ރިޝްވަތުގައި ނުހިފައި، އަމާނާތްތެރިކަމާއެކު ވޯޓުލުމުގެ ހައްގު އަދާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއް ދުވަހެއްގައި ބޭއްވުމުގެ ވޯޓު މާދަމާ ކުރިއަށްދާނެއެވެ.

އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އިންތިހާބުތަކާ ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކާއި، މީޑިއާގެ ވަސީލަތްތަކުން ފާހަގަކުރާ އަދި އެހެނިހެން ގޮތްގޮތުން އެ ކޮމިޝަންގެ ސަމާލުކަމަށް ގެންނަ ޝަކުވާތަކާ ގުޅޭ މައްސަލަތައް ތަހުގީގުކުރަމުންގެންދާ ކަމަށެވެ.

އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަކީ ޖިނާއީ މައްސަލަތައްކަމުން، އެ މައްސަލަތައް ތަހުގީގުކުރުމުގައި ކޮމިޝަނުން ތަބާވަނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުން އެކަށައަޅާފައިވާ މިންގަނޑުތަކަށް ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީގެ ބަޔާނުގައި ބުނީ އިންތިހާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، ކެމްޕޭންކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި، ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުމާއި ހިފުން ފަދަ ކަންކަމުން ދުރުހެލިވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.

"އެހެންކަމުން، ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ފަރާތަކަށް ރިޝްވަތު ހުށަނޭޅުމަށާއި، ވޯޓު ދިނުމުގެ ހައްގު ހެޔޮގޮތުގައި ބޭނުންކޮށް ވޯޓުދިނުމުގެ ޒިންމާ އަދާކުރުމުގައި އެއްވެސް ފަރާތަކުން ހުށަހަޅާ ރިޝްވަތުގައި ނުހިފައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ ހައްގުގެ ބޭނުން ފުރިހަމައަށް ހިފުމަތް މި ފުރުސަތުގައި ކޮމިޝަނުން އިލްތިމާސްކުރަމެވެ..،" އޭސީސީގެ ބަޔާނުގައި ބުންޏެވެ.

މާދަމާގެ އިންތިހާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ، 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.

މި ނަގާ ތިން ވޯޓުގައި ވޯޓުލުމަށް، ޖުމުލަ 588 ފޮށި ބަހައްޓަން އީސީން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި ނުވަ ފޮށި އަދި އަތޮޅުތަކުގައި 322 ފޮށްޓެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި ފަސް ވޯޓު ފޮށި ބެހެއްޓުމަށްވެސް ވަނީ ނިންމައިފައެވެ.

މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން 132 ރަށަކަށް އިންތިހާބުކުރަން ޖެހޭނީ، ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން ތިން ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިހާބު ކުރަން ޖެހޭނީ، ކައުންސިލް ރައީސާއި ދެ އަންހެން ކައުންސިލަރުން ހިމެނޭހެން ފަސް ކައުންސިލަރުންނެވެ.

މި އިންތިހާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރަން ޖެހޭނީ، ރަށާއި ސިޓީ ކައުންސިލަށް އިންތިހާބު ކުރާ އަދަދަށެވެ.