ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ށ. ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކަށް، ރައީސް ޔާމީންގެ ދައުރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި، މޫސާ ފަތުހީ ހޮވިއްޖެ އެވެ.
ފަތުހީ އަށް މި ޓިކެޓް ލިބިވަޑައިގަތީ ޕްރައިމަރީއަކާ ނުލަ އެވެ. އެއީ ޕީޕީއެމް އިން މި ކަމަށް ހުޅުވާލި ފުރުސަތުގައި، އޭނާ ފިޔަވައި އެހެން މީހަކު މި އިންތިހާބުގައި ވާދަކުރުމަށް އެދި ހުށަހަޅާފައި ނުވާތީ އެވެ.
ޝަރުއީ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފައިވާ ފަތުހީ ވަނީ، ބިޒްނެސް އެންޑް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ފުރިހަމަ ކުރައްވައިފަ އެވެ.
އޭނާ ވަނީ ރައީސް މައުމޫނުގެ ދުވަސްވަރުވެސް ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވައިފަ އެވެ. ކޮމަންޑޫ ކުޑަކަތީބު ކަމުގެ މަގާމާއި ށ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމު ވެސް ފަތުހީ ވަނީ ފުރުއްވައިފަ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވައި، ށ. އަތޮޅު ކައުންސިލަށް ހޮވިވަޑައިގެން އެ ދައުރުގައި އަތޮޅު ކައުންސިލްގެ ރައީސްކަން ކުރެއްވި އެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ ށ. ފޯކައިދޫ ކައުންސިލުގެ ކުރީގެ ރައީސް މުހައްމަދު ރާޝިދުއެވެ. ރާޝިދު އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެސް އަރިސް ބޭފުޅެކެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާނީ ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. ހަންނާން އަކީ ތައުލީމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވާންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. އީސީން މިހާރު ވަނީ ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފައެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅޭނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
އީސީން ބުނެފައިވާ ގޮތުގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ނެގުން އޮންނާނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ ދިހަވަނަ ދުވަހުއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަނިކޮށް އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން ވަހީދު އަވަހާރަވުމުން އެ ދާއިރާއަށް ހުސައިންގެ ދަރިކަނބަލުން ނަޝާ ހުސައިން ވާދަކޮށްދިނުމަށް ބަޔަކު އެދިފައިވެއެވެ. ނަމަވެސް ނަޝާ ވަނީ ބައި އިލެކްޝަންގައި ވާދަ ނުކުރަން ނިންމައިފައެވެ.
ޕީޕީއެމް