ޓީޗަރެއްގެ ނަމުގައި ފަސް އަހަރުވަންދެން މުސާރަ ނަގަމުންދިޔަ ހިޔާނާތުގެ މައްސަލައެއްގެ ތަހުގީގު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މާލެ ސަރަހައްދުގެ ސްކޫލެއްގެ ތެރޭގައި ހިންގި ހިޔާނާތެކެވެ.

އެ ހިޔާނާތުގައި މީގެ ފަސް އަހަރު ކުރިން 2021 އިން ފެށިގެން އެހެން މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގަމުންދިޔަ އެ ސްކޫލު ތިން މުވައްޒަފެއް ހިމެނެކަން އެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވެސް ވަނީ ނިންމައިފައެވެ.

އޭސީސީން ބުނީ އެ މައްސަލަ އޭސީސީން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާބެހޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މައްސަލައިގައި ވަޒީފާ އިން ވަކިކުރަން ނިންމާފައި ވަނީ އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރާއި ހިއުމަން ރިސޯސް މެނޭޖަރުގެ އިތުރުން ބަޖެޓް އޮފިސަރެވެ.

އެ ސްކޫލުގައި ކުރިން މަސައްކަތްކުރި ބިދޭސީ މުވައްޒަފަކު ވަޒީފާ އިން ވަކިވުމަށް ފަހު، އެ ބިދޭސީމީހާ ރާއްޖެ ދޫކޮށް ދިއުމުން އޭނާގެ ބަދަލުގައި އެހެން މީހެއްގެ ނަން މުސާރަ ޝީޓަށް އިތުރުކޮށް، އެ މީހާގެ މުސާރަ ނަގައި، ބަޖެޓު އޮފިސަރާ އާއިލީ ގުޅުން އޮތް ތަފާތު މީސްމީހުންގެ އެކި އެކައުންޓުތަކަށް ފޮނުވަމުން ދިޔަ ކަމަށް އެ ފަރާތްތަކަށް ވަނީ ތުހުމަތުކޮށްފައެވެ.

އެ ގޮތަށް ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި 1.5 މިލިއަން ރުފިޔާގެ ފައިސާ އެ ބިދޭސީ މުވައްޒަފުގެ ނަމުގައި މުސާރައިގެ ގޮތުގައި ނަގާފައިވާކަމަށް ވަނީ ތުހުމަތުކޮށްފައެވެ.