މެންޗެސްޓާ ޔުނައިޓެޑާއެކު ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ހަދާފައިވާ އެއްބަސްވުން އާ ކުރުމަށް ކްލަބުން ނުވިސްނާ ކަމަށް ހަބަރުތައް ބުނެފިއެވެ.
ޔުނައިޓެޑާއެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން ކުރިއަށް އޮތް އަހަރު ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. ކްލަބުގައި ޕޮގްބާ މަޑުކުރުވަން ބޭނުންވާ ނަމަ ޔުނައިޓެޑަށް ޖެހޭނީ އެއްބަސްވުން އާ ކުރާށެވެ. ޕޮގްބާ ވިއްކާލަން ބޭނުން ނަމަ ޔުނައިޓެޑުން އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އެކަން ކުރަން ޖެހޭނެއެވެ. ނޫންނަމަ އެއްބަސްވުން ހަމަވުމުން ޕޮގްބާ ކްލަބު ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގައެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި އެއްބަސްވުން އާކުރަން ޕޮގްބާވެސް އަދި ޔުނައިޓެޑްވެސް ބޭނުމެއް ނުވެއެވެ. 105 މިލިއަން ޔޫރޯއަށް ޔުވެންޓަސް އިން 2016 ވަނަ އަހަރު ޕޮގްބާ ޔުނައިޓެޑަށް ބަދަލުވީ ރެކޯޑު ޓްރާންސްފާއެއްގައި، ސީޒަނެއްގެ މައްޗަށް 12 މިލިއަން ޕައުންޑް ޖެހޭ މުސާރައަކަށެވެ. އެހެން ނަމަވެސް އެ އަގުބޮޑު ޓްރާންސްފާއާ ގުޅިފައިވާ އުންމީދުތައް ޕޮގްބާގެ ފަރާތުން ޔުނައިޓެޑަށް އަދި ހާސިލުކުރެވިފައެއް ނުވެއެވެ.
ޕޮގްބާ އާއި ޔުނައިޓެޑާ ދެމެދު ގުޅުން ގޯސް ކަމަށް އެޖެންޓް މިނޯ ރައިއޯލާ ވެސް ބުނެފައިވެއެވެ. ދާދި ފަހުން އެޖެންޓް ރައިއޯލާ ބުނެފައި ވަނީ ޕޮގްބާގެ ޓްރާންސްފާ އަށް ސީދާ އެއްޗެއް ބުނަން އަދި އަވަސް ނަމަވެސް، ޕޮގްބާގެ އުންމީދުތައް ހުރީ އެހެން ދިމާއަކަށް ކަމަށް ބެލެވޭ ކަމަށެވެ.
ގައުމީ ޓީމާއެކު މަސައްކަތް ކުރަމުން އަންނަނިކޮށް އަނިޔާވެ ޕޮގްބާ މިވަގުތުވެސް ހުރީ ކުޅުމާ ދުރުގައެވެ. މި އަހަރު ނިމެންދެން ޕޮގްބާ ދަނޑުމަތިން ނުފެންނާނެ ކަމަށް ބެލެވޭ އިރު، އޭނާ ޖެނުއަރީގައި ޓްރާންސްފާއަކަށް ވިސްނައިފާނެ ކަމަށް ޔުނައިޓެޑްގެ އެތެރޭ ހަބަރުތައް ބުނެއެވެ. އެގޮތުން މިހާރުވެސް ޕޮގްބާ ގެންދަން ޔުވެންޓަސް އާއި ޕީއެސްޖީގެ އިތުރުން ރެއާލް މެޑްރިޑުން މަސައްކަތް ކުރާ ކަމަށް އިތުބާރު ނޫސްތައް ކަމަށްވާ "މަރްކާ" ފަދަ ނޫސްތަކުން ބުނެފައިވެއެވެ.
މަރްކާއިން ބުނެފައިވާ ގޮތުގައި ރެއާލްއިން މިޑްފީލްޑަރު ލުކާ މޮޑްރިޗްގެ އެއްބަސްވުން 2023 ގެ ނިޔަލަށް އާކުރި ނަމަވެސް، މެދުތެރެ އިތުރަށް ވަރުގަދަ ކުރަން އަދިވެސް އަންނަނީ ވިސްނަމުންނެވެ. ހާއްސަކޮށް ޕޮގްބާއަކީ ރެއާލްގެ އަބަދުވެސް ޓާގެޓެއް ކަމަށްވުމާއެކު، ޕޮގްބާ ރެއާލް އަށް ގެންދަން އަބަދުވެސް އެ ކްލަބުން މަސައްކަތް ކުރެއެވެ.