ނުރައްކާތެރި ކަމާއެކު ފެތުރެމުންދާ، ކޮވިޑުގެ އާ ވެރިއެންޓު ކަމަށްވާ އޮމިކްރޯން ގެ އިތުރު ހަތަރުކޭސް ރާއްޖެއިން ފެނިއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެޗްޕީއޭގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ ހަތަރުކޭސް ފެނިފައި ވަނީ، ސައުތު އެފްރިކާއަށް ދަތުރުކުރުމުގެ ހިސްޓްރީ އެއް އޮތް ބައެއްގެ ފަރާތުން ކަމަށެވެ.
ރާއްޖޭން އޮމިކްރޯން ވޭރިއަންޓް ފުރަތަމަ ފެނިފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ކޭސް ފެނުނީ ދެކުނު އެފްރިކާއިން ރާއްޖެ އައި ފަތުރުވެރިއްގެ ގައިންނެވެ.
ނަމަވެސް ޑރ.އަފްޒަލް ވިދާޅުވީ، އަލަށް ފެނުނު ހަތަރުކޭހަކީ ފުރަތަމަ ފެނުނު ކޭސްތަކާ ގުޅުން ހުރި ކޭސްތަކެއް ނޫން ކަމަށެވެ. އަދި އެކޭސްތައް ފެނުނީ، ރާއްޖެއިން ފުރުމުގެ ކުރިން އެމީހުން ހެދި ކޮވިޑް ޓެސްޓުން ކަމަށް ވެސް ވިދާޅުވިއެވެ.
އަފްޒަލް ވިދާޅުވީ އެކަމާ ގުޅިގެން ކޭސްތަކުގެ ރިސްކް އެސެސްމަންޓެއް މިހާރު ހަދަމުން އަންނަ ކަމަށެވެ.
ނަމަވެސް މި ވޭރިއަންޓާ މެދު އަޅާނެ ވަކި ހާއްސަ ފިޔަވަޅުތަކެއް ނެތް ކަމަށާއި ސަލާމަތާ ރައްކާތެރިކަމަށް ޓަކައި މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުކޮށް އިތުރަށް ސަމާލު ވާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އާ ވޭރިއަންޓް މާލެ ސަރަހައްދާއި، އަތޮޅުތަކުގެ ރަށްރަށަށް ފެތުރުމުގެ ފުރުސަތުވެސް އެބަ އޮތް ކަމަށެވެ. އެހެންކަމުން ގިނަ މީހުން އެއްވެގެން ބާއްވާ ބައްދަލުވުންތަކާއި، ތަންތަނަށް ދަތުރު ކުރުންތަކާއި އެކަކު އަނެކަކާ އެކު ބާއްވާ ބައްދަލުވުންތަކަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވެ އެކަންތައްތައް ވަރުގަދަ ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު އޮމިކްރޯން ވޭރިއަންޓް ފެތުރެން ފެށުމާއެކު މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ވެސް ވަނީ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އެގޮތުން އެ ދުވަހުން ފެށިގެން ދިވެހިންނާއި ވޯކްޕާމިޓް އޮންނަ މީހުން ނުހިމެނޭ ގޮތަށް، ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީން ރާއްޖެއަށް މީހުން އެތެރެވުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖެ އައުމުގެ 14 ދުވަސްކުރިން އެ ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށްވުރެ ގިނަ އިރު، ޓްރާންސިޓްވެފައިވާ މީހުން ވެސް ހިމެނެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މީގެ ކުރިން ވިދާޅުވެފައިވަނީ ބަލި ފެނުނު ދެކުނު އެފްރިކާގެ ހަތް ގައުމަކުން ރާއްޖެ އައުން މަނާކުރި ނަމަވެސް ރާއްޖެއަށް ބަލި އައުން ނުހުއްޓުވޭނެ ކަމަށާއި ނަމަވެސް ބަލި ފެތުރުން ލަސް ކުރެވި ކޮންޓްރޯލް ކުރެވިދާނެ ކަމަށެވެ. އާ ވޭރިއަންޓަކީ ޑެލްޓާ ވޭރިއެންޓަށްވުރެ ބޮޑަށް ބަލި ޖައްސާ މިންވަރު އިތުރުކުރާ ވޭރިއެންޓެއް ކަމަށާއި މިއީ ބަލި ޖެހިފައި ތިބި މިހުންނަށް ތަކުރާރުކޮށްވެސް ބަލި ފެތުރިދާ ފަދަ ވޭރިއެންޓެއް ކަމަށް ވިދާޅުވިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)