މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯނޭޝަންސް ކަޕަކީ ރާއްޖެއަށް ބޮޑު ލަދެކެވެ. ފުޓުބޯޅަ ތާރީހަށްވެސް މުބާރާތުގެ ނަތީޖާތައް ހުތުރެވެ. މޮޅެއް ނުލިބި މުބާރާތުން ކަޓައިގެން ދިޔައީ އިއްޔެ ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުވެސް އެއްވަރު ވެގެންނެވެ. މުޅި ފުޓުބޯޅައިގެ ހާވިޔާ ވެފައިވާ ސިސްޓަމަށް ސަމާލުކަން ހުއްޓުވާލައިފިއެވެ. ގައުމީ ޓީމުގެ ދަށް ނަތީޖާތަކަކީ ރާއްޖޭގައި މިސްރާބެއް ނެތި ހިނގާ ފުޓުބޯޅައިގެ ހެއްކެވެ. މުސްތަގުބަލުގެ ޕްރޮޖެކްޓުތައް ރޭވި ނަމަވެސް ނުހިނގާ އޮތް އޮތުމުގެ ނަތީޖާއެވެ. އެހެންވީމަ ފުރަތަމަ ކަމަކަށް މުބާރާތުގެ ނަތީޖާއަކީ މުޅި ފުޓުބޯޅަ ސިސްޓަމް ފެއިލްވުމެވެ. އެ ޒިންމާތައް އިއްޔެ މެޗުގައި ހުތުރު ރަތް ކާޑެއް ހޯދި މިޑްފީލްޑަރު، އަދި ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ)ގެ ބޮލުގައި އެކަނި އަޅުވަނީކީ ނޫނެވެ.
އިއްޔެގެ މެޗުގެ ފަހު ވަގުތު ދަނޑަށް ނުކުތް އަޑޭ، ދަނޑަށް އެރިތާ މިނެޓެއްވެސް ނުވަނީސް ބާލަން ޖެހުނީ ސީދާ ރަތް ކާޑަކާ އެކުގައެވެ. ސީހީވީ އެކަމަށް އރި ކުޅުންތެރިޔެއްހެންނެވެ. ސީޝެލްސްގެ ކުޅުންތެރިޔާ މޫނު މަތީގައި އުޅަނބޮށިން އަޑޭ ޖެހި ޖެހުންވީ ދަނޑުމަތީގައި ފެނުނު ވަރަށް ނާތަހުޒީބު އަމަލަކަށެވެ. ހާއްސަކޮށް ރާއްޖޭގެ ސްޓޭޓް މިނިސްޓަރު، ގައުމީ ޖާޒީގައި އެފަދަ ކަމެއް ކުރުން ބަލައެއް ނުގަނެވުނެވެ. އަޑޭގެ އަމަލުތަކުން ހީވީ އޭނާ އެރީ ކުޅުންތެރިއެއް ގައިގައި ޖަހަން ހެންނެވެ. އެ ނިޔަތުގައި އަރައި އެކަން ކުރި ނަމަ އަދި މާ ހަޑިއެވެ.
"ޑިސިޕްލިން އެތައް އެތުލީޓިންނެއް އަހަރުތަކެއް ވަންދެން ކުރާ މަސައްކަތުން ސްޕޯޓްސްއަކީ ޕޮޒިޓިވް، ރަނގަޅު އަހުލާގެއްގެ އެއްޗެއްކަން ދައްކުވައި މިދެނީ. ކުޅިވަރު ކުޅޭ މީހުންނަކީ ރަނގަޅު، ހިތްހެޔޮ އިންސާނުންކަން އަރަމުން އަންނަ ޖީލުތަކަށް ދައްކަން ގައުމީ އެތައް އެތުލީޓުންނެއް މި އަންނަނީ ބުރަކޮށް މަސައްކަތް ކުރަމުން. އެހެން އެކަން އޮއްވާ، ސިޔާސީ ކަންކަން ކުޅިވަރަށް ވައްދާލައި، މިނިސްޓަރަކީ މިނިސްޓަރު ކަމަށްވުމުން ގައުމީ ޓީމުން ޖާގަ ދީގެން މި ނަގާލަނީ އަހަރެމެން އެތައް ބައެއްގެ ޒަމާންވީ މަސައްކަތެއް،" އަޑޭގެ ރަތް ކާޑާއި ގުޅިގެން ކުޅިވަރުގެ ލެޖެންޑަރީ ޝަހުސިއްޔަތު ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) ބުންޏެވެ.
"ލަދު ގަންނަން ޖެހޭނެ އެފަދަ އަމަލުތަކަށް. ގައުމު ބިނާކުރަން އެތުލީޓުން މުހިއްމުކަން ދައްކަން މަސައްކަތް ކޮށްކޮށް ތިއްބާ މުޅި ރާއްޖެއަށް އެ ދެނީ ގޯސް ރެޕިއުޓޭޝަނެއް. އަހަރެން ވަރަށް ދެރަވެ، މާޔޫސްވެ، ރުޅިވެސް ގަދަވެފައި މިހުރީ،" ކުޑަ ހުސައިން ބުންޏެވެ.
އަޑޭއަށް އަޅާނެ ފިޔަވަޅެއް އަދި ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަދި އެފްއޭއެމްއިންވެސް ނުނިންމައެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަރިހުން އަޑޭއަށް ވަކި ފިޔަވަޅެއް އަޅަން ގަސްދުކުރައްވާތޯ "ވަން"އިން ސުވާލުކޮށްލުމުން އެކަމަށް އަދި ޖަވާބު ދެއްވާފައެއް ނުވެއެވެ. ކޯޗު އިއްޔެގެ ޕްރެސްއަށް ފަހު ބުނީ އަޑޭގެ އަމަލަށް އަދި ޖަޖު ނުކުރާނެ ކަމަށާއި، ވާހަކަ ދެއްކުމަށްފަހު ފިޔަވަޅަކަށް ދާނެ ކަމަށެވެ.
އަޑޭއަކީ ކުރިން ގައުމީ ޓީމުގެ ކެޕްޓަންވެސް މެއެވެ. ކުރިން ޓީމުގެ ކެޕްޓަން ކަމުގައި ހުރެފައި ރިޓަޔާ ކުރި އަޑޭ އަލުން ޓީމުގައި ހިމެނީ ނިމިިދިޔަ ސާފަށެވެ. އަޑޭ ސާފް ޓީމަށް ނުކުތީ އަނިޔާގެ ސަބަބުން ފުޓުބޯޅައާ ދުރުގައި އެތައް ދުވަހެއް ހޭދަކުރުމަށްފަހުއެވެ. އަޑޭ މިދިޔަ ސީޒަންގައި ކްލަބު އީގަލްސް އަށް ކުޅެފައެއްވެސް ނުވެއެވެ. ސީޒަންގައި ނުކުޅެ އޮއްވައި އަޑޭ ސާފްގެ ޓީމަށް ނެގުމުން އެފަހަރު ކޯޗު އަލީ ސުޒޭންއަށްވެސް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވެއެވެ.
އަޑޭ ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2018 ވަނަ އަހަރު މާޗު މަހުގައެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅެން އޮތް މެޗު ބޯމަތީގައި އޮއްވައި އަޑޭ ކުއްލި ގޮތަކަށް ގައުމީ ޓީމާ ދުރަށް ދިޔަކަން އިއުލާން ކުރީ އޭރު ޓީމާ ހަވާލުވި ކޯޗު ޕީޓާ ސެގަޓާ މައްސަލަތަކެއް ދިމާވެގެން ކަމަށް އޮތީ ބެލެވިފައެވެ. އެ މައްސަލަތަކަކީ ޑިސިޕްލިންގެ މައްސަލަތައް ކަމަށް ކޯޗު ސެގަޓް ތަކުރާރުކޮށް އޭރު ފާހަގަކުރަމުން ދިޔައެވެ.
ގައުމީ ޓީމުގެ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ އަޑޭގެ ޖަވާބެއް އިއްޔެ ރަތް ކާޑަށް އަދި ނެތް ނަމަވެސް ގައުމީ ޖާޒީގައި އެތައް ދުވަހަކު ކުޅެ، ގައުމު ތަމްސީލު ކުރި ކުޅުންތެރިންގެ ނަޒަރުގައިވެސް އަޑޭ މައާފަށް އެދެން ޖެހެއެވެ.
"މީގަ ފުރަތަމަ ކަމަކަށް އަޑޭގެ ބޮލަށް މުބާރާތުގެ ހުރިހާ ކަމެއް ކަނޑާލައިގެން ނުވާނެ. މުބާރާތުގައި ގައުމީ ޓީމަށް ދިމާވި ކަންކަމަކީ މުޅި ފުޓުބޯޅަ ސިސްޓަމްގެ ތެރެއިން ދިމާވި ކަންތައްތަކެއްކަން ހަނދާން ކުރަންވާނެ. އެކަމަކު އަޑޭގެ ރަތް ކާޑަށް އޭނާ މައާފަށް އެދެން ޖެހޭނެ. މިއީ ސަސްޕެންޝަން ނޫނީ ބޮޑެތި ޖޫރިމަނާތައް އަންނާނެ ކަހަލަ އަމަލުތައް. ހާއްސަކޮށް ޒުވާން ކުޅުންތެރިންނަށް ދެވިގެންދިޔަ ގޯސް މެސެޖެއް އެއީ. އަޑޭ ކުރި ކަންތައް ވަރަށް ގޯސް ނަމަވެސް އެއީ ދެން މުބާރާތުގެ ޒިންމާ ނަގަން ޖެހޭ ސަބަބެއްވެސް ނޫން. މިސާލަކަށް ޒިދާން މެންނަށްވެސް ޖަޒުބާތު ކޮންޓްރޯލް ނުކުރެވި އެބަހުރި ކުޅުންތެރިން މޭމަތީގައި ޖެހިފަވެސް. އެކަމަކުވެސް އަޑޭ މައާފަށް އެދެން ޖެހޭނެ،" ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު، އަދި މިހާރު އެނަލިސްޓެއްގެ ގޮތުގައާއި ކޯޗިންގައި ގިނަ މަސައްކަތްތަކެއް ކުރާ ސޮބާހު މުހައްމަދު (ސޮބާ) ވަން އަށް ބުންޏެވެ.
އަޑޭގެ ރަތް ކާޑަށް ނުރުހުންވެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ވަނީ ފިޔަވަޅު އެޅުމަށް ގޮވާލައްވައިފައެވެ.
ބަލައިގަންނަން އުނދަގޫ މަންޒަރާއެކު މުޅި މީސް މީޑިއާގައި އަންނަނީ އަޑޭއަށް ފާޑު ކިޔުންތައް އަމާޒުވަމުންނެވެ. މުބާރާތުން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ޖެހުމަށްވުރެ އަޑޭގެ ރަތް ކާޑަށް ދިވެހީން ގަންނަން ޖެހުނު ލަދު ބޮޑެވެ. އެހެންވާނެތާއެވެ. ބެލެނިވެރީން ރެއާއި ދުވާލު ކުދިން އެކަޑެމީތަކަށާއި، ފަރިތަކުރުންތަކަށް މި ގެންދަނީ ކުޅިވަރުން ދަސްވާ ހެޔޮ ފިލާވަޅުތަކުގެ ސަބަބުންނެވެ. ކުޅިވަރަކީ މީހާގެ ޑިސިޕްލިން ހިފަހައްޓައިދޭ ކަމަކަށް ވާތީއެވެ. އެ ވިސްނުމަކަށް އަޑޭގެ އަމަލުން ކިލަނބު ކަމެއް އައިސްދާނެއެވެ. އެއީ ނުބައި މެސެޖެކެވެ. އެ މެސެޖަށް މައާފަށް އެދެން ވާނެއެވެ. އެދެން ޖެހޭނެ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު