އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕެއިނަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ހިންގަވާ ބޮޑު ޖަރީމާއެއް ކަމަށާއި، ރާއްޖޭގެ އެއްވެސް ރައްޔިތަކު އެ ކެމްޕެއިންގައި ބައިވެރި ނުވުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިލްތިމާސް ކުރައްވައިފިއެވެ.

އެމްއެންޕީން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނާޒިމް ވިދާޅުވީ، ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތަކީ، ވެރިކަމުގައި ހުންނަވައިގެން އަމިއްލަ އެދުމުން ފޯވެގެން ކުރައްވާފައިވާ ކަންތައްތަކާއި އަމިއްލަ ކުށްތައް ފޮރުވައި މަތިއެޅުމުގެ ގޮތުން ކުރައްވަމުންގެންދާ ކަމެއް ކަމަށެވެ. އެއީ ގައުމީ ކަމެއް ނޫން ކަމަށާއި އެކަން އެމްއެންޕީން ގަބޫލު ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އޭނާއަށާއި އޭނާގެ އާއިލާއަށް ވަރަށް ބޮޑެތި އަނިޔާ ދިން ނަމަވެސް ހިތް ހަލާސް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ރައްްޔިތުންނަށާއި ގައުމަށް ގެއްލުންދޭ ކަންކަމުގައި ކޮންމެ މީހަކު ކުރިއަށް ދެކޮޅަށް ބަސްބުނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާސީ ލީޑަރަކު އަމިއްލަ މަންފާއަށްޓަކައި ގައުމު ހަލާކުކޮށްލަމުންދާ އިރު، ވަކި ބޭފުޅަކަށްވީތީ އެއްޗެއް ނުބުނެ ނުތިބެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހައްގުގައި ބަސްބުނަން ޖެހިލުންވާ ސިޔާސީ ލީޑަރަކު ނެތް ކަމަށާއި، އެއީ ކޮށްގެންވާނެ ކަންތައްތަކެއް ނޫން ކަަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮންނަންވާނީ ހުރިހާ ގައުމުތަކާ ގުޅުން އޮންނަ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. އެގޮތަށް ބަލާއިރު މިހާތަނަށް ރާއްޖޭގައި އެންމެ ރަނގަޅު ހާރިޖީ ސިޔާސަތެއް އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ޗައިނާއާ ގުޅުން ކުޑަވުމުން ރާއްޖެއަށް ލިބުނު ގެއްލުންތަކާއި، އިންޑިއާއާ އޮތް ގުޅުމުން ރައްޖެއަށް ކުރި ފައިދާތައް ފާހަގަކޮށް އެގޮތަށް ޗައިނާއާއެކު ހާރިޖީ ގުޅުން އޮންނަނަމަ ރާއްޖެއަށް ލިބޭނެ އިތުރު ފައިދާތައްވެސް ނާޒިމް ފާހަގަކުރެއްވިއެވެ.