ރިޕޯޓް

ސަރުކާރަށް 3 އަހަރު: ކޮވިޑުގައިވެސް ޓޫރިޒަމް އެންމެ އުހަށް، ދުނިޔެ ހަމަނޭވާއެއް ލާން އޮތް ސޭފް ޓޫރިޒަމަކީ ރާއްޖެ

މުހައްމަދު ސިމާއު

މީގެ ދެ އަހަރު ކުރިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގައި ގުނަމުން ދިޔައީ ބޮޑެތި އަދަދުތަކެވެ. އާ ސަރުކާރަށް އަހަރެއް ފުރުނުތާ ހަފުތާއެއްގެ ތެރޭގައި 1.5 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލުކުރި އެވެ. އަހަރު ނިންމާލީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އަހަރުގެ ގޮތުގައެވެ. އެއީ 1.7 މިލިއަން ފަތުރުވެރިންގެ ރެކޯޑެކެވެ. ޖެހިގެން އައި އަހަރަށް ސަރުކާރުން ކަނޑައެޅީ އެއަށްވުރެ ބޮޑު އަދަދެކެވެ. އަމާޒު ހިފީ ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އެއީ ބުރަ މަސައްކަތެއް ނަމަވެސް، ސަރުކާރުން ބުނީ އެކަމަށް ތައްޔާރު ކަމަށެވެ.

ވިހިވިހި ވަނަ އަހަރު ފެށީވެސް ވަރުގަދަކޮށެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށްވުރެ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި ފަތުރުވެރިން އިތުރެވެ.

ނަމަވެސް ސީނުކައިރިން ކުއްލިއަކަށް ފެތުރެން ފެށި، ކޮވިޑް-19ގެ ބަލިމަޑުކަމުގައި ކުއްލިއަކަށް މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިވާން މަޖުބޫރުވިއެވެ. އެކަމުގައި ރާއްޖެ އިސްތިސްނާއެއް ނުވިއެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް، ރައްޔިތުން ގޭބަންދުކުރި އެވެ. އިގުތިސޯދު ހުއްޓުމަކަށް އައެވެ. ދިވެހިންގެ ރައްކަލަކަށް އެ ފިޔަވަޅު ދިވެހި ސަރުކާރުންވެސް އަޅައި، މާޗު މަހުގެ 27 ވަނަ ދުވަހު ބޯޑަރުތައް ބަންދުކޮށް ގައުމުގެ މައި ގޭޓުގައި ތަޅު އެޅުވިއެވެ. މަޖުބޫރުވި ނަމަވެސް އެޅީ "ގަޓު" ފިޔަވަޅެކެވެ. ބަލިމަޑުކަމުގެ ކޮޅެއް މެދެއް ފެންނަން ނެތުމުން، ބޯޑަރު ބަންދުކުރީ މުއްދަތެއް ނެތް ގޮތަށެވެ. އިގުތިސޯދުގެ މައި ގޭޓު ތަޅުލީ އެހެން ގޮތެއް ނެތިގެންނެވެ.

އެންމެ ފުރަތަމަ ބޯޑަރު ހުޅުވާލި އެއް ގައުމަށް، ގަޓު ހުރެގެން ނިންމި ނިންމުމެއް

ބޯޑަރު ބަންދުކުރުމާއެކު ރާއްޖޭގެ އިގުތިސޯދުގެ މައި އިންޖީނު ހަމަ އެއްކޮށް ހުއްޓުނެވެ. މިދިޔަ އަހަރުގެ އެޕްރީލް މޭ އަދި ޖޫންގައި އެއްވެސް ޓޫރިސްޓަކު ރާއްޖެ ނާދެ އެވެ. ކާރޫބާރޫ ބޮޑު އޮތް ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އެއްކޮށް ފަޅުވިއެވެ. ރިސޯޓުތައް ބަންދުކޮށް، އެތައް މުވައްޒަފުންނެއްގެ ވަޒީފާ ގެއްލުނެވެ. ފަތުރުވެރިކަމާ ގުޅުން ހުރި އެތައް ވިޔަފާރިއެއް ބަނގުރޫޓު ވިއެވެ. މި ހިތްދަތިކަމުގައި ތާ އަބަދު ރާއްޖެ ބާއްވަން ސަރުކާރުގެ ވިސްނުމެއް އޭރުވެސް ނެތެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް އެތައް ފިޔަވަޅެއް އެޅިއެވެ. ދަތުރުފަތުރު ކުރުން މަނާކޮށް، ގޭ ބަންދުވެސް ކުރިއެވެ. ކާފިއުވެސް ހިންގިއެވެ.

ނަތީޖާއެއްގެ ގޮތުން ފުރަތަމަ ރާޅުގެ ބިރުވެރިކަން ހަމައަކަށް އެޅުނެވެ. ދެން ސަރުކާރުން އަވެސްވެގަތީ ސީދާކޮށާއި ނުސީދާކޮށް ރާއްޖޭގެ އިގުތިސޯދުގެ ގާތްގަނޑަކަށް 80 ޕަސެންޓް ހިއްސާކުރާ އިންޑަސްޓްރީއަށް ކުރިމަތިވި އެންމެ ހިތްދަތި ތަޖުރިބާ މާޒީއަށް ދޫކޮށްލައި، އާ ފެށުމަކުން ފަށައިގަތުމަށެވެ. ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި، ފަތުރުވެރިންނަށް އަލުން މަރުހަބާ ކިއުމެވެ. ކޮވިޑް ކޮންޓްރޯލްކޮށް ބޯޑަރު އެންމެ ފުރަތަމަ ހުޅުވާލި އެއް ގައުމަކަށް ރާއްޖެ ވިއެވެ.

ބަޔަކު އެކަމަށް ހަޖޫ ޖެހިޔަސް، ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑެތި އިންވެސްޓަރުން އެކަމަށް ޓަކައި ސަރުކާރަށް މަރުހަބާ ކިއުމެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި، އެއީ ވަރަށް ގަޓު ހުރެގެން ދިވެހި ސަރުކާރުން ކުރި ކަމެކެވެ. އެއީ ކޮވިޑް ކޮންޓްރޯލު ކުރުމާއި ސޭފް ޓޫރިޒަމެއް ގެންގުޅެވިދާނެ ކަމުގެ ސާބިތުކަމާއި ޔަގީންކަން ރާއްޖެއަށް އޮތުމުން ނިންމި ނިންމުމެކެވެ. ތެދެކެވެ. ބޯޑަރު ހުޅުވާލައި، މަޑުމަޑުން ފަތުރުވެރިން އަންނަން ފެށުމުން ފަތުރުވެރިކަމުގެ ސިނާއަތަށް އަލުން ދިރުން އައެވެ. މިދިޔަ އަހަރުގެ ޖުމުލަ ޓޫރިސްޓުންގެ އަދަދު އުޅުނީ 555،494 ގައެވެ.

ދެ ވަނަ ދިރުމާއެކު އެއް މިލިއަން ފަތުރުވެރިން، 95 ރިސޯޓް މުވައްޒަފުންނަށް ވެކްސިން

ޖުލައި 15، 2020ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމަކީ އެއްގޮތަކުން ބަލާނަމަ 1972 ގައި ޓޫރިޒަމް ފެށި ފަހުން އެ އިންޑަސްޓްރީގައި އެއްކޮށް ތަޅު އަޅުވާފައި އަލުން ހުޅުވި ދުވަހެވެ. ނުވަތަ ދެ ވަނަ ދިރުމެވެ. ގިނަ ގޮންޖެހުންތަކާއެކުވެސް ދިވެހި ސަރުކާރުން މި ފިޔަވަޅު އެޅީ، އަލުން ފަތުރުވެރިކަމުގެ ދާއިރާ ނަގައި ކޮޅަށް ޖެހޭނެ ކަމުގެ ޔަގީންކަމާއެކުއެވެ. ވަރުގަދަ ސިޔާސަތު ތަކެއްގެ ތެރެއިން ހަރުދަނާ ގައިޑްލައިންތަކެއް ހަދައި ކޮވިޑު ކޮންޓްރޯލު ކުރެވޭނެ ކަމުގެ އިތުބާރާ އެކު ފެށު މި ފެށުން ވެގެން ދިޔައީ މުޅި ދުނިޔެއަށް ވެސް ނަމޫނާ ދެއްކި މޮޑެލަކަށެވެ.

އެގޮތުން ރާއްޖެއަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ދައްކަން ސަރުކާރުން ގިނަ ޕްރޮގްރާމްތަކެއް ހިންގިއެވެ. އެކަމަށް ރާއްޖޭގެ ބޮޑެތި އިންވެސްޓަރުން ފެށިގެން ގެސްޓް ހައުސް ހިންގާ ވިޔަފާރިވެރިންނާ ހަމައަށް، ބުރަ މަސައްކަތެއް ކުރިއެވެ. ހޭލުންތެރި ކުރުވުމުގެ އެތައް އެތައް ޕްރޮގްރާމްތަކެއް ހިންގި އެވެ. ހާއްސަކޮށް އާއިލާއާ ބައްދަލު ނުވެވި ތިބި ރިސޯޓްތަކުގެ މުވައްޒަފުން ވި ގުރުބާނީ ފާހަގަ ނުކޮށް ދޫކޮށްލެވޭކަށް ނެތެވެ.

މި އެންމެންގެ ބައިވެރިވުމާއެކު ސަރުކާރުން މިއަހަރު އަމާޒު ކަނޑައެޅީ 1.5 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. ދުނިޔޭގެ ހާލަތަށް ރިއާޔަތްކޮށް އެ އަދަދު 1.3 މިލިއަނަށް ދަށްކުރި ނަމަވެސް، އުންމީދު ގެއްލުވައެއް ނުލައެވެ. ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރަން ފެށި މަސައްކަތުގެ ދަށުން ރިސޯޓް މުވައްޒަފުންގެ ތެރެއިން 95 ޕަސެންޓް ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. ރާއްޖޭގެ ބޮޑު އާބާދީއެއް ވެކްސިން ޖަހައިފިއެވެ.

މިއަހަރުގެ އަދަދުތައް 92،000 އިން ފެށި ނަމަވެސް، ފަތުރުވެރިކަން އަލުން ހިންގާލިތާ އަހަރެއްވީ އިރު، ފަތުރުވެރިކަމުގެ ކުރީގެ ހާލަތަށް މިވަނީ އަރައި ހަމަކޮށްފައެވެ. މީގެ އަހަރެއްހައި ދުވަސް ކުރިން ރާއްޖެ ތަޖުރިބާކުރި ހިތްދަތިކަމާއި މާޔޫސްކަމަށްފަހު މިއަދު ރާއްޖެ ދެކެމުން މި އަންނަނީ އުފާވެރި ދުވަސްތަކެކެވެ. ކޮވިޑަށް ފަހު ފުރަތަމަ ފަހަރަށް އަހަރެއްގެ ތެރޭގައި އެއް މިލިއަން ޓޫރިސްޓުން ހަމަކުރީވެސް މިއަހަރެވެ.

ރާއްޖެއާ ކައިރި އަދި ފަތުރުވެރިކަމުގެ ދާއިރާގައި ވާދަވެރި އެތައް ގައުމެއްގައި ކޮވިޑު ކޮންޓްރޯލް ނުކުރެވި، ބޯޑަރުތައް އަދިވެސް ބަންދު ވެ، ގަނަތެޅެމުންދާ އިރު، މިއީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބޮޑު ކާމިޔާބީއެކެވެ. މިއީ އެ ގައުމުތަކަށް ރާއްޖެ ދެއްކި ވަރުގަދަ ނަމޫނާއެކެވެ.

ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލާއެކު ގިނަ އެވޯޑުތަކެއް

ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ފޭވަރިޓެކެވެ. ކޮންމެ ފަންތިއަކާއި ގިންތިއެއްގެ މީހަކަށްވެސް ރަހަ ހެޔޮވަރު ގައުމެކެވެ. އެކަން ސާބިތުކޮށްދެނީ ރާއްޖެއަށް ލިބޭ ބައިނަލްއަގުވާމީ އެވޯޑުތަކެވެ. އެހެނީ ކޮވިޑުގެ ދަތި އުދަނގޫ ކަނޑުގައި ރާއްޖެ ކުރި ތަޖުރިބާ ގިނަ ދަތުރުގައި ހާސިލުކުރި އެވޯޑުތައްވެސް މަދެއް ނޫނެވެ.

ހާއްސަ ގޮތެއްގައި 2020 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސް އިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ވަނީ ލިބިފައެވެ. އެ އެވޯޑު ރާއްޖެ ހޯދީ ފަތުރުވެރިންގެ މެދުގައި މަގުބޫލު 22 މަންޒިލަކާ ވާދަކޮށްގެންނެވެ. އޭގެ ތެރޭގައި ތަރައްގީ ވެފައިވާ ބޮޑެތި ގައުމުތައް ކަމަށްވާ، ދުބާއީ، މެލޭޝިއާ، ސްޕެއިން ފަދަ ގައުމުތައް ހިމެނެއެވެ.

އެ އެވޯޑުގައި އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެ ވަނީ ހަތަރު އެވޯޑެއް ކާމިޔާބު ކޮށްފައެވެ. އެއީ އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ކުރޫޒް ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑެވެ.

މިއަހަރުވެސް އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެއަށް ވަނީ ހަތަރު އެވޯޑެއް ލިބިފައެވެ. އެއީ ލީޑިން ޑެސްޓިނޭޝަން އެވޯޑުގެ އިތުރުން ލީޑިން ޑައިވް ޑެސްޓިނޭޝަންއާއި ލީޑިން ބީޗް ޑެސްޓިނޭ އެވޯޑު އަދި ލީޑިން ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ހިމެނެއެވެ. އޭގެ އިތުރުން އެމްއެމްޕީއާރުސީން ވަނީ އިންޑިއަން އޯޝަން ލީޑިން ޓޫރިސްޓު ބޯޑުގެ އެވޯޑު ކާމިޔާބުކޮށްފައެވެ.

އޭގެ އިތުރުން ކޮވިޑުން އަރައިގަނެ، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައި، ފަތުރުވެރިކަން ފަށައިގަތުން ވެގެންދިޔައީ ބޭރުގެ މީޑިއާތަކުގެ ސަމާލުކަންވެސް ރާއްޖެއަށް ހުއްޓުނު ކަމަކަށެވެ. ހާއްސަކޮށް ސީއެންއެންގެ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ޓޫރިޒަމް ވާހަކައަކީ ރާއްޖެއެވެ.

މި ހުރިހާ ވާހަކައަކުން ފެނުނު ހަގީގަތަކީ، ކޮވިޑުގެ މި ހާލަތުގައި ޓޫރިޒަމް އިންޑަސްޓްރީ، ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް ސަރުކާރުން ކޮށްފައި އޮތް ކާމިޔާބު މަސައްކަތެވެ. މުޅި ދުނިޔެ އަދިވެސް ތަޅު އަޅުވައިގެން ތިބި އިރު، ދުނިޔޭގެ އެންމެން ހަމަ ނޭވާއެއް ލާން އަންނަން އޮތް ގައުމަކަށް ރާއްޖެ ހެދީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކުގަ އެވެ. ޓޫރިޒަމަށް ރާއްޖެއިން ހުޅުވައިލި ސޭފް ޓޫރިޒަމަކީ ހަގީގަތުގައި ވެސް ރައްކާތެރި ޓޫރިޒަމެެއްކަން މުޅި ދުނިޔެ ގަބޫލުކޮށްފި އެވެ. ދުނިޔެ އެކަމަށް ހެކިވެއްޖެ އެވެ.