ދުނިޔެ

އަދުގެ ދުނިޔެ" ސްރީލަންކާގެ ރާޖަޕަކްސާއިންނަށް ދިވެހީންގެ ހިމާޔަތް ބޭނުންވެދާނެތަ؟

އިމާދު ލަތީފު

ކުރިން ޚިޔާލުވެސް ކުރެވިފައި ނެތް ކަމަކާމެދު އިއްޔެ ވިސްނައިލާން ޖެހުނެވެ. އަޅުގަނޑުގެ ރަހުމަތްތެރިންގެ ތެރެއިން އިންޑިޔާގެ ސީނިއަރ ނޫސްވެރިޔަކު ކުރި މެސެޖަކުންނެވެ. އޭނާ ސުވާލުކުރިއެވެ. ސްރީލަންކާގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސާއާއި އޭނާގެ އާއިލާ މިދަނޑިވަޅުގައި ރާއްޖެއަށް ވަޑައިގެން ރާއްޖޭގެ ހިމާޔަތުގައި ތިއްބަވައިފާނެތޯއެވެ. އެޒާތުގެ ވާހަކައެއް ދިވެހީންގެ ތެރޭގައި ދެކެވޭތޯއެވެ. އަޅުގަނޑު ޖަވާބުދިނީމެވެ. ތިޔަކަހަލަ ވާހަކައެއް އަޑުނާހަމެވެ. މިތާގެ ބަޔަކު ނުދައްކައެވެ. ރާޖަޕަކްސާއަކު އަމިއްލަޔަށް އަރުވައިލެވިގެން ދިވެހިރާއްޖޭގައި ހުންނެވުމަށް ވިސްނެވުމަކީވެސް ދުރުކަމެކެވެ. އެ ފުރުސަތު ހުޅުވައިލުމަކީ ދިވެހި ސަރުކާރުންވެސް ކުރައްވާނޭ ކަމެއް ކަމަށް އަޅުގަނޑުގެ ބުއްދިޔަކަށް ނުފެނެއެވެ.

ގައުމު ދޫކުރައްވައި ރާޖަޕަކްސާޔަކު ފިއްލަވާނަމަ އެބޭފުޅަކު ދިވެހިރާއްޖެ ޚިޔާރު ކުރައްވައިފާނެ ކަމަށް އަދި ދިވެހި ސަރުކާރުންވެސް އެ ފުރުސަތު ދީފާނެ ކަމަށް ބޭރުގެ ނޫސްވެރިން ގަބޫލުކުރަނީ ކީއްވެގެން ބާވައެވެ. ސަބަބު ވަރަށް ސާފެވެ. ދިވެހިރާއްޖެއަކީ ސްރީލަންކާޔާއި އެންމެ ގާތުގައިވާ އަވަށްޓެރިޔާއެވެ. ދެގޮތެއްނުވާ އެކުވެރިޔާއެވެ. ރާޖަޕަކްސާއިންނަކީ ދިވެހީންނާއި ނުހަނު ގާތް ރަހުމަތްތެރި ބައެކެވެ. ހަމައެކަނި ސަރުކާރުގެ ވެރިންގެ ފެންވަރުގައެއް ނޫނެވެ. އަމިއްލަ ފަރުދުންގެވެސް ފެންވަރުގައެވެ. ކިރިޔާ ޗުއްޓީއެއް ލިބުނަސް ޖެޓްސްކީ ދުއްވާލައި މޫދަށް އެރިލައި އަރާމުކޮށްލަން ރާޖަޕަކްސާ އާއިލާގެ ޒުވާނުން އަންނަނީވެސް ރާއްޖެއަށެވެ. އެހެންވީމާ މިދަނޑިވަޅުގައި ސަލާމަތާއި ރައްކާތެރިކަމަށް އެދިގެން ދިވެހިރާއްޖެއަށް މިސްރާބު ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް މީހުން ހީކުރަނީއެވެ.

ރާޖަޕަކްސާއިންނާ ދިވެހިން ވަރަށް ގާތެވެ. އެގާތްކަން ސްރީލަންކާގެ ސިޔާސީ ކޮންމެ އާއިލާޔަކާވެސް ދިވެހިންނާ އޮވެއެވެ. ވިކްރަމަސިންހާޔަކަސް، ކުމާރަތުންގާޔަކަސް، ބަންޑާރަނައިކަޔަކަސް، ޕްރެމަދާސަޔަކަސް، ޖަޔަވަރުދަނާއަކަސް ދިވެހިންނާ ވަރަށް ގާތެވެ. އެއީ ވަކިކަމެކެވެ. ސިޔާސީ ހިމާޔަތް ދީގެން ބޭތިއްބުމަކީ އަދި މުޅިން އެހެން ފެންވަރެއްގެ އެހެން ޒާތެެއްގެ ކަމެކެވެ. ދިވެހިރާއްޖެއަކީ މާކުޑަކުޑަ ތަނެކެވެ. މިތަނަކީ ބޭރު ގައުމުތަކުގެ ސިޔާސީ މީހުން ފިލައިގެން އަމާންކަންމަތީގައި އުޅެން ދުވަހަކު ޚިޔާލުކުރި ތަނެއް ނޫނެވެ. އެކަހަލަ މީހަކު އައި ތަނެއްވެސް ނޫނެވެ. އަދި ބޭރުގެ މުއްސަނދި ނުފޫޒުގަދަ ލީޑަރުން ބޭނުންވާނޭ ބީދަޔަކުން އުޅެވޭންއޮތް ތަނެއްވެސް ނޫނެވެ. ބޭރު ގައުމުތަކުގެ ސިޔާސީ ކުޅިވަރު ހިންގާ މައިދާނަކަށް ދިވެހިރާއްޖެ ހެދުމަކީ ދިވެހީންގެ މަސްލަހަތު ނިޔާކުރާ ކަމެއްވެސް ނޫނެވެ.

އީރާނުގެ ކުރީގެ ރަސްގެފާނު ރިޒާ ޕަހެލަވީޔާއި ފިލިޕީންސްގެ ކުރީގެ ރައީސް ފާޑިނާންޑް މާކޯސްއަަށް އެމެރިކާއިން ހިމާޔަތް ދިންގޮތަށް، އަދި މިސްރުގެ ކުރީގެ ރަސްގެފާނު ފާރޫގަށް އިޓަލީން ހިމާޔަތް ދިންގޮތަށް އަދި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް ނާސިރަށް ސިންގަޕޫރުން ހިމާޔަތް ދިން ގޮތަށް މަހިންދަ ރާޖަޕަކްސާޔާއި އޭނާގެ އާއިލާއަށް މިޒާތުގެ ހިމާޔަތެއް ދިވެހިރާއްޖެއިން ދިނުމަކީ އަޅުގަނޑުގެ ނަޒަރުގައި މުސްތަހީލު ކަމެކެވެ. ނުވާނޭ ކަމެކެވެ. އެހެނެއް ނޫނެވެ. ސިންގަޕޫރަށް، ދުބާއީއަށް ނުވަތަ ލަންޑަނަށް ވަޑައިގެންނެވުމުގެ މަގުމަތީގައި ވަގުތީ މަންޒިލެއްގެ ގޮތުގައި ހަފުތާޔަކަށް، ދެ ހަފުތާޔަކަށް ރާއްޖޭގައި މަޑުކުރެެއްވުމަކީ ވެދާނޭ ކަމެކެވެ. ކުރިން ދެންނެވި ތަންތަނަކީ ބޭރު ގައުމެއްގައި ހުންނަވާން ރާޖަޕަކްސާޔަކު ނިންމަވައިފިނަމަ ވަޑައިގަތުން އެންމެ އެކަށީގެންވާ މަންޒިލްތަކެވެ.

ސްރީލަންކާގެ ސިޔާސީ ބޭފުޅުންނަށް ދިވެހިރާއްޖެއިން ސިޔާސީ ހިމާޔަތެއް ނެތަސް އަދި ނުހޯދިޔަސް، ސްރީލަންކާއަކީ އެންމެ ކުރީއްސުރެވެސް ދިވެހީންނަށް އެ ހިމާޔަތް ދެމުން އައި ގައުމެކެވެ. ސިޔާސީގޮތުން ކުށްވެރިވެ އަމާންކަމާއި މިނިވަންކަމާއެކު ދިވެހިރާއްޖޭގައި އުޅެވޭން ނެތިގެން ދިވެހީންގެ ތެރެއިން ކިތަންމެ ބަޔަކު ސްރީލަންކާގައި އުޅެފައިވެއެވެ. އެތާގައި ތިބެގެން ސިޔާސީ ހަރަކާތް ހިންގާފައިވެއެވެ. މަޝްހޫރު މޮޓަރުބޯޓުގެ ގަޑުބަޑުގައި ކުށްވެރިވި ބޮޑުންވެސް ތިއްބެވީ ސްރީލަންކާގައެވެ. މަޝްހޫރު ޕްރިންސް ދީދީ، ނުވަތަ އައްޑޫ ހިތަދޫ ވާރުގޭ މުހުންމައިދީވެސް ނާސިރުގެ ބޮޑުވަޒީރުކަމުގެ ދައުރުގައި އެހިންގެވި ކަންތައްތައް ހިންގެވީ ސްރީލަންކާގައެވެ. ރައީސް މައުމޫނާއި ރައީސް ޔާމީނުގެ ދައުރުގައިވެސް ދިވެހީންގެ ތެރެއިން ސިޔާސީ ކިތަންމެ ބަޔަކު ސިލޯނަށް ހިޖުރަކުރިއެވެ.

މަހިންދަ ރާޖަޕަކްސާއަށް ސިޔާސީ ހިމާޔަތް ދިނުމުގެ ވާހަކަ މިވަރަށް ދެކެވޭއިރު އޭނާ އެކަހަލަ ކަމަކަށް އިޝާރާތް ކުރެއްވީއެއްވެސް ނޫނެވެ. ގައުމުން ބޭރަށް ވަޑައިގަތުމަށް އުޅުއްވަނީއެއްވެސް ނޫނެވެ. އެފަދަ ކަމެއް ނުވެސް ކުރައްވާނޭ ކަމަށް ރާޖަޕަކްސާ އާއިލާއިން ވަނީ ބުނެފައެވެ. ރައީސްކަމުގައި މިވަގުތުވެސް އެހުންނެވީ ރާޖަޕަކްސާއެކެވެ. ރާޖަޕަކްސާއިންގެ އާރާއި ބާރު އެއްކޮށް މުލުން ލުހެވިގެން ދިޔައީއެއްވެސް ނޫނެވެ. އެކަމަކު ފަހުން ކަންކަން ހިނގާނޭ މަގާއި ކަންކަން ނިމޭނޭގޮތް އެކަކަށްވެސް ނޭނގޭނެއެވެ. މަންޒަރު ކޮންމެ ގޮތަކަށްވެސް ފުރޮޅިގެން ހިނގައިދާނެއެވެ. ފިއްލެވުނު ގޮތަކަށް ފިއްލަވައިގެން ގައުމު ދޫކުރައްވައި ހުރިހާ ރާޖަޕަކްސާއިން ވަޑައިގަންނަވާ ދުވަސްވެސް އަތުވެދާނެއެވެ. އެދުވަސް އަޔަސް އެއިން ބޭފުޅަކު ރާއްޖެ ޚިޔާރު ކުރައްވަފާނެ ކަމަށް އަޅުގަޑު ގަބޫލެއް ނުކުރަމެވެ.