ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.
ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތީން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިޔާ އައުޓް" ކަމްޕެއިނަށް ކ. ތުލުސްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު، ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަމުގެ ކުރީން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުން މާމުހިންމު ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ބާރު ގާނޫނުން ލިބިދީފައިވާ ކަމަށެވެ. އަދި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކުރާ މަސައްކަތުގެ އަޑު އިންޑިއާ ސަރުކާރަށް އިވޭނެ ކަމަށާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރުގެ ގެކޮޅު ކައިރީގައިވެސް އިންޑިއާ ސިފައިން ތިބުމާ ދެކޮޅު ހަރަކާތްތައް ބާއްވަން މީގެ ކުރިން އުޅުމުން އެކަން ހުއްޓުވާފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ ކަމަށް ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓުން ރާއްޖޭގައި އިންޑިއާ މިލިޓަރީ ތިބި ތިބުމާ ރައީސް ނަޝީދުވެސް ދެކޮޅުކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާގެ ދައުރު އޮތް މިންވަރު ވިދާޅުވި އިރު، އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމާ ދެކޮޅަށް އެއްވެސް ވާހަކައެއް ރައީސް ނަޝީދު ނުދައްކަވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީނު ވަނީ އިދިކޮޅުން އިންތިޒާމުކޮށްގެން މިއަދު ހަވީރު ބާއްވަން އުޅުނު ވެހިކަލް ބުރު ފުލުހުން ހުއްޓުވުމުން އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ. ވިދާޅުވީ، އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ޒުވާނުން ކުރިއަށް ގެންދަން އުޅުނު ވެހިކަލް ބުރު ފުލުހުންނަށް ހަޖަމުނުވި ކަމަށެވެ. އަދި ވިދާޅުވީ، މި ސަރުކާރަކީ ޑިމޮކްރަސީ ކިޔާފައި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަން ހުޅުވާލައިގެން ވެރިކަމަށް އައި ބައެއް ކަމަށާއި މިއަދު ފެނިގެން ދަނީ ތާއިދު ނެތިގެން އެކަމާ ދެކޮޅަށް މި ސަރުކާރުގެ ވެރިން ތެދުވާ މަންޒަރު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު