ޚަބަރު

ޝީރީން މަރުވީ ކިހިނެއްކަން ނޭނގޭ ކަމަށް ނަޖާހު ބުނެފި

މުހައްމަދު އިޝާން

ގެއްލިގެން ހޯދަމުން ދަނިކޮށް ކޮންސްޓްރަކްޝަން ސައިޓެއްގެ ތެރެއިން ފެނުނު މަރިޔަމް ޝީރީން މަރުވީ ކިހިނެއްކަން ނޭނގޭކަމަށް ޝީރީންގެ މަރާ ގުޅިގެން 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މުހައްމަދު ނަޖާހު ބުނެފިއެވެ.

ޝީރީންގެ މަރާ ގުޅިގެން ނަޖާހުއަށް ކުރި ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާ ސާބިތު ނުވާ ކަމަށް 2015 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެ ހުކުމް ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު ނިންމީ ގަސްދަކާ ނުލައި މީހަކު މަރާލި ކަމުގެ ކުށް ނަޖާހުގެ މައްޗަށް ސާބިތުވާތީ 12 އަހަރަށް ޖަލަށް ލުމަށެވެ. ހައި ކޯޓުގެ ހުކުމާމެދު ހިތްހަމަނުޖެހުމުގެ ސަބަބުން އެ ހުކުމް ނަޖާހުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ސުޕްރީމް ކޯޓުން އެ މައްސަލައިގެ އަޑުއެހުންތައް ބާއްވައި މިއަދު އޮތީ ދައުލަތުންނާއި ނަޖާހުގެ ފަރާތުން ހުލާސާ ބަޔާން އިއްވުމެވެ.

ނަޖާހުގެ ވަކީލު އަހުމަދު ޝިފާއު ހުލާސާ ބަޔާން އިއްވަމުން ވިދާޅުވީ، ޝީރީން މަރުވެފައިވަނީ ކިހިނެއް، ކޮން އަނިޔާތަކެއް ލިބިގެންކަން ސާފު ނުވާ ކަމަށެވެ. އެހެންވެ, ޝީރީން މަރުވީ ނަޖާހުގެ ސަބަބުން ކަމަކަށް ކަނޑަ ނޭޅޭނެ ކަމަށެވެ.

ޝިފާއު އިތުރަށް ވިދާޅުވީ، ހަައި ކޯޓުން 12 އަހަރުގެ ޖަލު ހުކުމެއް ނަޖާހުގެ މައްޗަށް އިއްވުމަކީ ސަޕްރައިޒެއް ކަމަށެވެ. އެއީ އެއީ ގަސްދަކާ ނުލައި މީހަކު މަރާލުމުގެ ދައުވާއަށް ދައުވާ ބަދަލުކޮށް ކުއްލިއަކަށް ހުކުމެއް އިއްވީ އެކަމަށް ޖަވާބުދާރީވާން ކޯޓުގައި ފުރުސަތު ނުލިބި ކަމަށެވެ. ގަސްދު މަރާ ގުޅޭ ގޮތުން ޝަރީއަތް ހިންގައި, އެ ކުށް ސާބިތު ކުރުމަށް ހެކި ވަޒަން ކުރުމަށްފަހު, ދައުވާ ބަދަލުކޮށް އެހެން ކުށަކަށް އަދަބު ދެވިގެން ނުވާނެ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ދައުލަތުގެ ފަރާތުން އެ ވާހަކަތަކަށް ރައްދު ދެއްވައި ވިދާޅުވީ ދައުވާގެ ސިފަ ބަދަލުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. ގަސްދު މަރުގެ ކުށް ސާބިތު ނުކުރެވޭ ހާލަތުގައި ގަސްދަކާ ނުލައި މަރާލުމުގެ ކުށް, އެވަރަށް ހެކި ލިބިފައި ވާނަމަ ސާބިތު ކުރެވިދާނެ ކަމާއި އެއީ އަމަލު ކުރަމުން އަންނަ ގޮތް ކަމަށް ދައުލަތުން ވިދާޅުވިއެވެ. ޝީރީން މަރާލީ ގަސްދުގައި ކަން ސާބިތު ނުވި ނަމަވެސް, އޭނާ މަރުވީ ނަޖާހުގެ ފަރާތުން ލިބުނު އަނިޔާތަކެއްގެ ސަބަބުންކަން ސާބިތު ކުރެވޭ މިންވަރަށް ކާފީ ހެކި މައްސަލައިގައި ލިބިފައިވާ ކަން ދައުލަތުން ފާހަގަކޮށް ވިދާޅުވީ ނަޖާހުގެ މައްޗަށް ތައުރީޒީ އަދަބެއް އިއްވާފައިވަނީ ރަނގަޅަށް ކަމަށެވެ.

ފަނޑިޔާރުންގެ ބެންޗުން ވަނީ ނަޖާހުއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ދެއްވައިފައެވެ. ނަޖާހު ވާހަކަ ނުދައްކައި ހުރުމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށް ވުމުން މިއީ ދިފާއުގައި ވާހަކަ ދައްކަން ލިބޭނެ ފަހު ފުރުސަތު ކަމަށެވެ.

ދިފާއުގައި ވާހަކަ ދައްކަން ލިބުނު ފަހު ފުރުސަތުގައި ނަޖާހު ބުނީ، ޝީރީން މަރުވީ ކިހިނެއް ކަން ނޭނގޭ ކަމަށާއި ތަހުގީގު މަރުހަލާގައި ހަނު ހުރީ ފުލުހުން ބޭނުންވާ ގޮތަކަށް ބަޔާން ދޭން ޖެހުމުން ކަމަށެވެ.

"އަޅުގަނޑު ބުނެލަން މި މައްސަލައިގައި ބޭނުންވަނީ މަރިޔަމް ޝީރީން މަރުވެފައިވާ ގޮތް އަޅުގަނޑަކަށް އެއްގޮތަކަށް ވެސް އެނގިފައެއް ނުވޭ. އަޅުގަނޑު ޝީރީނާ އެކު ރައްޓެހިވެގެން ކޮޓަރިއެއްގައި އުޅެފައިވާތީވެ މި މައްސަލައިގައި އަޅުގަނޑު ހައްޔަރުކޮށްފައި ވަނީ އެ ފަރާތުން ބޭނުންވީ ވަކި ގޮތަކަށް ބަޔާން ދޭން، އެގޮތަށް ވާތީ އަޅުގަނޑު ހަނު ހުންނަން ޖެހުނީ" ނަޖާހު ބުންޏެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އައިޝާ ސުޖޫން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު މަހާޒު އަލީ، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ފަނޑިޔާރު ހުސްނުއްސުއޫދުއެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ހުސްނުއްސުއޫދުއެވެ