އެމްޑީޕީއަށް ވެރިކަން ނުލިބުމުން އަދިވެސް އުފާކުރައްވާ ކަމަށާއި އެމްޑީޕީގެ ވެރިކަމަކަށް ދުވަހަކުވެސް ތާއީދު ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ތެރެއިން ނުކުތް ބޭފުޅަކަށް ވެރިކަން ލިބިވަޑައިގެންނެވުމުން އުފާކުރައްވާ ކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅުތައް އަލުން ތަރުތީބުކުރައްވަން ޖެހޭ ކަމަށެވެ.

"އަދިވެސް އަޅުގަނޑު އުފާކުރަން އެމްޑީޕީއަށް ވެރިކަން ނުދިޔައީމަ. އަދިވެސް އަޅުގަނޑު އުފާކުރަން އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ނުދިޔައީމަ. އެއީކީ ބަލައިގަންނަން ފަސޭހަ ނަމޫނާއެއް ނޫން. އެމްޑީޕީގެ ވެރިކަމަކީ އެއްވެސް ދާއިރާއަކުން ބަލައިގަންނަން ފަސޭހަ ކަމެއް ކޮށްފައި ތިބި ބައެއް ނޫން. އެއީ ރާއްޖެ ހަލާކުކުރި ބައެއް،" ޔާމީން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ގާސިމް ފަހަކަށް އައިސް ވާހަކަތައް ދައްކަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ހުސްވާހެން ހީވެގެން ކަމަށެވެ.

"އަޅުގަނޑެއް ތާއީދެއް ނުކުރާނަން އެމްޑީޕީގެ ވެރިކަމަކަށް. ނޫނީ ގާސިމް އެ ދައްކާ ވާހަކައަކަށް އަޅުގަނޑު ތާއީދެއް ނުކުރާނަން، ދިވެހިރާއްޖޭގެ ހާލަތު މިއައީ ކުރީގެ ސަރުކާރުތަކުން ކަންތައް ކުރި ގޮތުންނޭ ކިޔާފަ. ކުރީގެ ސަރުކާރުތަކުން ކަންތައް ކުރި އިރު، މީނަ ހުރީ ކޮންތާކު. އެންމެ ބޮޑު މަންފާތަކެއް އެ ސަރުކާރުތަކުން ލިބުނީ ކާކަށް، ފަޅުތަކާއި ރަށްތަކާއި ގިރިތަކާ،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ސިޔާސީ ބޭފުޅުން ކުރާ ކަންކަމުން ރައްޔިތުން ދުރުވެ، ފޫހިވެ، ދުރަށް ދިޔައީމާ އަމިއްލައަށް ގައުމު އެ ހަލާކުކޮށްލެވެނީ ކަމަށާއި އެހެންކަމުން އެނޫން ގޮތަކަށް ކަންކަން ތަރުތީބުކުރަން ޖެހޭ ކަމަށެވެ.