ޖަލުތަކުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ހާއްސަކޮށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމާ ގުޅޭ ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އާއި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމްސީއެސް އިން ބުނީ، މި އެއްބަސްވުމުގައި އެމްސީއެސްގެ ފަރާތުން ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ސޮއިކުރައްވާފައިވާއިރު، އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން ސީއީއޯ މުހައްމަދު ރަމީޒު ކަމަށެވެ. މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ހެލްތް އަހުމަދު ނަސީމް އާއި މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި މި އެއްބަސްވުމަކީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންގެންދާ ގައިދީންނަށް ހާއްސަކޮށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމް ހިންގުމާ ގުޅޭ ގޮތުން ސޮއިކުރި އެއްބަސްވުމެއް ކަމަށްވެސް އެމްސީއެސް އިން ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން ގައިދީނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާނީ އެ ކަމަށް ހާއްސަކޮށް، ތަމްރީނުކުރާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޑޮކްޓަރުންނާއި، ނަރުހުންނާއި، ކައުންސެލަރުންނާއި، ކޭސްވޯކަރުންގެ އިތުރުން، ޕްރިޒަން އޮފިސަރުންގެ ފަރާތުންނެވެ. އޭގެ އިތުރުން އިންހައުސް ނުވަތަ ރެސިޑެންޝަލް ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު ބައިވެރިންނަށް ބޭނުންވާނެ އާފްޓާކެއާ ޕްރޮގްރާމާއި ޕްރޮގްރާމްގެ ސަސްޓައިނަބިލިޓީ ކަށަވަރުކުރުމަށްޓަކައި، ޑޭޓާ އެއްކުރުމާއި އެ ޑޭޓާގެ މައްޗަށް ބިނާކޮށް ޕްރޮގްރާމް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ބަދަލު ގެނައުމާއި، މުޖުތަމައަށް ނުކުންނަ ފަރާތްތައް މޮނިޓާ ކުރެވޭނެ އުސޫލުތައް ކަނޑައެޅުމަށް ވެސް މި އެއްބަސްވުމުގައި ބާރުއަޅާ ކަމަށް އެމްސީއެސް އިން ބުންޏެވެ.
ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންގެންދާ ގައިދީންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހުކުމްކޮށްފައިވާ ފަރާތްތައް ކަމަށާއި، 2021 ގައި ޖަލަށް ހުކުމް ތަންފީޒުކުރުމަށް ގެންގޮސްފައިވާ ފަރާތްތަކުގެ ތެރެއިން، އޮކްޓޫބަރު މަހާ ހަމައަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަލަށް ހުކުމްކޮށްފައިވާ 184 ގައިދީން ޖަލަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްސީއެސް އިން ބުނެ އެވެ.
ހަމަ އެހެންމެ ޖަލުތަކުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަން ފެށުމަކީ، މިފަދަ މައްސަލަތަކުގައި ހުކުމްތަންފީޒުކުރަމުންދާ ގައިދީން އިސްލާހުކޮށް، ހުކުމްތަންފީޒު ކޮށް ނިމޭއިރު ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމައަށް އެފަރާތްތައް ދޫކުރުމަށް އެމްސީއެސްއިން ކުރަމުންދާ މަސައްކަތްތަކަށް ލިބިދޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް އެމްސީއެސް އިން ފާހަގަކުރިއެވެ.
މިއީ 2011 ވަނަ އަހަރު އަމަލުކުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ކުރުމަށް ލާޒިމުކޮށްފައިވާ ކަމެއް ނަމަވެސް، އެ ގާނޫނަށް އަމަލުކުރަންފެށިތާ 10 އަހަރު ފާއިތުވެގެންދިޔަ އިރުވެސް މިކަން ފަށާފައެއް ނުވެއެވެ.
ރާއްޖޭގެ ޖަލުތަކުގައި ޖަލުގެ އާބާދީގެ ބޮޑު ބަޔަކީ މަސްތުވާތަކެތި ބޭނުންކުރާ ބައެއްކަން އެނގިފައިވާއިރު، މި ޕްރޮގްރާމަކީ އެމީހުން ޖަލުގައި ބައިތިއްބައިގެން ފަރުވާދިނުމުގެ ޕްރޮގްރާމެއް ކަމަށް އެމްސީއެސް އިން ބުނެ އެވެ. މިގޮތުން، ފަރުވާގެ ފުރަތަމަ މަރުހަލާގައި ހިމެނޭ ޑިޓޮކްސިފިކޭޝަން ނުވަތަ ހަށިގަނޑުން މަސްތުވާތަކެތީގެ ވިހަ ފިލުވާނީ ޖަލުގައި ހުކުމް ތަންފީޒްކުރާ މުއްދަތުގައެވެ.
މިކަމަށް ޓަކައި، މާފުށީ ޖަލުގައި ހާއްސަ ކްލިނިކެއް ގާއިމުކޮށްފައިވާ ކަމަށް ވެސް އެމްސީއެސް އިން ބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު