އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފަކީ ހާއިނުންގެ ތެރެއިން ވެސް އަރައި ހުރި ހާއިނެއް ކަމަށާއި އެކަމުގެ ހަގީގަތް ހާމަކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ރޭ "ކޮތަރު ކޮށި"ނަމުގައި ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މިހާރު އުޅެމުންދާ ހިތްދަތިކަމާއި އަޅުވެތިކަމުގެ ނަތީޖާ އަކީ 2018 ވަނަ އަހަރުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަަމުގެ ޔަގީންކަން ލިބުނު ހިސާބުން ޗަރުކޭސް ކުޅެން ފަށާފައިވާ ކަމަށާއި މި ކަމުގައި ބައިވެރިވި ހާއިނުންގެ ތެރެއިންވެސް އެންމެ ބޮޑު ހާއިނަކީ އީސީ ޝަރީފް ކަމަށެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނަތީޖާ އޮޅުވާލި ކަމުގެ ތުހުމަތު އިދިކޮޅު ކޯލިޝަނުންނާއި ރައީސް ޔާމީންވެސް ވަނީ ތަކުރާރުކޮށް ކުރައްވާފަ އެވެ. އަދި އޭރުއްސުރެ އީސީގެ ރައީސް ޝަރީފަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އޭނާގެ އިސްތިއުފާއަށްވެސް ވަަނީ ގޮވާލައިފަ އެވެ. ނަމަވެސް މި ހުރިހާ ކަމަކަށް ޝަރީފް ވަނީ އިންކާރު ކުރައްވާފަ އެވެ. އަދި ފަހުން އޭނާގެ އަމިއްލަ ސަބަބު ތަކަށް ޓަކައި މި އަހަރުގެ ޖޫން މަހު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވެރިކަން ބަދަލުވެގެން ދިޔަ ގޮތާއި އިންތިހާބުގައި ވޯޓު އޮޅުވާލިކަން ދައުލަތުގެ އިސްވެރިންނަށް އެނގޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވެރިކަން ބަދަލުވެގެންދިޔަަ ގޮތާއި އިންތިހާބު އޮޅުވާލިކަން ނޭނގޭނެ އެއްވެސް މުއައްސަސާއެއްގެ ވެރިޔަކު ނުހުންނާނެ. ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނަށް އެކަން ވަރަށް ސާފުކޮށް އެނގޭނެ. ހާއްސަކޮށް އަސްކަރިއްޔާގެ ބޭފުޅުންނަށް. އެމީހުން މިއަދު ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭނެ. ހާއްސަކޮށް މިއަދު ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތިކަމާ އަޅުވެތިކަމުގެ ޒިންމާ އުފުލަން ޖެހޭނެ. ޝަރީފުގެ ނަން ހާމަކުރަނީ ޒިކުރާއެއް ގޮތަށް. އޭނާ އަކީ މިކަމުގަ ހިމެނޭ ހާއިނުންގެ ތެރެއިންވެސް އަރާހުރި ހާއިނެއް." އެމަނިކުފާނު ވިދާޅުވި އެވެ.
ވޯޓު އޮޅުވާލި ގޮތާއި ވެރިކަން ބަދަލުވި ގޮތް ޕީޕީއެމްގެ ވެރިކަމެއްގައި ހާމަވާނެ ކަމަށާއި މިކަން ހާމަވާނީ ޕީޕީއެމް އިން މޭޒުގެ އެއްކޮޅުގައި އިށީންނަ ދުވަހަކުން ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.
ޝަރީފަކީ ހާއިނެއް ކަމުގައި ރައީސް ޔާމީން ވިދާޅުވެފައިވާއިރު، އީސީގެ ރައީސް ކަމަށް ޝަރީފް ގެނުވީ ރައީސް ޔާމީންގެ ސަރުކާރުގައި 2018 ވަނަ އަހަރުގެ މާޗު މަހުގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު