ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތްތަކަށް ހެޔޮ ބަދަލެއް ގެނައުމުގެ މަގްސަދުގައި، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އަމާޒުކޮށްގެން އެކުލަވާލި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ސްޓްރެޓީޖިކް ޕްލޭން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އޭސީސީގައިމިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހުކޮށްދެއްވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އާއި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހުޔާ އަލް ގަހުތާނީ އެވެ.
އެ ޕްލޭނަކީ ކޮރަޕްޝަންގެ ރިސްކް ނުވަތަ ހިރާސް ބޮޑު ދާއިރާތަކަށް ހާއްސަ އިސްކަމެއް ދީގެން، ކޮމިޝަނުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް އެކުލަވާލާފައިވާ މުހިންމު މަގުޗާޓެކެވެ.
އޭސީސީން ބުނީ އެ ޕްލޭންގެ މައިގަނޑު އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުން ރައްޔިތުންނަށް ފެންނަ ފަދަ އަމަލީ ބަދަލުތަކެއް ގެނައުމެވެ.
ޕްލޭން ބަހާލާފައިވާ މައިގަނޑު ދާއިރާތައް:
- ގަވާނަންސް އަދި އިދާރީ ތަރައްގީ: އިދާރީ ހިންގުން ހަރުދަނާކޮށް އެދެވޭ ނަތީޖާ ހާސިލްކުރުން.
- ގައުމީ ނަޒާހަތްތެރިކަން: ގައުމީ ނަޒާހަތްތެރިކަމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުން.
- ޕްރޮކިއުމަންޓާއި ކުންފުނިތައް: ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވާނަންސް ހަރުދަނާކުރުން
- ސިޔާސީ ކޮރަޕްޝަން: ސިޔާސީ ދާއިރާގައި ހިންގާ ކޮރަޕްޝަން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުން
އެ ޕްލޭންގެ ދަށުން ނަޒާހަތްތެރިކަން އިތުރުކުރުމަށްޓަކައި ހުރިހާ އުމުރުފުރާތަކަކަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައިކަމަށް އޭސީސީން ބުންޏެވެ.އަދި އިތުރުން "މޯލްޑިވްސް އެންޓި-ކޮރަޕްޝަން އެކަޑަމީ" މެދުވެރިކޮށް ތަމްރީނުތައް ފުޅާކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ ނުރައްކާ ބޮޑު ތަންތަން ދެނެގަނެ، އެ ތަންތަނުގެ ނިޒާމުތައް އިސްލާހުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނެކަމަށް އޭސީސީން ބުންޏެވެ. އަދި އިންސާފުވެރި އިންތިހާބުތަކެއް ބޭއްވުމަށް ބާރުއެޅުމާއި، ވަޒީފާ ދިނުމުގެ ކަންކަން ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަކީ ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކުރުން ހިމެނޭކަމަށް އޭސީސީން ބުންޏެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން