ޕީޕަލްސް ނޭޝަންލް ކޮންގްރެސް (ޕީއެންސީ)ގައި 74،000 އަށްވުރެ ގިނަ މެންބަރުން އެބަ ތިބި ކަމަށް އިލެކްޝަން ކޮމިޝަންސް (އީސީ)ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެެވެ.

އީސީގެ ފާއިތުވި 2025ގެ ތަފާސްހިބާތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ނިމުނުއިރު 9 ޕާޓީއެއް ރަޖިސްޓްރީވެފައިވާއިރު އޭގެ ތެރޭގައި ގިނައީ، 10،000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ.

ރާއްޖޭގައި އެންމެ ގިނަ މެންބަރުން ރަޖިސްޓްރީ ވެފައި ތިބީ ޕީއެންސީގައެވެ. ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިވް ޕާޓީ، އެމްޑީޕީގައެވެ. އެއީ، 43،784 މެމްބަރުންނެވެ.

ތިންވަނައަށް ޖުމްހޫރީ ޕާޓީއެވެ. އެ ޕާޓީގައި 12،343 މެންބަރުން ރަޖިސްޓްރީވެފައިވެއެވެ. މީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) 9،686 މެންބަރުން، އަދާލަތު ޕާޓީ 8،267 މެންބަރުން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) 5،133 މެންބަރުން، ޕީޕަލްސް ނޭޝަނަލް ޕްރަންޓް (ޕީއެންއެފް) 3،012 މެންބަރުން، ދަ ޑިމޮކްރެޓްސް 2،952 މެންބަރުން، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) 1،710 މެންބަރުން ތިބިކަމަށްވެސް އީސީގެ 2025ގެ ތަފާސްހިސާބުތަކުން ދައްކައެވެ.

24 ޑިސެމްބަރު 2025، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ފޮޓޯ: އެމްޑީޕީ

ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ނުވަ ޕާޓީއެއް އޮތްއިރު، މިއަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ، ހަތަރު ސިޔާސީ ޕާޓީއަކަށެވެ.

އީސީން އާންމުކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުން، މި އަހަރުގެ ބަޖެޓު ފާސްކުރި ދުވަސް ކަމުގައިވާ 2025ގެ ނޮވެމްބަރު 25 ވަނަ ދުވަހުގެ ނިޔަލަށް އެ ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވަނީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ސަރުކާރު ހިންގާ ޕީއެންސީގައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރަކަށްވެސް ފާސްކުރާ ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރާނެ އެވެ. އެ އަދަދަށް ފައިސާ ދޫކުރާނީ، 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.

2025ގެ ބަޖެޓުން ފައިސާ ދޫކުރީ، ސިޔާސީ ފަސް ޕާޓީއަކަށެވެ. އޭގެ ތެރެއިން ގާނޫނުގައި ބުނާ އަދަދަށް މެންބަރުންގެ އަދަދު ހަމަ ނުވުމުން، މި އަހަރު ބަޖެޓުން ފައިސާ ލިބޭ ލިސްޓުން އުނިވާނީ އަދާލަތު ޕާޓީއެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އާންމު މެންބަރުންނަށް ވަގުތުން ޕާޓީން ވަކިވެވޭ ގޮތަށް އީސީން ހަމަޖެއްސީ މި އަހަރުގެ ފުރަތަމަ ދުވަހުގައެވެ.

އީސީން މި މަހުގެ ފުރަތަމަ ދުވަހު ބުނީ https://my.elections.gov.mv މެދުވެރިކޮށް ޕާޓީން ވަކިވެވެން ހުންނާނެ ކަމަށެވެ.

އީސީގެ ނައިބު ރައީސް ސަލާހު ރަޝީދު "ވަން" އަށް 2025ގެ ޑިސެމްބަރުމަހުގެ ހަތްވަނަ ދުވަހު ވިދާޅުވެފައިވަނީ ޕާޓީތަކުގެ އާންމު މެންބަރުންނަށް ވަގުތުން ޕާޓީން ވަކިވެވޭ އުސޫލެއް ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ފަހުން އީސީން އާންމުކުރާނެ ކަމަށެވެ.

އުސޫލުގެ ދަށުން "އެ މީހަކު ވަކިވާން އެދެފިއްޔާ ޕާޓީން އިސް މަގާމުތައް ހަވާލުވެފައި ތިބި ފަރާތްތައް ފިޔަވައި އެންމެނަށްވެސް ވަކިވެވޭނެ" ސަލާހު ވިދާޅުވެފައިވެއެވެ.

ވަގުތުން ޕާޓީން ވަކި ނުވެވޭ ބައެއް ފަރާތްތަކުގެ މިސާލު ދައްކަވަމުން ސަލާހު ވިދާޅުވެފައިވަނީ ޕާޓީގެ ހަޒާންދާރު، ޕާޓީގެ ރަޖިސްޓްރާ، ޕާޓީގެ ރައީސް އަދި ޕާޓީގެ ޗެއާޕާސަން ފަދަ އީސީގެ ރިކޯޑުގައި ހިމަނަން ޖެހޭ ފަރާތްތައް ކަމަށެވެ. އެ މަގާމުތަކުގައި އަދި އެފަދަ އެހެން މަގާމުތަކުގައި ތިބޭ މީހުން ވަގުތުން ޕާޓީން ވަކިކޮށް ނުދެނީ ޑިޔު ޕްރޮސެސް ފުރިހަމަ ކުރަން ޖެހޭތީ ކަމަށް ސަލާހު ވިދާޅުވެފައިވެއެވެ.

17 ޑިސެމްބަރ 2025، މާލެ، ކޮންގްރެސް ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު