ޚަބަރު

ދީނުގެ ނަމުގައި ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވަން އެޗްއާރްސީއެމް އިން ގޮވާލައިފި

އައިޝަތު ނިއުޝާ

ދީނުގެ ނަމުގައި ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގޮވާލައިފިއެވެ.

ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި، އެޗްއާރްސީއެމްގެ ރައީސާ މަރިޔަމް މުނާ އިއްޔެ ދެއްވި ހިތޯބުގައި، ވިދާޅުވީ ދީން ހަތިޔާރަކަށް ހަދައިގެން ކުޑަކުދިން ގްރޫމްކުރުމާއި އަންހެނުންނަށް އަނިޔާކުރުމުގެ އިތުރުން ދީނީ ހަރުކަށި ފިކުރުގެ ތެރެއަށް ވައްދަން ކުރާ މަސައްކަތްތައް ހުއްޓުވަން ކަމާ ބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މުނާގެ ހިތޯބުގައި ވިދާޅުވީ، ކުޑަކުދިންނަށް ދޭ ރައްކާތެރިކަމާއި ހިމާޔަތް ފުޅާކުރަން ޖެހިފައިވާ ކަމަށެވެ. އަދި އަންހެނުންގެ ހައްގުތައް ކުރިއެރުވުމަށްވެސް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ފާއިތުވި އަހަރު ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކަށް ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހެޅި މައްސަލަތަކަށް މުނާ ވަނީ އަލިއަޅުވައިލައްވައިފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޖިންސީ އަނިޔާ އާއި އިހުމާލު އަދި ޖިސްމާނީ އަނިޔާކޮށްގެން ހުށަހެޅި މައްސަލަތައް ކަމަށާއި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާ މައްސަލަތައް ކަމާއި، އޭގެ އިތުރުންވެސް ކުޑަކުދިންގެ ނާޖާއިޒު ބޭނުންކޮށްފައިވާ މައްސަލަތައް ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައިވާ ކަމަށް މި ހިތޯބުގައި ފާހަގަކުރައްވާފައިވެ އެވެ.

ހަމަ އެހެންމެ ޖިންސީ ވިޔަފާރި އާއި މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރުމުގެ މައްސަލަތަކުގައި އިޖުތިމާއީ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފުރިހަމައަށް މަސައްކަތް ނުކުރެވޭ ކަމަށާއި، އަދި ޖިނާއީ ބޮޑެތި ކުށްތަކަށް ކުޑަކުދިން އަރައިގަންނަ މިންވަރު އިތުރުވަމުން ދާކަންވެސް މުނާ ވަނީ ފާހަގަކުރައްވައިފައެވެ.

"ކުޑަކުދީން ގްރޫމްކޮށްގެން ދީނީ ހަރުކަށި ފިކުރުގެ ތެރެއަށް ލަންބާލުމުގެ މަސައްކަތް ކުރާ ބަޔަކު އުޅޭ އިރު، އެފަދަ ކުދިން ސަލާމަތް ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް މަދުކަމާއި، މިފަދަ ކުދިންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ރާވައި ހިންގޭނެ އިންތިޒާމުތަކެއް ސަރުކާރުގެ ތެރެއިން ހަމަޖެހިގެން ދިއުމުގެ މުހިންމުކަމާއި އަނބުރާ މުޖުތަމައުގެ ތެރެއަށް ގެނައުމަށް ސަރުކާރުގެ މުއައްސަސާތަކުން ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަން ކޮމިޝަނަށް ފާހަގަކުރެވޭ،" މުނާ ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށް ހުރަސް އެޅުމާއި، އަދި އަންހެނުންނަށް އަނިޔާކުރުމަށް ދީން ހަތިޔާރަކަށް ބޭނުންކުރާ ކަމަށްވެސް މި ހިތޯބުގައި ވަނީ ފާހަގަ ކުރައްވައިފައެވެ. އެގޮތުން އަންހެނުންގެ ހައްގުތަކާއި މިންތީގެ ހަމަހަމަކަން މުޖުތަމައު ބަލައިގަންނަ މިންވަރު ދަށްވަމުން އަންނަ ކަމަށް މުނާ ވިދާޅުވިއެވެ.

އެގޮތުން އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އަދިވެސް މަދު ކަމަށް މުނާ ވިދާޅުވިއެވެ. ހަމަ އެހެންމެ މިންތީގެ ހަމަހަމަކަން ގާއިމުކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިވާ ގޮތަށް ގާނޫނީ އޮނިގަނޑު ފަރުމާކޮށްފައިވާ ނަމަވެސް، އެކަން ތަންފީޒު ކުރުމަށް އެކަށީގެންވާ މަސައްކަތް ކުރަމުން ނުދާ ކަމަށްވެސް ވިދާޅުވިއެވެ.