ވެރިކަންކުރާ ޕީއެންސީއާއެކު ކޯލިޝަނެއްގައި އޮތް ޕީޕީއެމް މިއަދު އުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެ މިއަދު ފެށިގެން ސިޔާސީ ޕާޓީގެ ދަފުތަރުން ޕީޕީއެމް އުނިކޮށްފައިވާ ކަމަށް އީސީން ބުންޏެވެ.

ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދޭއްގައެވެ.

ޕީޕީއެމް/ޕީއެންސީގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު ހަމްދާން "ވަން" އަށް އެ ދުވަހު ވިދާޅުވެފައިވަނީ ސެނެޓް ބައްދަލުވުމުގައި ޕީޕީއެމް އުވާލަން ފެންނަ ކަމަށް ފާސްކޮށްފައިވަނީ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

އެ ޕާޓީ އުވާލަން ހުށަހެޅުމުން އެ ވޯޓުގައި 42 ބައިވެރިވެވަޑައިގެން ވޯޓް ދެއްވިއެވެ.

ސެނެޓް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.

ޕީޕީއެމް އުވާލަން އެޕާޓީގެ ސެނެޓުން ނިންމާފައިވާ އިރު، އެ ޕާޓީ އުވާލަން އުޅޭކަމުގެ އަޑުތައް މީގެ ކުރިން ވެސް ވަނީ ފެތުރިފައެވެ. ނަމަވެސް އެ ވާހަކަތައް އެއިރު ވަނީ ދޮގުކޮށްފައެވެ.

ޕީޕީއެމް އުވާލާން ނިންމި އިރު، އެ ޕާޓީގެ ރަޖިސްޓްރީގައި 34،698 މެންބަރުން އެބަތިއްބެވެ.

ޕީޕީއެމް އުފެއްދީ ޑީއާރްޕީ ދެބައިވެ، އުފެދުނު "ޒެޑް ޑީއާރްޕީ" ފެކްޝަނުންނެވެ. ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕީއެމް ވަނީ 2013 އަހަރުން 2018 ވަނަ އަހަރަށް ރާއްޖޭގެ ވެރިކަން ކޮށްފައެވެ. އެ ޕާޓީގެ ޓިކެޓް ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.