މި ޖުމްހޫރިއްޔާގައި ރާއްޖޭގެ ވެރިކަން ކުރި ވެރިންގެ ތެރެއިން އެންމެ ފުޓުބޯޅައާ ދޯޅަ ވެރިޔަކީ ރައީސް މައުމޫން އަބްދުލްގައްޔޫމު ކަމަށް ދެންނެވިދާނެއެވެ. އެމަނިކުފާނަކީ ރާއްޖޭގެ ފުޓުބޯޅައިގެ އިތުރުން ޔޫރަޕުގެ ފުޓުބޯޅައަށްވެސް ނުހަނު ޝައުގު ހުންނަ ބޭފުޅެކެވެ. ހާއްސަކޮށް ލިވަޕޫލަކީ މައުމޫނުގެ ހިތްޕުޅާ ގުޅިފައިވާ ކްލަބެކެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ލިވަޕޫލް ސަޕޯޓަރުންގެ ކްލަބުގައިވެސް އިސްކޮށް މައުމޫނު ބައިވެރިވެވަޑައިގަންނަވައެވެ. ގައުމީ ޓީމުގެ ކާމިޔާބީތަކާއެކު އެ ކްލަބުގެ ކާމިޔާބީތައްވެސް ފާހަގަކުރައްވައެވެ.
ރާއްޖެއިން 2008 ވަނަ އަހަރު ލަންކާގައި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު ވެރިކަމުގައި ހުންނެވި މައުމޫނަށް މިއަދަކީ ފުޓުބޯޅައިގައި "ގަބޫލުކުރަން" ދަތިވި ދުވަހެކެވެ. ލަންކާ ކައިރީގައި ގައުމީ ޓީމަށް ދިމާވި މާޔޫސްކަމަކީ މައުމޫނަށް "ޝޮކް"އެކެވެ. 4-0 ގެ ނަތީޖާއަކުން ފަސޭހަކަމާއެކު ލީޑު ކުރަމުން ގޮސް، މެޗުގެ ފަހު 30 އަކަށް މިނެޓުގައި މެޗުގެ އޮއިވަރު ބަދަލުވެ، ލަންކާގެ ވަސީމް ރަޒީކްގެ ހަތަރު ގޯލާއެކު ނަތީޖާ 4-4 އިން އެއްވަރުވެގެން ނިމުމަކީ ދިވެހި އެއްވެސް ރައްޔިތަކަށް، ހުދު މައުމޫނަށްވެސް ގަބޫލުފުޅުކުރައްވަން ފަސޭހަވި ނަތީޖާއެއް ނޫނެވެ.
ފަސޭހައިން މޮޅުވާން ދިޔަ ގައުމީ ޓީމު، ކުއްލިއަކަށް ގޯސް އޮއިވަރަކަށް ގޮސް މެޗު ނިންމާލަން ޖެހުނީ ޕޮއިންޓަކާ އެކުގައެވެ. މާޔޫސްކަން އިންތިހާއަށް ބޮޑުވި ނަތީޖާއެކެވެ. މައުމޫނުގެ ޓުވީޓުންވެސް އެ އަސަރު، ޖަޒުބާތު ސާފެވެ. އެއީ ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ ރައްޔިތެއްގެ އިހުސާސްވެސް ހުރި ގޮތެވެ.
ފުރަތަމަ ހާފުގައި ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) އާއި އަލީ ފާސިރު (ސެންޓޭ) އަދި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ޖެހި ގޯލުތަކުން ރާއްޖެ އޮތީ އާސުމާނުގައެވެ. އެ އުފާވެރިކަމަށް ހިތްހަމަޖެހުން ގެނުވީ ދެވަނަ ހާފުގައި އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލުންނެވެ. 4-0 ގައި އޮއްވައި، ސްރީ ލަންކާގެ ރަޒީކް ފުރަތަމަ ގޯލު ޖެހީ 64 ވަނަ މިނެޓުގައެވެ. އެ ގޯލާއެކު ލަންކާއިން ހިތްވަރު އާކޮށް، ފަހު މިނެޓާ ހަމައަށް ދިޔައީ ރަޒީކުގެ އިތުރު ދެ ގޯލާއެކު 4-3 ގައި އޮވެގެންނެވެ. ލަންކާއިން އެއްވަރު ކުރީ ފަހު މިނެޓުގައި ލިބުނު ކޯނަރުގައެވެ. އެވެސް ހަމަ ރަޒީކުގެ ގޯލެކެވެ.
ހިތް ފަޅައިގެން ދިޔަ ބައްޔެކެވެ. ޕޮއިންޓެއް ލިބުނު ނަމަވެސް، އެއްވަރުވި ނަމަވެސް ޖަޒުބާތުގައި ބުނާނަމަ އެއީ ބައްޔެކެވެ. މުޅިން މާޔޫސްކޮށްލި މެޗެކެވެ. އޮތްހާވެސް ކަމަކީ ލެޖެންޑް އަލީ އަޝްފާގު (ދަގަނޑޭ) ބުނިހެން ކުރިއަށް ބެލުމެވެ. ބޭނުންވި ނަތީޖާ ނުލިބުނަސް ހިތްވަރާއެކު ކުރިއަށް ދިއުމެވެ. އެހެން ނަމަވެސް މިއީ ބަލައިގަންނަން އުނދަގޫ ނަތީޖާއެއްކަން ގަބޫލުކުރަންވެސް ވާނެއެވެ. ފާޑު ކިޔުން އަންނާނެ ނަތީޖާއެއްކަން ގަބޫލުކުރަން ވާނެއެވެ.
މަހިންދާ ރާޖަޕަކްސަ ކަޕް
މަހިންދާ ރާޖަޕަކްސަ ކަޕް
މަހިންދާ ރާޖަޕަކްސަ ކަޕް