ސްރީ ލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގެ ތަށި ސީޝެލްސްއިން ހޯދައިފިއެވެ.
ސީޝެލްސްއިން މުބާރާތް ކާމިޔާބު ކުރީ މިރޭ ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި ލަންކާއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 3-3 އިން ނަތީޖާ ހަމަހަމަވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ސީޝެލްސްއިން މެޗު ކާމިޔާބު ކުރީ 6-4ގެ ނަތީޖާއަކުންނެވެ.
މިރޭގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވުމަށް ވަޑައިގެން ދެއްވީ ފީފާގެ ރައީސް ޖިއާނޯ އިންފަންޓީނޯއެވެ. ފީފާގެ ރައީސް ފަދަ ފުޓުބޯޅައިގެ ވަރުގަދަ ޝަހުސިއްޔަތެއް މިރޭގެ މެޗު ޝަރަފުވެރި ކުރުމަށް ވަޑައިގެން ދެއްވުމަކީ މުބާރާތުގެ ފައިނަލް ހާއްސަވި ސަބަބެކެވެ. އިންފަންޓީނޯގެ އަރިހުގައި ފައިނަލް މެޗު ބައްލަވާލެއްވުމަށް ސްރީ ލަންކާގެ ކުޅިވަރާއި ބެހޭ ވަޒީރު، ނަމާލް ރާޖަޕަކްސާ އަދި ލަންކާ ފުޓުބޯޅަ އިދާރާގެ ރައީސް ޖަސްވަރު އުމަރު ލެބޭވެސް ވަޑައިގެން އިންނެވިއެވެ.
ފީފާގެ ރައީސް ލަންކާއަށް ކުރެއްވި ޒިޔާރަތުގައި މިއަދު ވަނީ އެގައުމުގެ ރައީސްގެ އިތުރުން ބޮޑުވަޒީރު މިނިސްޓަރު މަހިންދަ ރާޖަޕަކްސައާވެސް ބައްދަލުކުރައްވައި، ފުޓުބޯޅައިގެ މަޝްވަރާތައް ކުރިއަށް ގެންދަވައިފައެވެ. އޭގެ އިތުރުން ފުޓުބޯޅަ އިދާރާގެ ރައީސްއާއި ކުޅިވަރާ ބެހޭ ވަޒީރާވެސް ފީފާ ރައީސް ވަނީ މިއަދު ރަސްމީ ބައްދަލުވުންތައް ބާއްވައިފައެވެ.
ސީޝެލްސްއާއި ލަންކާ ވާދަކުރި ފައިނަލް މެޗު ރަނގަޅަށް ފެށީ ލަންކާއިންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ލަންކާއިން ކުޅެމުންދިޔަ މެޗުގެ ހަތަރުވަނަ މިނެޓުގައި މާވިން ހަމިލްޓަން ޖެހި ގޯލުން އެޓީމު ލީޑުވެސް ނެގިއެވެ. މިރޭގެ މެޗުގައިވެސް ދަނޑު ވަރަށް ބޮޑަށް ޗަކަވެފައި އޮތް އިރު، އޭގެ ސަބަބުން ދެޓީމަށްވެސް އުނދަގޫތައް ކުރިމަތިވިއެވެ.
ހަމިލްޓަންގެ ލީޑާއެކު ލަންކާއިން އުންމީދުގައި ހާފު ނިންމާލަން ދިޔަ ނަމަވެސް ސީޝެލްސްއިން ހިތްވަރުއާކޮށް ފުރަތަމަ ހާފްގެ ފަހު މިނެޓުގައި ނަތީޖާ ހަމަހަމަކުރިއެވެ. ސީޝެލްސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހުބާޓް ޖީންއެވެ. އެ ގޯލާއެކު ލަންކާއަށް އިތުރަށް މަސައްކަތް ކުރަން ޖެހުނު އިރު، ދެވަނަ ހާފަށް ނުކުމެ އެޓީމުން ކުޅުން ރަނގަޅުވެސް ކުރިއެވެ. ލިބޭ ބޯޅަތައް ފަހަތުން ބޮޑުކޮށް ކުރިއަށް ޖެހުމުގެ ބަދަލުގައި ޕާސްތައް ޖަހައިގެން އެޓޭކުތަކަށް ވިސްނިއެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ލީޑު ފުޅާ ކުރިއެވެ. ދެވަނަ ގޯލު ޖަހައި ދިނީ މުހައްމަދު އާކިބެވެ.
ލަންކާއަށް ލިބުނު ޕެނަލްޓީއެއްގައި އެޓީމުން ދެ ގޯލުގެ ލީޑެއްވެސް ނެގިއެވެ. ޕެނަލްޓީގައި ލަންކާއަށް ގޯލު ޖަހައިދިނީ ވަސީމް ރަޒީކެވެ. އެ ގޯލަކީ މުބާރާތުގައި އޭނާ ޖެހި އަށްވަނަ ގޯލެވެ. ލަންކާއިން ދެ ގޯލުގެ ލީޑެއް ނެގި ނަަމަވެސް ސީޝެލްސް އިން ހިތްވަރުކޮށް މެޗުގެ 84 ވަނަ މިނިޓުގައި ގޯލެއް ޖަހައި އުންމީދު އާކުރިއެވެ. މިއީ ސީޝެލްސްއިން ނެގި ހުރަހަކުން ލަންކާ ޑިފެންޑަރު ޗަރިތަ ރަތުނަޔަކޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ ހިތްވަރާއެކު ކުރި މަސައްކަތުގެ ނަތީޖާއަކީ އެ ޓީމުން ނަތީޖާ ހަމަހަމަކުރުމެވެ. މެޗުގެ 89 ވަނަ މިނިޓްގައި އެ ގޯލު ޖަހައިދިނީ އެރި އެލައިޖާ ވުޑްލީއެވެ.
އެ ނަތީޖާއާއެކު ޕަނަލްޓީއަށް ގޮސް، ދެޓީމުންވެސް ފުރަތަމަ ޖެހި ދެ ޕަނަލްޓީވެސް ވީ ނާކާމިޔާބެވެ. ސީޝެލްސްގެ ޑޯން ފަންޗަޓޭ ޖެހި ޕެނަލްޓީ ސުޖަން މަތަކުރި އިރު، ލަންކާގެ ހަމިލްޓަން ޖެހި ޕެނަލްޓީ ދިޔައީ މަތިން ބޭރަށެވެ. ސީޝެލްސްއިން ދެން ޖެހި ތިން ޕެނަލްޓީވެސް ކާމިޔާބު އިރު، ލަންކާގެ އަސީގުލް ރަހުމާނާއި ޗަރިތަ ޖެހި ޕެނަލްޓީ ވީ ނާކާމިޔާބެވެ. ލަންކާއަށް ޕެނަލްޓީ ވެއްދީ ހަމައެކަނި ގޯލްކީޕަރު ސުޖަންއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު