މަހިންދަ ރާޖަޕަކްސާ ޓްރޯފީ ފޯނޭޝަންސް ކަޕުން އެންމެ ބޮޑު "ވިން"އެއް ހޯދި ސަރަހައްދީ ޓީމަކީ ސްރީ ލަންކާއެވެ. ހިތްދަތި ގޮތަކަށް ފައިނަލްގައި ލަންކާ ބަލިކޮށް، ސީޝެލްސް އިން ތަށި ގެންދިޔަ ނަމަވެސް ލަންކާއަށް މިއީ ޕޮޒިޓިވް މުބާރާތެކެވެ. އެގައުމުން އެތަކެއް ދުވަހެއް ވަންދެން ބަދަލުކުރަން އުޅުނު މަންޒަރެއް ބަދަލުވެއްޖެއެވެ. ގެންނަން ބޭނުންވި ސަގާފަތެއްގެ ކުލަ ޖެހެން ފަށައިފިއެވެ. މުބާރާތުގައި ލަންކާ ކުޅުންތެރީންނާއި އޮފިޝަލުން، އަދި ކޯޗުގެ އެމޯޝަނަލް މަންޒަރުތަކުންވެސް މާނަ ފުން މެސެޖުތަކެއް ދިނެވެ. "ލަންކާގެ ފުޓުބޯޅަ އެނބުރި އަންނަން ފަށައިފިއެވެ."

"އަހަރެމެން އެބަ ޖެހޭ ކޮންމެ ދަނޑިވަޅެއްގައި ވެސް ގައުމީ ޓީމަށް ސަޕޯޓް ކުރަން. ކާމިޔާބު ހޯދާނަމަ އަހަރެމެންގެ މިހާރު މި އޮތް ފުޓްބޯޅަ ފޯރިއާ ދުރު ސަގާފަތް ބަދަލުކުރަން ޖެހޭ. ސްރީ ލަންކާގެ އަމިއްލަ ފަސްގަނޑުގައި 30 ނޫނީ 40 ވަރަކަށް ދިވެހި ސަޕޯޓަރުންގެ އަޑު 1000 އަށް ވުރެ ގިނަ ލަންކާ ސަޕޯޓަރުންނަށް ވުރެ ގަދަ. މިއީ އަހަރެމެން ޖަވާބު ހޯދަން ޖެހޭ ސުވާލެއް. ލަންކާ ޓީމަށް ސަޕޯޓް ދޭން ޖެހޭނެ،" މިއީ މުބާރާތުގެ ތެރެއިން ލަންކާގެ ކޯޗު އާމިރު އަލަގިޗް ބުނި ވާހަކައެކެވެ.

ކުރިން ނިއު ރޭޑިއަންޓަށްވެސް މަދު ދުވަސް ކޮޅަކަށް ކޯޗުކަން ކޮށްދިން އަލަގިޗް ވަނީ ސާފް ޗެމްޕިއަންޝިޕް ތެރޭގައިވެސް އެގައުމުގެ ފުޓުބޯޅައަށް އޮތް ހުރަސްތަކުގެ ވާހަކަ ދައްކާފައެވެ. 2020 ވަނަ އަހަރުން ފެށިގެން ލަންކާގެ ޓެކްނިކަލް ހުރިހާ ކަމެއްގައިވެސް އަލަގިޗް ހަރަކާތްތެރިވަމުން އަންނަ އިރު، އޭނާ އަބަދުވެސް ފާހަގަކުރަމުން ދިޔައީ ލަންކާގެ ފުޓުބޯޅަ ހައްލު ކުރުމަށް ވަގުތު ބޭނުންވާނެ ކަމުގެ ވާހަކައެވެ. އޯވާސީސް ކުޅުންތެރިން ގައުމަށް ގެންދިޔުމުގެވެސް ހާއްސަ ޕްލޭނެއް ހަދައި، އަލަގިޗް ގެ ވިސްނުން ހުރީ ދެތިން އަހަރެއް ތެރޭ ލަންކާގެ ފުޓުބޯޅަ ބަދަލު ކުރުމަށެވެ. އޭނާ އެންމެ ބޭނުންވީ ސަޕޯޓަރުންގެ ރޫހެވެ. ސަގާފަތަށް ބަދަލުތަކެއް ގެންނާށެވެ. ރޭ ކުޅުނު ފައިނަލް މެޗުގައި އެ މަންޒަރު ކޮންމެވެސް ވަރަކަށް ސިފަވެގެން ދިޔައެވެ.

އެ ހިސާބަށް ސަޕޯޓަރުން ގެންނަން ލަންކާއިން ކޮށި އެންމެ ބޮޑު މަގަކީ ސުޖަން ޕެރޭރާ ފަދަ ލީޑަރުން ކުރިއަށް ނެރުމެވެ. އަލަގިޗް އަބަދުވެސް ދެއްކި ވާހަކައެކެވެ. ސުޖަން ފަދަ "ވޯރިއާސް"ގެ ވިސްނުން ހުންނަ ކުޅުންތެރިން މުހިއްމު ކަމަށް އަލަގިޗް ކުރިންވެސް ފާހަގަކުރިއެވެ. އަލަގިޗް ސާފް ތެރޭގައި ބުނީ ސުޖަން ކަހަލަ ކުޅުންތެރިން ލަންކާގައި އުފެދޭ ނިސްބަތް މަދީ ކަމަށާއި، އެ ކުޅުންތެރިން އުފައްދަން މިހާރު މިއަޅާ ޕްރޮފެޝަނަލް ފައުންޑޭޝަން ވަރަށް މުހިއްމުވާނެ ކަމަށެވެ. އަލަގިޗް ބުނިހެން އާ ޖީލަކަށް މިސާލު ދައްކަން ހުރީ ރާއްޖެއިން ކެރިއަރު ފައްކާ ކުރި ސުޖަން އެވެ. ކްލަބު އީގަލްސްގައި ފަސް އަހަރު ހޭދަކުރުމަށްފަހު މިހާރު ލަންކާ ކްލަބުތަކަށް ކުޅެމުން އަންނަ ސުޖަންއަކީ ކެޕްޓަނެއްގެ މިސާލެކެވެ. ފޯނޭޝަންސް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއެކު އޭނާ ދިނީ ފުން މެސެޖެކެވެ.

"މިއީ ގައުމީ ޓީމާއެކު ފުރަތަމަ ކާމިޔާބީ. ރަން މެޑަލްއަކަށް އުންމީދު ކުރި ނަމަވެސް އެކަން ހާސިލެއް ނުވި. ވަރަށް ކައިރިވި. އަހަރެންގެ ކުޅުންތެރިން އެންމެ ރަނގަޅަށް ކުޅުނު. ހަމަ ސިންގާއިންގެ ހިތްވަރުގައި ލަންކާ ކުޅުނު. އަހަރެން ވަރަށް ބޮޑަށް ފަހުރުވެރިވޭ. މިއީ ފައިނަލެއް ނަމަވެސް މިއީ ފުޓުބޯޅަ އާއިލާއަށް ފެށުމެއް. އާ ބާބެއް. މެޗަށް ދަނޑަށް ވަން އެތަކެއް ސަޕޯޓަރުންނަކަށް ޝުކުރު އަދާކުރަން. އަދި ކާމިޔާބު ހޯދައި ނުދެވެމުން މައާފަށްވެސް އެދެން ބޭނުންވި،" ކެޕްޓަން ސުޖަން މުބާރާތުގެ މެޑަލްއާއެކު ސޯޝަލް މީޑިއާއަށް ދޫކޮށްލި މެސެޖުގައި ބުންޏެވެ.

1993 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ރަނަރަޕްކަން، 1995 ވަނަ އަހަރުގެ ސާފް ޗެމްޕިއަންކަން އަދި 2006 ވަނަ އަހަރު އޭއެފްސީ ޗެލެންޖު ކަޕްގެ ރަނަރަޕްކަން ހޯދި ލަންކާއަށް އުންމީދެއް ލިބިއްޖެއެވެ. މިދިޔަ 15 ވަރަކަށް އަހަރު ވަޅު ޖެހިގެން ދިޔަ ފުޓުބޯޅައަށް ހިތްވަރު އާވެއްޖެއެވެ. ގައުމުގެ ފުޓުބޯޅައަށް ގެންނަން ބޭނުންވާ ބަދަލު ހުރިހާ ހިސާބަކުން ގެންނަން ސަރުކާރުންވެސް މަސައްކަތް ކުރާކަން ފެނުނީ ފައިނަލް މެޗަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯވެސް ގެންދިޔުމުންނެވެ. ސަރަހައްދީ ރޭންކިންގެ ފުލުގައި މިވަގުތު ލަންކާ އޮތް ނަމަވެސް ލަންކާ އޮތީ ކައްސާލައިގެން ގޮސް މާ ދުރަކު ނޫންކަން މި މުބާރާތުން ސާބިތު ކޮށްދީފިއެވެ. ލަންކާގެ ފުޓުބޯޅައަށް ގެންނަން ތައްޔާރު ކޮށްފައިވާ ބަދަލުތަކުގެ ޕްލޭނުގައި އަދިވެސް އެތައް ކަމެއް އެބައޮތެވެ. މިއީ ފެށުމެއް ކަމަށް ކެޕްޓަން ސުޖަން ބުނީ އެހެންވެއެވެ.