ރިޕޯޓް

ސަރުކާރަށް ތިން އަހަރު: ދިގު އިންތިޒާރު ނިމުމަކަށް، އެންމެ ފަހުން އިންޓަނެޓުގެ އަގާއި ސްޕީޑަށް ބޮޑު ބަދަލެއް

އަލީ ޔާމިން

ރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޖީޑީޕީގެ ނިސްބަތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ގައުމެވެ. ރާއްޖެއަކީ ވަސީލަތްތައް މަދު އެހެންނަމަވެސް ތަނަވަސް ގައުމެކެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން މުޅި ދުނިޔެއަށް ވިއްކައިގެން އެތައް މިލިއަން ޑޮލަރެއް ކޮންމެ އަހަރަކު ދައުލަތަށާއި ވިޔަފާރިތަކަށް ލިބެއެވެ. ރާއްޖޭގެ ތަރައްގީ މިނެކިރާއިރު، ތަހުޒީބީ އަދި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ގައުމަކަށް ވުމަކީ މުހިންމު ކަމެކެވެ. އެގޮތުން، ޑިޖިޓަލައިޒް ރާއްޖެއަކަށް ފުރޮޅެމުން ރައްޔިތުންގެ ލޯތައް ޑިޖިޓަލް ދުނިޔެއަށް ލޯހުޅުވެމުން އަންނައިރު، އިންޓަނެޓް ފަސޭހައިން ލިބެން ހުރުމާއި އިންޓަނެޓްގެ އަގު ހެޔޮވުމަކީ މުހިންމު ކަމެކެވެ.

ރާއްޖޭގެ އިންޓަނެޓު މީގެ ކުރިން ކޮންޓްރޯލް ކުރަމުން އައީ އެންމެ ކުންފުންޏަކުންނެވެ. ނަމަަވެސް ފަހުން އިތުރު ކުންފުންޏެއް ތައާރަފު ވެ، އިންޓަނެޓްގެ ޕެކޭޖުތަކާއި އަގުތަކަށް ވާދަވެރި ބަދަލުތަކެއް އައެވެ. ރާއްޖޭގައި އިންޓަނެޓް ފޯރުކޮށްދޭ މައިގަނޑު ދެކުންފުންޏަކީ ދިރާގާއި އުރީދޫއެވެ. ރާއްޖޭގައި އިންޓަނެޓްގެ އަގު ބޮޑުކަމާއި އިންޓަނެޓްގެ ސްޕީޑް ދަށްކަމީ ރައްޔިތުންގެ ޒަމާން ވީ ޝަކުވާއެކެވެ. ތެދެކެވެ. ދެކުނު އޭޝިއާގެ ގައުމުތަކުންވެސް އެންމެ އިންޓަނެޓް އަގުބޮޑީ ރާއްޖޭގައެވެ. އެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު ފުއްދެވުމަށް ޓެކްނޮލޮޖީ މިނިސްޓްރީގެ ނަމުގައި މުޅިން އަލަށް މިނިސްޓްރީއެއް އުފައްދައި އިންޓަނެޓް އަގުހެޔޮކުރުމުގެ މަސައްކަތް ބާރަށް ފަށައިގަތެވެ.

އިންޓަނެޓް އަގުހެޔޮކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ސާވިސް ޕްރޮވައިޑާސްއާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކޮށް، އިންޓަނެޓްގެ އަގަށް ދެ ފިޔަވައްސަކަށް ބަހާލައިގެން ހެޔޮ ބަދަލުތަކެއް ސަރުކާރުން ގެނެސްދިނެވެ.

އިންޓަނެޓް ހިދުމަތަށް ސަރުކާރުން ގެނައި ބަދަލަކީ، ފަސް އެމްބީޕީއެސް ސްޕީޑުގައި 30 ޖީބީގެ އެލަވެންސް 250 ރުފިޔާ އަށް، ތުރޮޓްލް ސްޕީޑު ދެ އެމްބީޕީއެސް، 15 އެމްބީޕީއެސް ސްޕީޑުގައި 100 ޖީބީގެ އެލަވެންސް 500 ރުފިޔާ އަށް، ތުރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް، 25 އެމްބީޕީއެސް ސްޕީޑުގައި 200 ޖީބީ އެލަވެންސް 700 ރުފިޔާ އަށް، ޓުރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް އެވެ.

އިންޓަނެޓް އަގުހެޔޮކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ދިރާގާއި އުރީދޫގެ ރެޒިޑެންޝަން އިންޓަނެޓު ހިދުމަތުގެ އަގު ހެޔޮކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. އެ ބަދަލާއެކު ރެސިޑެންސް އިންޓެނެޓު ހިދުމަތުގެ އަގު 30-28 ޕަސަންޓަށް ވަނީ ހެޔޮވެފައިވެއެވެ. ދެވަނަ ފިޔަވަހީގެ ދަށުން މޯބައިލް ބްރޯޑްބޭންޑްގެ ހިދުމަތަށް ހެޔޮ ބަދަލެއް ގެނައީ މިދިޔަ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ބަދަލާއެކު 300 ރުފިޔާއިން މަތީގެ ޕެކޭޖުތަކުގެ ތުރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް އަށް ވުރެ ދަށެއް ނުވާނެއެވެ.

ރާއްޖޭގެ އިންޓަނެޓް އަގުހެޔޮކޮށް، ހަރުދަނާ ގޮތެއްގައި އެކަން ދެމެހެއްޓުމަށް ޓަކައި، އިންޓަނެޓާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ހޮޓްލައިނެއްވެސް ވަނީ ގާއިމު ކޮށްފައެވެ. ޓެކްނޮލީ މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީއާ އެންވަޔަރްމަންޓް މިނިސްޓްރީ އެއްކޮށްލި ފަހުން، މިނިސްޓަރު އާމިނަތު ޝައުނާގެ ސީދާ ބެއްލެވުމުގެ ދަށުން އިންޓަނެޓްގެ އަގަށް ގެނައި ހެޔޮ ބަދަލުތައް އަންނަނީ މޮނީޓާ ކުރަމުންނެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވި ގޮތުގައި، ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ، އިންޓަނެޓްގެ އަގަށް ވުރެ ހިދުމަތުގެ ފެންވަރު ރަނގަޅު ވުމަށެވެ. އެގޮތުން ސާވިސް ޕްރޮވައިޑާސްއާއެކު މަސައްކަތްކޮށް ތްރޮޓްލް ސްޕީޑް އެންމެ ދަށްވެގެން ދެ އެމްބީޕީއެސްގައި މިހާރު ހިފެހެއްޓިފައިވާ ކަމަށް ވިދާޅުވިއެވެ.

އިންޓަނެޓަށް ހެޔޮ ބަދަލެއް އައުން ވެގެން ގޮސްފައިވަނީ ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ. ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މިހާރަށްވުރެވެސް ބޮޑަށް އިންޓަނެޓްގެ އަގު ހެޔޮކޮށް ޑިޖިޓަލް ރާއްޖޭގެ އަމާޒަށް ވާސިލު ވުމަށެވެ.