ސަރުކާރުގެ ސުޕަ މެޖޯރިޓީއާއެކު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ގާނޫނީ ހުވައި ކުރެއްވުމަށްފަހު، މަސައްކަތް ފަށައިގަތުމަށްޓަކައި، މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވީ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުގެ 10:15 ގައެވެ.

ތާރީޚުގައިވެސް އެންމެ ބޮޑު މަޖިލީހުގެ ގޮތުގައި 21 އޭޕްރީލްގައި އިންތިހާބުކުރި މި މަޖިލީހުގައި، 93 މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. 75 ގޮނޑީގެ ސުޕަމެޖޯރިޓީ ލިބިފައި އޮތީ، ވެރިކަންކުރާ ޕީއެންސީއަށެވެ. އޭގެ އިތުރުން އެމްޑީއޭއަށް ދެ ގޮނޑި، ޖޭޕީ އާއި އެމްއެންޕީއަށް އެއްގޮނޑި ލިބިފައިވާއިރު، އިދިކޮޅު އެމްޑީޕީއަށް ލިބިފައި ވަނީ 12 ގޮނޑިއެވެ. އަނެއް ދެ ގޮނޑި ލިބިފައި ވަނީ އަމިއްލަ ދެ ކެންޑިޑޭޓުންނަށެވެ.

ބޮޑު މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އޮތީ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުމާއި މަޖިލީހުން އެކުލަވައިލަން ޖެހޭ، މަޖިލީހުގެ ހިންގާ ގަވައިދާބެހޭ މައްސަލަ އާއި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމާބެހޭ މައްސަލަ ކުރިއަށް ގެންދިއުމެވެ. އެ ޖަލްސާގައި، މަޖިލީހުގެ ރައީސް އިންތިހާބު ކުރުމުގެ ކަންތައް ކުރިއަށް ގެންދިޔައީ، ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ރިޔާސަތުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގަ ބުނަނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރެވެންދެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ ތެރެއިން މެދުނުކެނޑި މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރު ކަމަށެވެ. ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި މެންބަރުންގެ ތެރެއިން މަޖިލީހުގައި އެންމެ ގިނަ ދުވަސް ވީ މެންބަރަކީ ސިޔާމެވެ.

މިއީ ސިޔާމް މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ހަތަރުވަނަ ދައުރެވެ.

ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން، މަޖިލިސް ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމަށް ނަގާ ސިއްރު ވޯޓު ގުނުމަށް ފާސްކުރަން ޖެހޭ ފަސް މެންބަރުންގެ ވަގުތީ ކޮމެޓީގައި ތިއްބަވާނެ މެންބަރުންގެ ނަންތައް މި ޖަލްސާއަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. ފަލާހު ހުށަހެޅުއްވި ނަންތަކަށް ތާއީދުކުރެއްވީ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

  • މާމިގިލީ ދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
  • މާފަންނު އުތުރު ދާއިރާގެ މެންބަރު، އެމްއެންޕީގެ ރައީސް އަހުމަދު ނާޒިމު
  • ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ
  • ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ
  • ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

އެ ޖަލްސާގައި މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބުދުﷲގެ ނަން ހުށަހެޅުއްވީ، މަޖިލީހުގެ ނާއިބު ރައީސް، ޕީއެންސީގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. ތާއީދު ކުރެއްވީ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.

އިދިކޮޅު އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދުވެސް މަޖިލިސް ރައީސްކަމުގެ މަގާމަށް މެންބަރެއްގެ ނަން ހުށަހެޅުއްވިއެވެ. އޭނާ ހުށަހެޅުއްވީ އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ނަމެވެ. ތާއީދު ކުރެއްވީ ހަމަ އެ ޕާޓީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

މަޖިލީހުގެ ނާއިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ އަހުމަދު ނާޒިމްގެ ނަން ހުށަހެޅުއްވީ، އަބްދުއްރަހީމެވެ. ތާއީދު ކުރެއްވީ ސުޖާއު އެވެ.

މެންބަރު ހުސެއިން ޒިޔާދު އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ނާއިބު ރައީސްގެ މަގާމަށް ހުށަހެޅުއްވީ، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ އެވެ. ތާއީދު ކުރެއްވީ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރެވެ.

މި ޖަލްސަގައި މަޖިލިސް ރައީސްކަމަށް އަބްދުއްރަހީމް އިންތިހާބުކުރީ، 71 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަބްދުއްރަހީމާ ވާދަކުރެއްވި ނާޒިލަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ. ބާތިލު ވޯޓުގެ އަދަދަކީ ހަތެކެވެ.

މަޖިލީހުގެ ނާއިބު ރައީސްކަމަށް ނާޒިމް އިންތިހާބު ކުރީ، 80 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އޭނާއާ ވާދަ ކުރެއްވި، އަހްމަދު ދީދީއަށް ލިބިވަޑައިގަތީ 12 ވޯޓެވެ.

މަޖިލީހުގެ ޖަލްސާތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ ގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލައި ފާސްކުރެވެންދެން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އެކުލަވައިލުމުގެ މަސްއޫލިއްޔަތު، މަޖިލީހުގެ އާއްމު ކޮމިޓީއާ ހަވާލުކޮށް 26 ޖޫން ވާ ބުދަ ދުވަހުގެ ނިޔަލަށް ގަވާއިދު އެކުލަވައިލައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް މަޖިލީހުގެ އާއްމު ކޮމިޓީއާ ހަވާލު ކުރުމަށް މެންބަރު ފަލާހު ހުށަހަޅުއްވައި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދުގެ ތާއީދާއެކު ފާސްކުރިއެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ މެންބަރުންގެ އަދަދު 13 ކަމަށް ކަނޑައަޅައި، އެ ކޮމިޓީ ފިޔަވައި މަޖިލީހުގެ ގަވައިދު ބަޔާންކޮށްފައިވާ ދާއިމީ ކޮމެޓީ ތަކުގެ މެންބަރުންގެ އަދަދަކީ 11 ކަމަށް ވެސް ފަލާހު ހުށަހަޅުއްވައި މެންބަރު ޝުޖާގެ ތާއީދާއެކު ފާސްކުރިއެވެ. ނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ފާސްކޮށް އެއަށް އަމަލު ކުރަން ފަށާފައިވަނީ، ޖުލައި މަހުގެ 24 ވަނަ ދުވަހު ބޭއްވި 19 ވަނަ ޖަލްސާއިން ފާސްކޮށްގެންނެވެ.

މަސައްކަތް ފަށައިގަތުމާއެކު، އެހެން މަޖިލިސްތަކާ ހިލާފަށް 20 ވަނަ ރައްޔިތުންގެ މަޖިލިސް ފެނިގެންދިޔައީ އަވަސް ސްޕީޑުގައި މުހިއްމު ގިނަ ނިންމުންތަކެއް ނިންމަމުންދިޔަ މަޖިލީހެއްގެ ގޮތުގައެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުންނާއި، މަޖިލިސްތަކުން ނިންމަން ނުކެރުނު ކަންތައްތަކެއް 20 ވަނަ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ތެރޭގައި ނިންމާފައިވާކަން ފާހަކަ ކޮށްލެވެއެވެ.

ޒުވާނުންގެ ގިނަ ބަޔަކު އެ ކަމަކަށް ދެވިހިފައިފައިވާ، ދުންފަތް، ކޮންޓްރޯލުކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ފޮނުވި މި ބިލަކީ ގިނަ ފާޑުކިޔުންތަކެއް މަޖިލީހަށް އަމާޒުވި ބިލެކެވެ. އެހެންކަމުން މި ބިލް ފާސްކުރަން މަޖިލިސް މެންބަރުންނަށް ގޮންޖެހުންތަކެއް ވެސް ކުރިމަތި ވިއެވެ. ނަމަވެސް ބިލަށް ބަދަލު އަންނާނެކަމަށް ބަލަ ބަލައި ތިއްބާ ސަރުކާރުން ފޮނުވައިގެން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން މަޖިލީހަށް ހުށަހެޅުއްވި މި ބިލް ނޮވެމްބަރު 12 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 48 ވަނަ ޖަލްސާއިން ފާސްކުރިއެވެ.

މި ބިލުގައި ވޭޕް މަނާކޮށް، ގާނޫނާ ހިލާފަށް ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކަށް ބޮޑެތި އަދަދުތަކެއްގެ ޖޫރިމަނާ ވަނީ ކަނޑައަޅައިފައެވެ. މި ބިލުގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން މަނާކޮށްފައިވެއެވެ.

ދައުލަތުގެ އިދާރާތައް ހިންގާ އިމާރާތްތަކާއި އެ ތަންތަނުގެ ގޯތިތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް، ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ތަންތަނުގައި ހުއްދައާ ހިލާފަށް ދުންފަތުގެ އިސްތިއުމާލުކޮށްފި ނަމަ، އެކަން ކުރި ފަރާތާއި، އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެ ތަނެއް ހިންގާ ފަރާތް 1000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމާއި، އެ ތަނެއްގެ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުއްދަ ބާތިލުކޮށް، އެ ތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމުގެ ބާރުވެސް މި ބިލުން ވަނީ ކަމާބެހޭ މިނިސްޓްރީއަށް ދީފައެވެ.

ބިލުގައިވާގޮތުން އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކުރުމަކީ މަނާކަމެކެވެ. އެފަދަ ތަކެތި އެތެރެކޮށްފި ނަމަ، 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށާއި، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރުމަށްވެސް ބިލުން ވަނީ ކަނޑައޅައިފައެވެ.

އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެގޮތުން ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ކަނޑައަޅާފައިވެއެވެ. އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ނަމަ، އިތުރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެފަދަ އުފެއްދުމެއް ރާއްޖޭގައި ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިންއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.

މި ބިލުގައި، ދުންފަތުގެ ބާވަތެއް ވިއްކޭނެ އެންމެ ހަގު އުމުރު 18 އަހަރުން 21 އަހަރަށް މަތިވެސް ކޮށްފައިވެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މަޖިލީހުން ފާސްކުރި ދެވަނަ ބިލަކީ، ސިނގިރޭޓާއި ބިޑިން ނަގާ ޓެކްސް ބޮޑުކޮށް، އެ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީ ވެސް ބޮޑު ކުރަން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

މިއީވެސް ވަކި ގޮންޖެހުން ކުޑަ ބިލެއްނޫނެވެ.

އޮކްޓޫބަރު 31 ގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 ވަނަ ޖަލްސާއިން ފާސްކުރި މި ބިލުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓު 3 ރުފިޔާއިން 8 ރުފިޔާއަށް ވަނީ މަތިކޮށްފައެވެ.

ސިނގިރޭޓާއި ދުންފަތުގެ އުފެއްދުންތަކުން ނަގާ އެޑްވަލޮރަމް ރޭޓު 50 ޕަސެންޓުން 100 ޕަސެންޓަށް ވަނީ މަތިކޮށްފައެވެ.

އިލެކްޓްރޯނިކް ސިނގިރެޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެނޫންވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލްގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުގެ ޑިއުޓީ 50 ޕަސެންޓަށް އަދި މިލިލީޓަރަކަށް، އަދި ސްޓިކަކަށް 8 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން ވަކި އަދަދަކަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރާ ގޮތަށް ސަރުކާރުން އެކުލަވައިލި 'ބޭރު ފައިސާގެ ބިލު' އަކީ މުޅިން އަލަށް މަޖިލީހުން ފާސްކުރި ބިލެކެވެ. ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހެޅުއްވި މިބިލް ފާސްކުރީ ޑިސެންބަރު 12 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 60 ވަނަ ޖަލްސާއިންނެވެ.

މި ބިލަކީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކާ ސަރުކާރާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނު ބިލެކެވެ.

މި ބިލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ، ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި، ބޭރު ފައިސާ ރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުސޫލުތަކާއި، އެނޫންވެސް ބޭރު ފައިސާއާބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް ކަނޑައަޅައި އެކުލަވައިލުމެވެ.

ބިލުގައި ކަނޑައަޅައިފައިވާ ވަކި ހާލަތުތަކެއްގައި މެނުވީ، ރާއްޖޭގައި ކުރެވޭ އެއްވެސް މަނިޓަރީ އިލްތިޒާމެއް ނުވަތަ މުއާމަލާތެއް، ދިވެހި ފައިސާ ފިޔަވައި، ބޭރު ފައިސާއަކުން ކުރުމާއި، ހުށަހެޅުމާއި އަދާކުރުން މަނާކޮށް، ރާއްޖޭގައި ދިވެއްސަކު ގަންނަ މުދަލާއި ހޯދާ ހިދުމަތުގެ އަގު، ބޭރު ފައިސާއިން އަދާކުރުމަށް ލާޒިމު ނުކުރެވޭ ގޮތަށް އުސޫލު ކަނޑައަޅައިފައިވެއެވެ.

ނަމަވެސް މި ބިލް ފާސްކުރީ ކެޓެގަރީ-އޭ ގެ ގޮތުގައި ޓޫރިޒަމް އެސްޓެބްލިޝްމަންޓުގެ ތެރޭގައި ހިމެނޭ، ޓޫރިސްޓް ރިސޯޓުތަކާއި، އިންޓްގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކާއި، ޕްރައިވެޓް އައިލަންޑްތަކާއި، ރިސޯޓު ހޮޓާތަކާއި، އެނޫންވެސް އެފަދަ ތަންތަނުން، މަހެއްގެ ތެރޭގައި އެ އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، ނުވަތަ، މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ (ގްރޮސް ސޭލްސް) ގެ 20 ޕަސެންޓް، މާރުކުރުމުގެ އިހުތިޔާރު ރިސޯޓްތަކަށްދޭ ގޮތަށެވެ.

ކެޓެގަރީ-ބީ ގެ ގޮތުގައި ޓޫރިޒަމް އެސްޓެބްލިޝްމަންޓުގެ ތެރޭގައި ހިމެނޭ، ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުން، ކޮންމެ މަހެއްގެ ތެރޭގައި އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، ނުވަތަ އެތަނަކަށް ލިބޭ ބޭރު ފައިސާގެ ގްރޮސް ސޭލްސްގެ 20 ޕަސެންޓް ބޭރު ފައިސާ، ބޭންކަކަށް މާރުކުރަން ޖެހޭނެ ކަމަށްވެސް ބިލްގައި ކަނޑައަޅާފައިވެއެވެ.

އެ ދެ ކެޓަގަރީ ފިޔަވައި، އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތްތަކަށް ބޭރު ފައިސާއިން މަދުވެގެން 15،000،000 އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް ބޭންކަކަށް ރުފިޔާއަށް މާރުކުރުމަށްވެސް ވަނީ ލާޒިމްކޮށްފައެވެ.

ގާނޫނާ ހިލާފުވާ ފަރާތްތަކަށްވެސް މި ބިލުން ވަނީ އަދަބުތަކެއް ކަނޑައަޅައިފައެވެ.

ޕާޓީ ބަދަލުކޮށްފިނަމަ، މަޖިލިސް މެންބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް މީގެ ކުރީގެ މަޖިލިސްތަކުންވެސް ގާނޫނުތަކަށް އިސްލާހު ގެނައެވެ. މީގެ ކުރިން އޮތް 18 ވަނަ ރައްިޔތުންގެ މަޖިލީހާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުންވެސް އެ އިސްލާހު ގެނައެވެ. ނަމަވެސް މި ފަހަރު 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގޮނޑި ގެއްލޭގޮތަށް އިސްލާހު ކޮށްފައި މިވަނީ ސީދާ ގާނޫނުއަސާސީ އެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު 20 ނޮވެމްބަރުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 52 ވަނަ ޖަލްސާއަށް ހުށަހެޅުއްވި މި ބިލް އެދުވަހުން އެދުވަހަށް ފާސްކުރިއެވެ. މި ބިލާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލިސް ކައިރީގައި އިހުތިޖާޖުވެސް ކޮށްފައެވެ.

ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް މި ބިލްގައި ވަނީ ކަނޑައަޅައިފައެވެ. މެންބަރަކު މިހާރު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް ބިލުގައިވެއެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުން ވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް ބިލުގައި ވެއެވެ.

އެ ބިލުގައި، ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ހާއްސަ އިގުތިސާދީ ސަރަހައްދަށް ބަދަލު ގެންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ކަމަށްވެސް ވަނީ ފާސްކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުރު ރާސްތާއަށާއި، މެދު ރާސްތާއަށާއި، ދުރު ރާސްތާއަށް އަމާޒުކޮށް ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށައެޅުން ގާނޫނުއަސާސީގައި މި ބިލުން ވަނީ ހިމަނައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީގެން ނުވާނެ ކަމަށް އޮތް މައްދާ ބަދަލުކޮށް، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫން ވެސް ގޮތަކަށް، ރާއްޖެއިން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމަށް ހުއްދަދީގެން ނުވާނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ. އަދި އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ، އަސްކަރީ ބޭނުމަކަށް ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި އަމަލީގޮތުން ހަރަކާތްތެރިވުމަށް ހުއްދަ ދީގެން ނުވާނެ ކަމަށް ވެސް ހިމަނާފައިވެއެވެ.

މިއީ ކޮޕީރައިޓާ ގުޅޭ ހައްގުތައް ކަށަވަރުކުރުމާއި، ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެކެވެ.

ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 56 ވަނަ ޖަލްސާއިން ފާސްކުރި މި ބިލުގައިވާ ގޮތުން މި ގާނޫނަށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ ސަރަހައްދުގައި އުފައްދާ އަދަބީ އަދި ފަންނީ އުފެއްދުންތަކާއި ޕާފޯމަންސްތަކާއި އަޑުގެ ރެކޯޑިންތަކާއި ބްރޯޑްކާސްޓްތައް ހިމަޔާތްކުރެވިގެންދާނެއެވެ. ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދަނެތި އެ މީހެއްގެ އުފެއްދުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް އުފެއްދުމާއި ފޯރުކޮށްދިނުން މަނާވާނެއެވެ. ނަމަވެސް އުނގަންނައިދިނުމުގެ ބޭނުމުގައި އެފަދަ އުފެއްދުމެއް ހުއްދައާ ނުލައި ބޭނުންކުރެވިދާނެއެވެ.

މި އިސްލާހުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްވެސް ހައްގަކަށް އެއްވެސް ފަރާތަކުން އަރައިގެންފިނަމަ ނުވަތަ އެއިން ހައްގަކަށް އަރައިގަންނަން އެއްވެސް ފަރާތަކުން އުޅޭކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެ ހައްގު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ޓަކައި ކަމާބެހޭ ކޯޓެއްގައި ދައުވާކުރުމުގެ ހައްގު ކޮޕީރައިޓުގެ ވެރިފަރާތަށް ލިބެއެވެ. ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިދޭ ހައްގުގެ ބޭނުންކޮށް އެފަރާތުގެ އެ ހައްގަށް އަރައިގަތުން ހުއްޓުވުމަށް ނުވަތަ އެކަމުގެ ސަބަބުން ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިފައިވާ އަދި ލިބެމުން އަންނަ ގެއްލުމެއްގެ ބަދަލު ހޯދުމަށް ގާނޫނު ހުއްދަކުރާ ކޮންމެ ފިޔަވަޅެއް އަޅައިދިނުމަށް އެދި ދައުވާކުރުމުގެ ހައްގުވެސް އެފަރާތަށް ލިބިގެންދާނެއެވެ.

މި އިސްލާހުގެ ދަށުން ކޮޕީރައިޓަޑް އުފެއްދުންތަކަށް ހިމާޔަތް ލިބޭ މުއްދަތު 50 އަހަރުގެ ބަދަލުގައި 70 އަހަރަށް ވަނީ އިިތުރުކޮށްފައެވެ.

ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގަށް އަރައިގަތުމުގެ ގޮތުން އެ ހައްގަށް އަރައިގަތް ފަރާތުން ގަސްދުގައި ނުވަތަ އެކަށީގެންވާ ފަރުވާ ނުބަހައްޓައި ކުރި އަމަލުގެ ކުޑަބޮޑުމިނަށް ބަލައި އަދަބެއްގެ ގޮތުން އެފަރާތް 10،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދެއްގެ ބަދަލެއް ނަގައިދެވޭނެއެވެ. މީގެ އިތުރުން ގާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ ހައްގަކަށް ގަސްތުގައި އުނިކަމެއް އަންނަގޮތަށް އަމަލުކޮށްފި ނަމަ ޖިނާއީ އަދަބެއްގެ ގޮތުގައި އޭގެ ކުޑަބޮޑުމިނަށް ބަލައި 50،000 ރުފިޔާ އާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް އިސްލާހުގައި ވަނީ ހިމަނައިފައެވެ.

ޑިސެމްބަރުމަހުގެ ނުވަވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 58 ވަނަ ޖަލްސާއިން ފާސްކުރި، ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ މައިގަނޑު މަގުސަދަކީ، ސައިބަ ކްރައިމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައެޅުމެވެ.

  • ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން؛
  • ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން؛
  • ހުއްދަ ނެތި ކޮމްޕިއުޓަރު ޑޭޓާ އިންޓަސެޕްޓް ކުރުން؛
  • ހުއްދަ ނެތި ކޮމްޕިއުޓަރު ސިސްޓަމަކަށް އިންޓަފިއަރ ކުރުން؛
  • ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުން؛
  • ސައިބަރ ވަޔަލަންސްގެ އަމަލުތައް؛
  • ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތައް
  • ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް؛
  • ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް

ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައި މި ބިލުގައި، ބަންޑާރަނައިބަކީ މަގާމުގެ ހައިސިއްޔަތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއް ކަމުގައި ގާނޫނުން ކަނޑައަޅައިފައި އޮތް އޮތުން ބަދަލުކޮށް، ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީއަކީ ހަމައެކަނި ގާނޫނީ ވަކީލުން އިންތިހާބުކުރާ ރައީސަކާއި، ނައިބުރައީސަކާއި، މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ކަމަށް ކަނޑައެޅިއެވެ.

މި ބިލު ފާސްކުރީ އޯގަސްޓް މަހުގެ 22 ވީ ބުރާސްފަތި ދުވަހު ބޭއްވި އެ އަހަރުގެ ދެވަނަ ދައުރުގެ 32 ޖަލްސާއިން ފާސްކުރި ބިލެކެވެ.

މިކަމަށް މަގުފަހިކުރުމުގެ ގޮތުން އެ މާއްދާގައި އެގްޒެކްޓިވް ކޮމެޓީގައި ހިމެނުމަށް ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލުންގެ އަދަދު ހަޔަކުން ހަތަކަށް ބަދަލުކޮށް، ބަންޑާރަނައިބާ ގުޅޭގޮތުން ގާނޫނުގައި ހުރި ބައިތައް އުނިކުރިއެވެ.

ރަސްމީ އިދާރާތަކުންނާއި ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމާއި، ބޭރު ގައުމުތަކުގައި ބޭނުންކުރުމަށް ޓަކައި ދިވެހިރައްޔިތުންނަށް ބައެއް ބާވަތުގެ ލިޔެކިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމުގެ ހުއްދަ ލިބިދެވޭ ގޮތަށް ޕަބްލިކް ނޯޓަރީންގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދެވޭ ތަންތަނާ ގުޅޭ މާއްދާއަށްވެސް މި ބިލުން އިސްލާހު ގެނައެވެ.

މީގެ އިތުރުންވެސް މުޅީން އާ ގާނޫނު ތަކުގެ ގޮތުގައި، ދަރަންޏާބެހޭ ބިލާއި، ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލާއި، އާބަން ޑިވެލޮޕްމަންޓްގެ ބިލާއި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާއި، ބޭރު ފައިސާގެ ބިލް 2004 ވަނަ އަހަރު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އެގޮތުން 2004 ވަނަ އަހަރު ނިމުނުއިރު މިހާރު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ޖުމުލަ 31 ބިލެއް ފާސްކޮށްފައެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުން މަޖިލީހުގެ މަސައްކަތްތަކާ ހަވާލުވެފައި ވަނީ، އެ މަޖިލީހުގެ ފުރަތަމަ ދައުރަކީ، އެ އަހަރުގެ ދެވަނަ ދައުރުގެ ގޮތުގައެވެ.

އެހެންކަމުން މިދިޔަ އަހރުގެ ފުރަތަމަ ދައުރު ނިންމައިލީ، 11 ބިލެއް ފާސް ކުރުމަށްފަހުގައެވެ. އަދި މިދިޔަ އަހަރުގެ އެންމެ ފަހު ދައުރު ނިންމައިލުމަށްފަހު 12 ޑިސެމްބަރުގައި މަޖިލިސް ޗުއްޓީއަށް ދިޔައީ އެ ދައުރުގައި 20 ބިލް މަޖިލީހުން ފާސްކުރުމަށްފަހުގައެވެ.

ގާނޫނުތަކަށް އިސްލާހު ގެނައުމުގެ އިތުރުން މިދިޔަ އަހަރު ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަޖިލީހުން ވަނީ ވަކި ކޮށްފައެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި އޭރު ހުންނެވި، އަލީ ހާޝިމް ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މަޝްވަރާ ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، ޖުލައި 22 ގައެވެ.

އަލީ ހާޝިމް ގަވަރުނަރުކަމުން ވަކިކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ. އޭނާ އެގޮތަށް ހުށަހެޅުއްވީ އަލީ ހާޝިމް ޒިންމާ އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެއެވެ.

މަޖިލީހުން ފާސްކުރި ގޮތަށް އަލީ ހާޝިމް އެ މަގާމުން ވަކި ކުރުމަށްފަހު، އާ ގަވަރުނަރު ކަމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި އަހުމަދު މުނައްވަރު އެ މަގާމަށް އއްޔަންކުރަން މަޖިލީހުން ފާސްކުރީ 30 ޖުލައިގައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށަހެޅި، އެ ޓްރައިބިއުނަލްގެ ހަތަރު މެންބަރުން މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 19 އޯގަސްޓްގައެވެ. މިއީ ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ ގޮތުން މައްސަލަތަކެއް ފާހަގަކޮށް އެ ޓްރައިބިއުނަލްގެ ފަސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސްމާއީލް ސާޖިދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުއްވި މައްސަލައެެކެވެ.

ސާޖިދު މަޖިލީހަށް ހުށަހެޅުއްވި ސިޓީގައި ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ބެންޗް ކަނޑައަޅާއިރު ފައިސާގެ ބޮޑެތި އަދަދު ހިމެނޭ މައްސަލަތަކުގައި އަބަދު އެއް ބަޔަކު ތިބެގެން ނާޖާއިޒު ފައިދާތަކެއް ނަގާ ކަމާއި ޓްރައިބިއުނަލްގެ ރައީސަށް އާދަޔާ ހިލާފު ތަނަވަސްކަމެއް ލިބި، ކާރާއި ސައިކަލާއި އެޕާޓްމަންޓް ފަދަ މުދާ ހޯދަމުންދާ ކަމާއި ރާއްޖެއިން ބޭރަށް ގިނަ ދަތުރުތައް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އޭގެ ތެެރެއިން އަމިއްލަ ދަތުރެއްގައި ތައިލެންޑަށް ވަޑައިގެން، ތައިލެންޑްގެ އެމްބަސީ މުވައްޒަފުން މެދުވެރިކޮށް އެތަނުގެ ސެންޓްރަލް ކޯޓުގެ އިސް ފަނޑިޔާރާ ބައްދަލުކޮށްފައިވާ ކަމަށާއި އެއީ އިޖުރާއަތް ފުރިހަމަ ނުވުމުގެ ސަބަބުން ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމާފައިވަނިކޮށް، ލޯ ފާމަކަށް ފަހިވާ ގޮތަށް މައްސަލައެއް ބަލައިގަތުމަށް ނިންމުމުގެ މުގާބިލެއްގެ ހަދިޔާއެއްގެ ގޮތުން ލިބުނު ދަތުރެއް ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.

ޓްރައިބިއުނަލްގެ މެންބަރަކާއި ކުރީގެ ފިނޭންސް މިނިސްޓަރާ އޮންނަ ގުޅުމުގެ ސަބަބުން ޓްރައިބިއުނަލަށް ބޭނުންވާ ބަޖެޓު ވަރަށް ފަސޭހައިން ލިބޭކަމަށާއ،ި 10 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެދުމުން 12 މިލިއަން ރުފިޔާ ހަމަޖެހުނުކަމަށާއ،ި ޓްރައިބިއުނަލްގެ އޮފީސް އިމާރާތް ކުއްޔަށް ހިފިއިރު ދައްކަން ޖެހޭކަމަށް ނެތް އެޑްވާންސް ފައިސާއެއް ދިނުމަށް، ބަލަންޖެހޭ ވަރަށް ނުބަލައި ފިނޭންސް މިނިސްޓްރީން އެޕްރޫވްކޮށްފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.

މީގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރުމަށް ހުރަސް އަޅާތީ، ޓްރައިބިއުނަލްގެ ރަޖިސްޓްރާއަށް އެތަނުގެ ރައީސާއި ނައިބު ރައީސް، އެކި ފަހަރު މަތިން އިންޒާރުދީފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ. އަދި ޓްރައިބިއުނަލްގެ މެންބަރުކަން ލިބުމުން ބައެއް މެންބަރުންގެ ދިރިއުޅުމުގެ ހާލަތަށް ބަދަލު އައިސްފައިވާ ކަމާއި ބައެއް މެންބަރުން ރާއްޖެއިން ބޭރަށް ދަތުރުކުރުން ފަދަ ކަންކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށްވެސް ހިމަނާފައިވެއެވެ.

ޓްރައިބިއުނަލްގެ އެހެން މެންބަރުންނަށް ގިނަ ތުހުމަތުތަކެއް އެ ސިޓީގައި ކޮށްފައިވާއިރު، ޓްރައިބިއުނަލްގެ ގިނަ ކަންކަން ކުރެވެމުންދަނީ ދައުލަތަށް މާލީ ގޮތުން ގެއްލުންވާ ގޮތަށް ކަމަށާއި އެ ޓްރައިބިއުނަލްގެ ބައެއް މެންބަރުންގެ ފަރާތުން މެންބަރުންނަށާއި މުވައްޒަފުންނަށް އެކި ކަހަލަ ފުރައްސާރަ ކުރިމަތިވަމުންދާ ކަމަށްވެސް އެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.

މީގެ އިތުރުން ޓްރައިބިއުނަލުން ބޭކާރު ހަރަދުތައް ކުރާ ކަމަށާއި މައްސަލަ ބެލުމުގައި ކަންކަންކުރާ ގޮތުގެ ކަންބޮޑުވުންތަކެއްވެސް ވަނީ ހުށަހަޅައިފައެވެ.

އެ ސީޓީގައިވާ ކަންތައްތަ ގުޅިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އެ ކަންތައްތައް ބެލުމަށްފަހު، ކޮމިޓީން ފާސްކޮށް ރެކޮމެންޑޭޝަންތަކެއް ހިމަނައި، ކަމާބެހޭ ރިޕޯޓެއް މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ. އެ ރިޕޯޓްގައި މަޖިލީހަށް މައްސަލަ ހުށަހެޅި މެންބަރު އިސްމާއީލް ސާޖިދު ފިޔަވައި، ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ތިއްބަވާ ހަތަރު މެންބަރުން މަގާމުން ވަކިކުރުމަށް ރައީސަށް ލަފާ އެރުވުމަށް ހިމަނާފައިވެއެވެ.

ވަކިކުރަން ފާސްކުރި މެންބަރުންގެ ތެރޭގައި ހިމެނެނީ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި ޓްރައިބިއުނަލްގެ ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލް އާއި މެންބަރު އަހުމަދު އަޝްރަފާއި މެންބަރު ހަޖީދާ ނައީމެވެ. މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމަށާއި ނުހައްގު މުއްސަނދިކަމާއި ކޮރަޕްޝަންގެ ތުހުމަތުތައްކޮށް، އެ މެންބަރުންގެ މައްސަލަ ތަހުގީގު ކުރަން އޭސީސީއަށް ހުށަހެޅުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އޭގެ އިތުރުން ޓްރައިބިއުނަލް ހިންގާ އިމާރާތަކީ އެކަމަށް ބޭނުންވާވަރަށްވުރެ ބޮޑު އިމާރާތަކަށްވާތީ، ދައުލަތަށް މާލީ ގޮތުންވާ ގެއްލުން ކުޑަކުރުމަށް އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމާއި ޓްރައިބިއުނަލްގެ މައްސަލަތަކުގެ ބެންޗް ކަނޑައެޅުމަށާއި ބެންޗްގެ ރިޔާސަތު ކަނޑައެޅުމަށް، ގަވާއިދުގެ ދަށުން ރައީސަށް ފުރުސަތު އޮތުމުން އިންސާފުވެރިކޮށް މައްސަލައެއް ބެލިގެންދާނެކަމާމެދު ސުވާލު އުފެދުމުގެ ފުރުސަތު އޮތުމުން ޝަރުއީ ކޯޓުތަކުގައިވެސް އޮންނަ ގޮތަށް، ކަނޑައަޅާފައިވާ ވަކި ތަރުތީބަކުން މައްސަލަތަކުގެ ބެންޗް ކަނޑައެޅިގެންދާނެ ފަދަ ގޮތަކަށް ގަވާއިދު އިސްލާހުކުރަންވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަލީ ނަޝާތުއާއި ކޮމިޝަންގެ މެންބަރު މުހައްމަދު އާސިފް ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، 25 ނޮވެމްބަރުގައެވެ.

އެ ބޭފުޅުން ވަކިކުރަން މަޖިލީހުން ފާސްކުރީ ނުފޫޒާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް އެ ބޭފުޅުން ކޮމިޝަންގެ މެންބަރުން ކަމުން ވަކިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓަކާ ގުޅިގެންނެވެ. އެ ދެ ބޭފުޅުންގެ އިތުރުން، ހަމަ އެ ތުހުމަތުތަކާއެކު ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރު ކޮމިޝަނުން ވަކިކުރަންވެސް ކޮމިޓީ ރިޕޯޓުގައި އެދިފައިވެއެވެ. ނަމަވެސް އޭނާ ވަކިކުރަން މަޖިލީހުން ފާހެއް ނުކުރިއެވެ.

އެ ބޭފުޅުންގެ މައްސަލަތައް ބެލުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓުގައިވަނީ، ނަޝާތު އާއި އާސިފް އަދި ޒާހިރު ވިޔަފާރިކުރާ ފަރާތަކާ ގުޅިގެން އީސީއަށް ކޮމްޕިއުޓަރު ސިސްޓަމްތަކެއް ވަކި ވިޔަފާރި ކުންފުންޏެއް މެދުވެރިކޮށް ހޯދާފައިވާ ކަމަށެވެ.

ކޮމިޝަންގެ މުވައްޒަފުންނާ މުއާމަލާތް ކުރުމުގައި އިހުތިރާމު ކުޑަކޮށް، ބޭއަދަބީ ބަހުން ނަޝާތު މުއާމަލާތްކުރާ ކަމަށާއި ކޮމިޝަންގެ މެންބަރުކަމުގައި ހުންނަވައިގެން، ބައެއް ފަރާތްތަކާ ވާހަކަދައްކަވާއިރު ކޮރަޕްޝަނަކީ މައްސަލައެއް ނޫން ކަމަށް އެ ތިން ބޭޭފުޅުން ވިދާޅުވާ ކަމަށާއި ފައިސާއަށް ޓަކައި ވޯޓު ވިއްކާނެކަމުގެ ވާހަކަދައްކައި އެ ކަންކަމަކީ މައްސަލައެއް ނޫން ކަމަށް ބުނާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.

ކޮމިޝަންގެ ބައެއް މުވައްޒަފުން ނަޝާތު ކޮންޓްރޯލް ކޮށްގެން ގެންގުޅޭ ކަމަށާއި އެގޮތުން އެ މުވައްޒަފުންނަށް ކެއުމާއި ސައި ދިނުމުގެ އިތުރުން އެކި ގޮތް ގޮތުން އެ މުވައްޒަފުންނަށް މަންފާ ހޯދައިދޭ ކަމަށާއި ވަކި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ސޮއިކުރި މެންބަރުންގެ ލިސްޓް އޭރުގެ ރައީސް އޮފީހުގެ އިސްފަރާތަކަށް ފޮނުއްވައި އެ ޕާޓީ އުފެއްދުމުގެ މަރުހަލާގައި އެ ޕާޓީ އުފެއްދުމަށް ހުރަސްއެޅުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް އަބްދުއްސަލާމް އާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު އެ ކޮމިޝަނުން ވަކިކުރުމަށް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ. އަދި އޭރު ހުންނެވި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީން މަގާމުން ވަކިކުރަންވެސް މަޖިލީހަށް ހުށަހެޅިއެވެ.

ނަމަވެސް އެ ބޭފުޅުންގެ މައްސަލައަށް ވޯޓަށް އެހުމުގެކުރިން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އޮގަސްޓް މަހުގެ 23 ވަނަ ދުވަހު، ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިއްމާލުމަށްފަހު ޗުއްޓީއަށް ދަމުން މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، އެފަހަރު މަޖިލީހަށް ހުށައެޅި 23 ބިލުގެ ތެރެއިން 11 ބިލްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.

އެދައުރުގައި ރިޔާސަތުން ހުށަހެޅުއްވި 13 މައްސަލައެއް ނިންމައި، ސަރުކާރުން ހުށަހެޅި ނުވަ މައްސަލައެއް ނިންމައި ކުއްލި ނުވަ މައްސަލަ ނިންމި ކަމަށްވެސް ވިދާޅުވިއެވެ. އަދި އެހެނިހެން މައްސަލަތަކާ ގުޅިގެން ހުށަހެޅި ނުވަ ރިޕޯޓުގެ މަސައްކަތް ނިންމައި ވަޒީރުންނާ ސުވާލުކުރުމަށް ހުށަހެޅި 12 ސުވާލު ކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ. މުޅި ޖުމުލަ އެ ދައުރުގެ ތެރޭގައި 82.9 އިންސައްތަ މަސައްކަތް ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ.

އަހަރުގެ ތިންވަނަ ދައުރާއެކު މުޅި މަޖިލީހުގެ މަސައްކަތް ނިންމައި މަޖިލިސް އަހަރީ ޗުއްޓީއަށް ދިޔައީ ޑީސެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުހުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވީ، އެ ދައުރުގެ މަސައްކަތްތަކުގެ ތެރެއިން 73.3 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ދައުރުގައި ޖުމުލަ 27 ޖަލްސާ ބާއްވައި، އެ ޖަލްސާތަކުގައި ޖުމުލަ 67 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމިޓީތަކުގެ މަސައްކަތްތަކަށް ބަލައިލާއިރު ކޮމިޓީތަކުގެ ޖުމުލަ 165 ބައްދަލުވުން ބާއްވައި، ކޮމިޓީތަކުގެ ބައްދަލުވުންތަކުގައި ޖުމްލަ 118 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ދައުރުގައި ޖުމުލަ 20 ބިލާއި، އެއް ގަރާރާއި ސަރުކާރުން ހުށަހެޅި 13 މައްސަލަ އާއި ރިޔާސަތުން ހުށަހެޅި ފަސް މައްސަލައާއި ހަތަރު ކުއްލި މައްސަލަ ކުރިއަށް ގެންގޮސްފައިވާއިރު، ވަޒީރުންނާ 13 ސުވާލެއް ކޮށް އެހެނިހެން މައްސަލަތަކާ ގުޅޭ ހަތް ރިޕޯޓުގެ މަސައްކަތް އެެއްކޮށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން 20 ވަނަ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ވަނީ ރެކޯޑް އަދަދަކަށް މަސައްކަތް ކޮށްފައެވެ. އަދި ޖެހިލުން ކުޑަ ނިންމުންތަކެއް ނިންމައިފައެވެ.