މިދިޔަ މަހުގެ ނިޔަލަށް ޓައިޕް 2 ޑައިބެޓީސްގެ 7,000 ބަލިމީހުންނާއި ޓައިޕް 1 ޑައިބެޓީސްގެ 300 ބަލިމީހުން ފަރުވާ ހޯދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ހޮސްޕިޓަލްތަކުން އެއްކުރި ތަފާސްހިސާބުތައް ދައްކާގޮތުން ޓައިޕް 2 ޑައިބެޓީސްގެ 7,000 ބަލިމީހުންނާއި ޓައިޕް 1 ޑައިބެޓީސްގެ 300 ބަލިމީހުން ފަރުވާ ހޯދަމުންދާ އިރު، މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުމާ ގުޅިގެން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 250 މީހުން ބައްޔަށް ފަރުވާ ކުރަމުންދެއެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު 14 ގައި ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ހަކުރުބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅަމާ" އެވެ.

އެޗްޕީއޭއިން ފާހަގަކުރާ ގޮތުގައި ރާއްޖޭގެ ސިއްހީ ނިޒާމަށް ގައިންގަޔަށް ނާރާ ބަލިތައް ވެފައިވަނީ ބޮޑު ގޮންޖެހުމަކަށެވެ. ކޮންމެ އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 85 އިންސައްތައަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނެވެ. މަރުވާ ސަބަބުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ކުރީގައި އޮތީ ހަކުރުބައްޔެވެ. ސްޓެޕް ސާވޭގެ ނަތީޖާތައް ދައްކާގޮތުން 35.6 އިންސައްތަ ފިރިހެނުންނާއި 7.6 އިންސައްތަ އަންހެނުން ދުންފަތުގެ އިސްތިއުމާލުކުރާ އިރު، ބައެއް ފަރާތްތައް އެންމެ 8 އަހަރުގައި މި ނުބައި އާދަ ފަށާފައިވާކަންވެސް ފާހަގަކުރެވެއެވެ.

ހަކުރުބައްޔަކީ ލޭގައި ހަކުރު ހުންނަންވާ މިންވަރަށްވުރެ މައްޗަށް ދިއުމުން ދިމާވާ ސިއްހީ މައްސަލައެކެވެ. ހަށިގަނޑު ފަލަވުމާއި، ހެލިފެލިވެ ނޫޅުމާއި، އާއިލާގައި ބަލި ހުންނަ މީހުން ތިބުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުމަކީ ބައްޔަށް މަގުފަހިވާ ކަންކަމެވެ. ނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅިއަށް ދުރާލާ ސަމާލުކަން ދީގެން މި ބަލިން ރައްކާތެރިވެވިދާނެކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.

އެގޮތުން ދުޅަހެޔޮ ކެއުން އިހުތިޔާރުކުރުމާއި، ކެއުމުގެ ވަގުތުތަކާއި މިންވަރަށް ސަމާލުވުމާއި، ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުން އާދަކުރުމާއި، ހަށިގަނޑުގެ ބަރުދަން ދުޅަހެޔޮ މިންވަރެއްގައި ހިފެހެއްޓުމާއި، ދުންފަތާ ދުރުވުން ހިމެނެއެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ނުވަތަ ބައްޔަށް ހުށަހެޅޭ ފަދަ ހާލަތެއްގައި ދިރިއުޅޭ ނަމަ ދުރާލާ ޓެސްޓުތައް ހެދުން މުހިންމެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ ނަމަ ގަވާއިދުން ޑޮކްޓަރަށް ދެއްކުމާއި ޓެސްޓުތައް ހެދުމާއި ޑޮކްޓަރުގެ ލަފާގެ މަތިން ކެއިންބުއިން ބެހެއްޓުމާއި ކަސްރަތުކުރުން ވެސް މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ގޮންޖެހުންތަކާ ކުރިމަތިލުމަށް ނެޝަނަލް މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭން 2023-2031 ގެ ދަށުން ބަލިން ރައްކާތެރިވުމާއި ދުރާލާ ދެނެގަތުމާއި ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތްތައް ފުޅާކުރުމުގެ ސަބަބުން ސްކްރީނިން ހަރުދަނާވެ ބަލި ދުރާލާ ދެނެގަތުމަށް މަގުފަހިވާނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޑައިބެޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލެއް ތައާރަފުކުރުމާއި، އެޗްޕީއޭ އާއި މޯލްޑިވްސް ޑައިބެޓީސް ސޮސައިޓީ ގުޅިގެން މާދަމާ މުޅި ރާއްޖޭގައި ފެތުމުގެ ހާއްސަ ހަރަކާތެއް ބޭއްވުމާއި، އަންނަ ހޯމަ ދުވަހު ފޯރަމެއް ބޭއްވުމުގެ އިތުރުން، ނޭޝަނަލް ޑައިބެޓީސް ސެންޓަރާ ގުޅިގެން ރ. އަތޮޅުގައި ސްކްރީނިން އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ.