ސްރީ ލަންކާގައި މިރޭ ފަށާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ، ފޯ ނޭޝަންސް އިންވިޓޭޝަނަލް ކަޕުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ނުކުންނާނީ ހޯސްޓް ގައުމު ލަންކާއާ ދެކޮޅަށެވެ. ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިރޭ މުބާރާތް ފަށާނީ ކުލަގަދަ ރަސްމިއްޔާތަކާ އެކުގައި ކަމަށް ލަންކާގެ އެފްއޭއިން ބުނެފައިވެއެވެ. މެޗުތަކުގެ އެންމެ ފަހުގެ ތައްޔާރީތައްވެސް މިހާރު ނިމިފައިވާ އިރު، އިއްޔެ ވަނީ ކޯޗުންނާއެކު ޕްރި މެޗު ޕްރެސް ކޮންފަރެންސްވެސް ބާއްވާފައެވެ. ރާއްޖެ ޓީމުގެ ފަރާތުން ޕްރެސްއާ ކުރިމަތިލީ އާ ކޯޗު ފްރެންސެސްކޯ މޮރިއޭރޯ އާއި ސީނިއާ ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) އެވެ.
ޕްރެސްގައި މޮރިއޭރޯ ސެރެއާ އޭގެ އިންޓަ މިލާން ފަދަ ކްލަބުތަކަށް ކުޅުނު ދުވަސް ވަރަށް ލަންކާ ނޫސްވެރިން ކޮންމެވެސް ވަރަކަށް ސުވާލުތައް އަމާޒުކޮށްފައިވާ އިރު، އެންމެ ބޮޑަށް ދެކެވުނީ ހަމަ އަލީ އަޝްފާގު (ދަގަނޑޭ)ގެ ވާހަކައެވެ. އެކަން އެހެން ވަނީ ސަބަބުތަކާވެސް އެކުގައެވެ. ރާއްޖޭގެ ފުޓުބޯޅަ ދުށް އެންމެ މޮޅު، އެންމެ ތާރީހީ ކުޅުންތެރިޔަކީ ދަގަނޑޭއެވެ. ދަގަނޑޭގެ ނަމަކީ މި ރީޖަންގައިވެސް އެންމެ ވިދުން ގަދަ ނަމެވެ. އަދިވެސް އެ ވަރެއް ނެތެވެ. ސާފް ޗެމްޕިއަންޝިޕްގައިވެސް ދަގަނޑޭ އޭނާގެ ކޮލިޓީ ދައްކާލީ ތިން ގޯލު ޖަހައިގެންނެވެ. އޭގެ ތެރެއިން އެއް ގޯލަކީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ގޯލެވެ.
އެ ވާހަކަތަކުގެ ތެރެއިން ޕްރެސް ނިމެން ދިޔަ ދަނޑިވަޅުގައި ނޫސްވެރިޔަކު ކުރި ތަފާތު ރިކުއިސްޓަކަށް ސަމާލުކަން ހުއްޓުނެވެ. ލަންކާގެ އެ ނޫސްވެރިޔާ ބުނީ، ކުރަން އުޅެނީ ސުވާލެއް ނޫން ކަމަށާއި، ކޯޗުގެ ކިބައިން އެދެނީ ހާއްސަ ރިކުއިސްޓަކަށް ކަމަށެވެ.
"މިއީ ސުވާލެއް ނޫން ކޯޗު، އެކަމަކު ރިކުއިސްޓެއް، ރާއްޖެއިން ލަންކާއާ ދެކޮޅަށް ކުޅޭ ކޮންމެ ފަހަރަކު އަލީ އަޝްފާގު އެބަ ގޯލު ޖަހާ. އަޝްފާގު ބެންޗުގައި ބޭންދޭނެ އެއްވެސް ގޮތެއް އެބައޮތްތަ؟" ނޫސްވެރިޔާ ބުންޏެވެ.
ލަންކާއާ ދެކޮޅަށް ދަގަނޑޭގެ ކެރިއަރުގައި ނުވަ ގޯލު ޖަހާފައިވާ އިރު، އެ ސުވާލަކީ ޖޯކެއްގެ ގޮތުގައި ކުރި ސުވާލެއް ނަމަވެސް އެއީ ލަންކާގެ އެތައް ސަޕޯޓަރުންނެއްގެވެސް ރިކުއިސްޓަކަށް ވާނެއެވެ. 2013 ވަނަ އަހަރު ނޭޕާލުގެ ކަތަމަންޑޫގައި ކުޅުނު ސާފް ޗެމްޕިއަންޝިޕުގެ މެޗެއްގައި ދަގަނޑޭ ލަންކާ ކޮޅަށް އެއް މެޗެއްގައި ހަ ގޯލުވެސް ޖަހާފައިވާ އިރު، ދަގަނޑޭއަކީ ލަންކާއަށް އޮތް ބޮޑު ބިރެކެވެ. އުމުރުން 36 އަހަރުގައިވެސް ދަގަނޑޭ ވަރުގެ ނުރައްކަލެއް ލަންކާއަށް ރާއްޖޭ ޓީމަކު ނެތެވެ.
އެ ރިކުއެސްޓަށް ޖަވާބު ދެމުން ކޯޗު ވަނީ ދަގަނޑޭ ބުނާ ވާހަކައެއްވެސް ހިއްސާ ކޮށްފައެވެ. އޭގެ އިތުރުން ކޯޗު ބުނީ ޓީމެއްގެ ގޮތުގައި މޮޅުވާން ދަގަނޑޭގެ އިތުރުންވެސް ރާއްޖޭގައި ކޮލިޓީ ކުޅުންތެރިން ތިބި ކަމަށެވެ.
"ހަހަހަ... (ބެންޗު ކުރެވޭނެ ގޮތެއް) ނޯންނާނެ. އަލީ އަޝްފާގު ބުނަމުން އެބަދޭ ކޯޗު ހާސް ނުވާށޭ، އަހަރެން ޔަގީނުންވެސް ގޯލު ޖަހާނަމޭ. އަހަރެން ގަބޫލުކުރާ ގޮތުގައި ރާއްޖޭ ޓީމުގައި ވަރަށް ގިނަ ކުޅުންތެރިން އެބަތިބި ތަފާތު ދެއްކޭނެ. އެކަމަކު އާންމު ކަމެއްކަންނޭނގެ ދަގަނޑޭ ކަހަލަ ކުޅުންތެރިޔަކު ހުރިއްޔާ ތަފާތު ދައްކާނެ ކަން ގަބޫލުކުރުމަކީ. އޭނާއަށް މެޗަކުން މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު ނަމަވެސް އަހަރެން ބުނާނީ މެޗުން މޮޅުވާނީ ޓީމޭ،" ކޯޗު މޮރިއޭރޯ ބުންޏެވެ.
ލަންކާ ކޮޅަށް ދަގަނޑޭ ނުވަ ގޯލު ޖަހާފައިވާއިރު، ދަގަނޑޭ އެންމެ ގިނައިން ގޯލު ޖެހި ބޫޓާން ކޮޅަށް އޭނާ ޖެހީ 11 ގޯލެވެ. މިހާތަނަށް ގައުމީ ޖާޒީގައި ދަގަނޑޭ ކުޅުނު 86 މެޗުގައި 56 ގޯލު ޖަހާފައިވެއެވެ. ސީނިއާ ގައުމީ ޓީމަށް ދަގަނޑޭ ފުރަތަމަ ގޯލު ޖެހީ އުމުރުން 18 އަހަރުގައެވެ. ދަގަނޑޭއަކީ އެންމެ ޒުވާން އުމުރުގައި ރާއްޖޭގެ ގައުމީ ޓީމަށް ގޯލު ޖެހި ކުޅުންތެރިޔާވެސް މެއެވެ. ލަންކާ ނޫސްވެރިޔާގެ ރިކުއިސްޓަކީ އިހުތިރާމެވެ. އެއީ އެގައުމުގެ ސަޕޯޓަރުންވެސް ދަގަނޑޭގެ ފެންވަރަށް ކުރާ ތައުރީފު އަންގައިދިން ރިކުއިސްޓެކެވެ. ސަރަހައްދީ ގިނަ ސަޕޯޓަރުން ތަކެއްގެ ލޯތްބާއި އިހުތިރާމު އަބަދުވެސް ދަގަނޑޭއަށް އޮންނާނެކަން ޔަގީނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު