ޚަބަރު

ޒިނޭގެ ކުށް ސާބިތުކުރަން ޑީއެންއޭ ހެކި ބޭނުންކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

އިބްރާހިމް ޒަކީ

ޒިނޭގެ ކުށް ސާބިތުކުރުމަށް ޓަކައި ޑީއެންއޭ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

މި މައްސަަލަ އަކީ ށ. އަތޮޅު ގޮއިދޫ، ނޫއަލި ފާތިމަތު ޝަމީމާ 13 އޭޕްރީލް 2016 ގައި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވިހާފައިވާ އަންހެން ކުއްޖާ އަކީ ދ. ކުޑަހުވަދޫ، ތާޖު، މު ހައްމަދު ތައުފީގާއެކު ބަދުއަހުލާގީ އަމަލު ހިންގައި، ޒިނޭ ކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއް ކަމަށް ޝަމީމާ ބުނާތީ އާއި މި

ކުއްޖާގެ ޑީއެންއޭ އާއި ތައުފީގު ގެ ޑީއެންއޭ ދިމާވާތީ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ދައުވާ އެކެވެ.

މި ދައުވާ ފުރަތަމަ ކުރީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. ނަމަވެސް ޑީއެންއޭގެ ހެކީގެ މައްޗަށް ބިނާކޮށް ޒިނޭގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް ކަނޑައަޅައި، ތައުފީގުގެ މައްޗަށް ޒިނޭގެ ކުށް ސާބިތު ނުވާ ކަމަށް އެ ކޯޓުން ހުކުމް ކުރިއެވެ. އަންހެނުންގެ ހެކިބަހުގެ ގާނޫނު ގައިވާ އުސޫލުތަކަށް ބަލާއިރު، ޒިނޭގެ ކުށް ސާބިތުކުރެވޭނީ 4 ފިރިހެނުންގެ ހެކިބަހުން ނުވަތަ އިއުތިރާފުން ކަމަށް ވެސް އެ ކޯޓުން ބުނެފައި ވެއެވެ.

އެ މައްސަލައިގައި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބަލައި ހައިކޯޓުން ހުކުމް ކުރީ ކުޑަހުވަދޫ ކޯޓުގެ ނިންމުމަށް ތާއީދު ކުުރުމަށެވެ.

އެ މައްސަލައިގައި ތައުފީގުގެ މައްޗަށް އުފުލާފައިވާ ޒިނޭކުރުމުގެ ކުށުގެ ދައުވާ، ހަމައެކަނި ޝަމީމާ ބުނާ ބުނުމާއި، ޑީއެންއޭ ހެކީގެ މައްޗަށް ބިނާކޮށް ސާބިތު ވާކަމަށް ކަނޑައެޅިއްޖެ ނަމަ، ވިހެއި ކުއްޖާގެ ނަސަބާ ގުޅޭ ގޮތުން (އެބަހީ ކުއްޖާގެ ޝަރުއީ ބަލަދުވެރި ފަރާތާ މެދު) ޝަރުއީ އަދި ގާނޫނީ ގޮތުން، ސާފު ވާން ޖެހޭ އެތައް ކަމެއް އެކަމުގެ މައްޗަށް ތަރުތީބު ވެގެން އަންނާނެތީ، މި މައްސަލައިގައި ޝަރީއަތުން ނިންމާ ނިންމުމެއްގެ ސަބަބުން މައްސަލައިގައި ނުހިމެނޭ މައުސޫމް ކުޑަ ކުއްޖެއްގެ ހައްގަށާއި މަސްލަހަތަށް، އަދި އެކުއްޖާގެ ދުނިޔަވީ މުޅި ހަޔާތުގައި އިއާދަ ނުކުރެވޭ ފަދަ އެތައް ކަމެއް މެދުވެރިގެން ދާނެ ކަމަށްވެސް ހައިކޯޓުން ބުނެފައިވެއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުމަކީ ހައިކޯޓުން އެމައްސަލަ ނިންމާފައި ވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު ނިންމި ނިނުމެކެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި އާއިޝާ ޝުޖޫން ތާއީދު ކުރައްވައި، ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުމުގައި ވަނީ، އެ ގަރީނާ އަށް ބާރު ދެނިވި އެހެން ހެކި، ނުވަތަ ބާރުގަދަ ގަރީނާ ހުރެއްޖެ ނަމަ ޑީއެންއޭ އާއި އެފަދަ ސައިންޓިފިކް ގަރީނާ ތަކަކީ، ހައްދުގެ މައްސަލަތައް ތައުޒީރީ މިންގަނޑުން ސާބިތު ކުރުމަށް ފުދޭނޭ ވަސީލަތްތަކެއް ކަމަށެވެ. ނަމަވެސް އެ ހާލަތުގައި ކުށް ސާބިތުވި މީހާގެ މައްޗަށް ހައްދުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި ދޭންވާނީ ތައުޒީރުގެ އަދަބު ކަމަށްވެސް ބުނެފައިވެއެވެ.

ސަބަބަކީ ޑީއެންއޭ އާއި އެފަދަ ސައިންޓިފިކް ގަރީނާތަކަކީ ޝުބްހައިގެ މަހައްލުން މުޅިން ނެއްޓިފައިވާ އެއްޗަކަށް ނުވާތީވެ، އެ ފަދަ ޝުބުހައެއް އޮންނަ ހާލަތުގައި ހައްދުގެ އަދަބު ދިނުމުން އެއްކިބާ ވުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައި ވާތީ ކަމަށްވެސް ބުނެފައިވެއެވެ. އަދި ރާއްޖޭގެ ގާނޫނީ ނިޒާމަށް ބަލާއިރު އެގޮތުން ދެވޭ ތައުޒީރުގެ އަދަބު ކަނޑައަޅަންވާނީ އެ ހާލަތުގައި ކަނޑައަޅާނޭ ތައުޒީރުގެ އަދަބެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ނަމަ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ޝަމީމާ އާ އެކު ޒިނޭ ކުރި ކަމަށް ތައުފީގު އިންކާރު ކުރި ނަމަވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޝަމީމާ ވިހާފައިވާ އަންހެން ކުއްޖާ އަކީ ތައުފީގާއެކު ބަދުއަހުލާގީ އަމަލު ހިންގައި ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއް ކަމަށް ޝަމީމާ ބުނާތީ އާއި މި ކުއްޖާގެ ޑީއެންއޭ އާއި ތައުފީގުގެ ޑީއެންއޭ ދިމާވާތީ ގާނޫނުލްއުގޫބާތުގެ ދަށުން ތައުފީގުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ޝަރީއަތުން ނިންމާ ނިންމުމެއްގެ ސަބަބުން މައްސަލައިގައި ނުހިމެނޭ މައުސޫމް ކުޑަ ކުއްޖެއްގެ ހައްގަށާއި މަސްލަހަތަށް، އަދި އެކުއްޖާގެ ދުނިޔަވީ މުޅި ހަޔާތުގައި އިއާދަ ނުކުރެވޭ ފަދަ އެތައްކަމެއް މެދުވެރިގެން ދާނެކަމަށް ހައިކޯޓުން ބުނެފައިވާތީ، ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ، ޒިނޭގެ ކުށުގެ ތެރެއިން ކުއްޖަކު ވިހާފައި ވާނަމަ އެ ކުއްޖާގެ ނަސަބު އެ ކުއްޖާގެ ބައޮލޮޖިކަލް ބައްޕައަށް ނިސްބަތް ނުވާނެ ކަމަށެވެ. އަދި އެ ހާލަތުގައި އެދެމެދުގައި ތަރިކައިގެ ގަވާއިދުތައްވެސް ނުހިނގާނެ ކަމަށެވެ.

ޒިނޭގެ ކުށް ކުރި ދެ ހަސްމުން ފަހުން ކައިވެނި ކުރި ނަމަވެސް އެ އުސޫލުތަކަށް ބަދަލެއް ނާންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ސައްހަ ކައިވެންޏެއްގެ މަތީގައި ދެމަފިރިޔަކު ވަނިކޮށް އަނބިމީހާ އެހެން ފިރިހެނަކާ އެކު ޖިމާއުވެ ޒިނޭގެ ދަރިޔަކު ލިބުނު ނަމަވެސް ޒިނޭގެ ކުށް ސާބިތުވުމުގެ ސަބަބުން އެ ދެމަފިރިންގެ ކައިވެނި އޮޓަމެޓިކުން ނިމުމަކަށް ނާންނާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ޒިނޭގެ ސަބަބުން ލިބުނު ކަމަށް ބުނާ ކުއްޖާގެ ނަސަބުވެސް އެ އަންހެން މީހާ އިނދެގެން ހުރި ފިރިހެން މީހާގެ ކިބައިން އޮޓަމެޓިކުން ކެނޑިގެން ނުދާނެ ކަމަށްވެސް ބުނެފައިވެއެވެ. ވީމާ، މި މައްސަލައިގައި ހުށަހެޅިފައިވާ ޑީއެންއޭ ތަހުލީލުގެ މައްޗަށް ބިނާކޮށް ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ސާބިތުވާ ކަމަށް ކަނޑައެޅިއްޖެނަމަ އެ ކުރެވޭ ކަމަކީ ޝަމީމާ ވިހެއި ކުއްޖާއަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުން އެ ކުއްޖާގެ ބައްޕަކަމަށް ބެލުން ލާޒިމުވާ ފަރާތަކީ އެކުއްޖާގެ ބައްޕަނޫން ކަމަށް ކަނޑައެޅިގެން ދިއުން ކަމަށް ހައިކޯޓުގެ ހުކުމުގައި ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައި އޮތް އޮތުމަކީ ޝަރުއީ އެއްވެސް ދަލީލެއްގެ މައްޗަށް އޮތް ވާހަކައެއް ކަމަށް ނުދެކޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ވެއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓަށް ތަހުވީލު ކުރުމަށެވެ.