މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމްގެ) ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލުގެ އެކައުންޓަށް 29،000 ޑޮލަރު ޖަމާކޮށްފައިވާތީ، ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީއޯ)އަށް ފޮނުވައިފިއެވެ.
އޭސީސީން މިއަދު ބުނީ ބައްސާމުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިއަދު ކަމަށެވެ.
"މި މައްސަލައިގައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށް، ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އަބްދުލްއަފޫރު މެދުވެރިވެގެން، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ބައްސާމު އަދީލް ޖަލީލްގެ ބޭންކް އެކައުންޓަށް 29,000.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވެއެވެ. އަދި މިފައިސާ ބައްސާމު އަދީލް ޖަލީލްގެ އަމިއްލަ ބޭނުންތަކަށް ހަރަދުކޮށްފައިވާކަން ތަހުގީގަށް ފާހަގަވެފައިވެއެވެ" އޭސީސީން ބުންޏެވެ.
ބައްސާމް ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައިވެރިވެ، ރަށްތަކާއި ފަޅުތައް ކުއްޔަށްދިނުމާ ގުޅޭ ބައެއް އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައިކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ބައްސާމުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ "މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު" ގެ 53 ވަނަ މައްދާގެ (ހ) ގެ ދަށުން ކަމަށެވެ.
މުހައްމަދު އިޝާން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން