ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ތުހުމަތުކުރާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބެލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާ ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިރިއުޅުއްވި ރެހެންދި ފްލެޓަށް ރައީސް ސޯލިހު ވަޑައިގެން ކަޅު ދަބަހެއްގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ގެންދެވި ކަމަށް ތުހުމަތުކުރައްވައިފައެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާ ގުޅިގެން މަރުހަބާ ދެންނެވުމަށް މިރޭ ބޭއްވި "މަރުހަބާ ރައީސް ޔާމީނު" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ވަލީއުލްއަމުރަކަށް ހުންނަވާ ބޭފުޅެއްގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވިއްޖެ ނަމަ އެކަމުން ރައްޔިތުންނަށް ތަސައްލީއެއް ދޭން ޖެހޭ ކަމަށާއި އެއީ ވެރިކަމުގެ ރީތި ނަމޫނާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުގެ މުއައްސަސާތައް އެކުލަވާލައިފައި އޮތް ގޮތުން ރައީސް ސޯލިހަށް ކުރާ ތުހުމަތުތަކުގެ މައްސަލަ ނުބެލޭނެ ކަމަށެވެ.
"އޭނާގެ ވެރިކަމެއްގައެއް، އޭނާގެ ޅިޔަނު ކޮމިޝަނާ އޮފް ޕޮލިސްއަށް ހުރެގެން އޭނާގެ ތަހުގީގެއް ނުހިނގާނެ. އަދި ސަރުކާރުގެ ޕްރޮސެކިއުޓާ ޖެނެރަލެއް ހުރެގެނެއް އެކަމެއް ނުހިނގާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައީސް ސޯލިހަށް ކުރެވޭ ތުހުމަތުތަކީ ދޮގެއް ނަމަ ރައްޔިތުންގެ ކުރިމަތީގައި އެކަން ހާމަކުރެވެން ޖެހޭނެ ކަމަށާއި ރައްޔިތުންނަށް އެކަން ސާފުވާން ޖެހޭނެ ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި އެފަދަ ތުހުމަތެއް އަމާޒުވެއްޖެނަމަ އެ މައްސަލަ ތަހުގީގުކުރުމަށް އަމިއްލައަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު