އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ލިވަޕޫލް އަދި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުވެސް ޕެނަލްޓީގެ އެހީގައި ކާމިޔާބު ކޮށްފިއެވެ.
ޕްރިމިއާ ލީގުގައި ރޭ އެ ތިން ޓީމުން ކުޅުނު މެޗުތަކުގައި ހަތަރު ޕެނަލްޓީއެއް ފެނިގެން ގޮސްފައިވެއެވެ. ލިވަޕޫލުން އެސްޓޮން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން މޮޅުވެފައިވާ އިރު، މެޗުގެ ހަމައެކަނި ގޯލަކީ ޕެނަލްޓީއެކެވެ. ހަމަ އެގޮތަށް ޔުނައިޓެޑުން ރޭ ނޯވިޗާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީވެސް 1-0 ގެ ހަނި ނަތީޖާއަކުންނެވެ. މެޗުގެ ނަތީޖާ ބަދަލުކޮށްލީ ޕެނަލްޓީއަކުންނެވެ. އެ މެޗު 0-0 އިން ނިމެން ދަނިކޮށް ޔުނައިޓެޑަށް ލިބުނު ޕެނަލްޓީގައި ގޯލު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ލިވަޕޫލް މެޗުގެ ދެވަނަ ހާފުގައި އެޓީމަށް ލިބުނު ޕެނަލްޓީގައި ގޯލު ޖަހައިދިނީ މުހައްމަދު ސަލާހެވެ. އެސްޓޮން ވިލާއާ ދެކޮޅަށް ރޭ ލިވަޕޫލް ކުޅުނު މެޗު ހާއްސަވީ ވިލާގެ ކޯޗުކަމުގައި ހުރި ލިވަޕޫލްގެ ލެޖެންޑް ސްޓީވަން ޖެރާޑަށެވެ. ޖެރާޑަށް އެންފީލްޑުން ހޫނު މަރުހަބާއެއް ކިޔައިފައިވާ އިރު، ރޭގެ މެޗަކީ ކުޅުން ހުއްޓާލުމަށްފަހު ޖެރާޑް ލިވަޕޫލް ދަނޑަށް ރަސްމީ ހައިސިއްޔަތަކުން ނުކުތް ފުރަތަމަ ފަހަރެވެ.
ޗެލްސީން ސްޓެންފޯޑު ބްރިޖުގައި ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޗެލްސީއަށް ވަނީ ދެ ޕެނަލްޓީ ލިބިފައެވެ. އޭގެ އިތުރުން ލީޑްސް އިން މެޗުގައި ލީޑު ނެގީވެސް ޕެނަލްޓީއަކުންނެވެ. ލީޑްސްއަށް ލިބުނު ޕެނަލްޓީއަކީ ޗެލްސީގެ މާކަސް އެލޯންސޯ ޑެނިއަލް ޖޭމްސް އަށް ކުރި ފައުލެއްގެ ސަބަބުން ލިބުނު ޕެނަލްޓީއެކެވެ. އެ ޕެނަލްޓީގައި ލީޑްސްއަށް ލީޑު ނަގައިދިނީ ރަފީނިއާ އެވެ.
މެޗުގައި މޭސަން މައުންޓް ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދީ ފުރަތަމަ ހާފު 1-1 އިން އެއްވަރުވެގެން ނިމުނު އިރު، މެޗުގެ ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ ޗެލްސީއަށް ފުރަތަމަ ޕެނަލްޓީ ލިބުނެވެ. ލީޑްސް ޑިފެންޑަރު ޗެލްސީ ޑިފެންޑަރު ރުޑިގާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ޖޯޖީނިއޯއެވެ.
ޗެލްސީ މޮޅުވާން ދަނިކޮށް ލީޑްސްގެ 19 އަހަރުގެ ޖޯ ގެލްހާޓް ވަނީ މެޗަށް ނުކުމެ އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލާއެކު ޗެލްސީން މާޔޫސް ކަމުގައި މެޗު ނިންމާލަން ދަނިކޮށް އަނެއްކާވެސް ލިބުނީ ޕެނަލްޓީއެކެވެ. ރުޑިގާއަށް ލީޑްސް ޑިފެންޑަރު ކުރި ފައުލަށް ލިބުނު އެ ޕެނަލްޓީވެސް ކާމިޔާބު ކޮށްދިނީ ޖޯޖީނިއޯއެވެ.
ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތް އިރު، ދެވަނައިގައި އޮތީ ލިވަޕޫލެވެ. ލިވަޕޫލަށް 16 މެޗުން 37 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ޗެލްސީއަށް ލިބިފައި ވަނީ 16 މެޗުން 36 ޕޮއިންޓެވެ. ޔުނައިޓެޑަށް 16 މެޗުން 27 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު