އެންޓި ކޮރަޕްޝަން ކޮމިޝަން

މަހުލޫފު މައްސަލައިގައި ދައުވާ ކުރާކަށް ނުނިންމާ، ޕީޖީން ގޮތެއް ކަނޑައަަޅަންދެން މަޑުކުރަން ޖެހޭ: އޭސީސީ

އިބްރާހިމް ޒަކީ

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް (ޕީޖީ އޮފީސް) އަށް ފޮނުވި މައްސަލައިގައި ދައުވާ ނުކުރަން އަދި ނިންމާފައި ނުވާ ކަމަށާއި، އެ މައްސަލަިގައި ޕީޖީން ގޮތެއް ނިމަންދެން ޖެހޭނީ މަޑު ކޮށްލަން ކަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް، އޭސީސީގެ މެންބަރުން ހާޒިރުކޮށް އެ ކޮމިޝަންގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު އޮޅުން ފިލުވުމަށް، މެންބަރުން ކުރެއްވި ސުވާލު ތަކުގެ ތެރެއިން މަހުލޫފުގެ މައްސަލައާ ބެހޭގޮތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝިއުނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާކުރަން ފޮނުވީ، އެ މައްސަލައިގެ ތަހުގީގުތަކުގައި ބައިވެރިވާ އިދާރާތަކުގެ އިސްވެރިންނާ އެއްމެން މަޝްވަރާކޮށް އެއްބަސްވެގެން ކަމަށެވެ.

އެ މައްސަލައިގައި ޕީޖީން ބޭނުންވާ މައުލޫމާތުތައް އޭސީސީން ފޯރުކޮށްދެމުން އަންނަ ކަމަށާއި، މައްސަލައިގައި ޕީޖީއާ މުއާ މުއާމަލާތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުނީ މިއަހަރުގެ ޖޫން މަހުގެ ނުވަވަނަ ދުވަހުއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33,000.00 އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެއެވެ.

އެ މައްސަލައިގައި ދައުވާކުރުމާ މެދު ޕީޖީން ގޮތެއް ނިންމަންދެން މަހްލޫފު އަދާކުރަމުންގެންދިޔަ މިނިސްޓަރު ކަމުގެ މަގާމުން ހަމަ އެދުވަހުން ފެށިގެން ސަސްޕެންޑް ކުރިއެވެ.

ނަމަވެސް ހަތަރު މަސްދުވަހަށްފަހު މިމަހުގެ 10 ވަނަ ދުވަހު މަހުލޫފްގެ ސަސްޕެންޝަން ވަނީ ނިމުމަކަށް ގެނެސްފައެވެ.