ކުޅިވަރު

ޔުނައިޓެޑް ސަލާމަތް ކޮށްދިނީ ރޮނާލްޑޯ، ބަޔާންއާއި ޔުވެންޓަސް އަނެއް ބުރަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގެ ފަހު މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލާއެކު އެޓީމުން އެޓަލާންޓާ އަތުން ޕޮއިންޓެއް ހޯދައިފިއެވެ.

އެޓަލާންޓާގެ ދަނޑުގައި ރޭ ކުޅުނު މެޗު 2-2 އިން ނިމިފައިވާއިރު، މެޗުގައި ޔުނައިޓެޑުން ޖެހި ދެ ގޯލުވެސް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. މިހާތަނަށް ޔުނައިޓެޑުން ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން އެޓީމު ހަތް ޕޮއިންޓް ހޯދާފައިވާ އިރު، އަދިވެސް އޮތީ ގުރޫޕް އެފްގެ އެއްވަނައިގައެވެ. މިހާތަނަށް ގުރޫޕް ސްޓޭޖުގެ ދެ މެޗެއްގައި ޔުނައިޓެޑުން ފަހު ވަގުތު ގޯލު ޖަހައިގެން ސަލާމަތް ވެއްޖެއެވެ. އެ ގޯލުތައް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ "މިސްޓާ ޗެމްޕިއަންސް ލީގު"، ރޮނާލްޑޯއެވެ.

މެޗުގެ ކުރީކޮޅުގައި އެޓަލާންޓާ އިން ލީޑު ނެގީ ޖޯސިފް އިލިކް ޖެހި ގޯލުންނެވެ. އެ ގޯލާއެކު ލީޑުގައި ހާފު ނިންމާލަން އެޓަލާންޓާއިން ވިސްނި ނަމަވެސް ރޮނާލްޑޯގެ ހިތްގައިމު ގޯލަކާއެކު ޔުނައިޓެޑުން ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ނަތީޖާ ހަމަހަމަ ކުރިއެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅުގައި ކްރިސްޓިއަން ޒަޕާޓާ ޖެހި ގޯލާއެކު އެޓަލާންޓާއިން އަނެއްކާވެސް ލީޑު ނެގިއެވެ.

އެޓަލާންޓާންއިން ތިން ޕޮއިންޓު ޔަގީން ކުރަން ދަނިކޮށް، 91 ވަނަ މިނެޓުގައި ރޮނާލްޑޯ އޭނާގެ ދެވަނަ ގޯލު ޖެހިއެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ވޮލީ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ. ހިތްގައިމު ގޯލާއެކު ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ޖެހިޖެހިގެން ހަތަރު ޗެމްޕިއަންސް ލީގު މެޗުގައި ގޯލު ޖަހައިދީފައެވެ. މީގެ ކުރިން ޔުނައިޓެޑް ޖާޒީގައި ޖެހިޖެހިގެން ހަތަރު ޗެމްޕިއަންސް ލީގު މެޗުގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔަކީ ރޫދު ވާން ނެސްތެރޫއީއެވެ. އެއީ 2003 ވަނަ އަހަރުއެވެ.

ބަޔާންއިން ގަދަ 16 އަށް ދަތުރު ކޮށްފައި ވަނީ ރޭ ކުޅުނު މެޗުގައި 5-2 ގެ ނަތީޖާއަކުން ބެނިފީކާ ބަލިކޮށްގެންނެވެ. މެޗުގައި ބަޔާންގެ ފޯވަޑް ރޮބާޓް ލެވަންޑޯސްކީ ހެޓްރިކް ހެދި އިރު، އެޓީމުގެ އަނެއް ދެ ގޯލު ކާމިޔާބު ކޮށްދިނީ ސާޖު ނަބެރީއާއި ލެރޮއި ސާނޭއެވެ. ޔުވެންޓަސްއިން މިހާތަނަށް ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓު ހަމަކޮށް، އެޓީމުން ގަދަ 16 ޔަގީން ކުރީ ރޭ ޒެނިތު ޕީޓާސްބާގުގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މެޗުގައި ޔުވެންޓަސްގެ އާޖެންޓީނާ ފޯވަޑު ޕައުލޯ ޑީބާލާ ދެ ގޯލު ޖަހާފައިވާ އިރު، އަނެއް ދެ ގޯލު ޖެހީ ފެޑަރީކޯ ޗިއޭސާގެ އިތުރުން އަލްވާރޯ މޮރާޓާއެވެ. ޒެނިތުގު ފުރަތަމަ ގޯލު ލިއެނާޑޯ ބޮނޫޗީ އަތުން ބައިކޮޅަށް ވަދެފައިވާ އިރު، ދެވަނަ ގޯލު ޖެހީ ސަރުދާރު އަޒްމޫނެވެ. ޔުވެންޓަސް ހިމެނޭ ގުރޫޕް އެޗުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި މަލްމޯ އެފްސީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ޗެލްސީގެ ގޯލު ޖެހީ ހަކީމް ޒިޔެޗެވެ.