ފަށަމާ ހިންގަވާ!،" ޝައިހް އިމްރާން ވިދާޅުވިއެވެ.

ގިނަ ދުވަސްތަކަކަށްފަހު އަދާލަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފައެވެ.

އިމްރާން އެންމެ ފަހުން ހުންނެވީ އެމްޑީޕިގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަމުގެ މަގާމުގައެވެ. ވެރިކަން ބަދަލުވުމުން އޭނާ ދާދި ފަހަކާ ޖެހެންދެން ދިރިއުޅުއްވަމުން ގެންދެވީ ރާއްޖެއިން ބޭރުގައެވެ.