ޚަބަރު

ވަޅޯމަސް މާރުކޭޓު ކައިރީ މަސްބާނަން ހުރި މީހަކު ވަޔާއެކު މޫދަށް ވެއްޓި މަރުވެއްޖެ

ރިފާ ހަލީލު

އިއްޒުއްދީން ފާލަމާ ދިމާލުން ވަޅޯމަސް މާރުކޭޓު ކައިރީގައި މަސް ބާނަން ހުރި މީހަކު ވަޔާއެކު މޫދަށް ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އިއްޒުއްދީން ފާލަމާ ދިމާލުން މަސްބާނަން ހުރި މީހަކު މޫދަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:05ގައި ލިބުނު ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔަ ފަހުން އޭނާ މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޮފިސަރު ވިދާޅުވީ މަރުވެފައި ވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މިހާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗުގައި ބާއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެނާ އިތުރަށް ވިދާޅުވީ އެމީހާ މޫދަށް ވެއްޓުނީ މަސްބާނަން ހުއްޓާ ގަދަ ވަޔާއެކު ކަމަށެވެ.

އެ މީހާ މޫދަށް ވެއްޓިފައި އޮއްވައި ފެނުނު މީހަކު "ވަން" އަށް ބުނީ އެމީހާ މޫދުން ނެގި އިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އަދި އެމީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ގިނަ އަދަދެއްގެ ލޭ ފޭބި ކަމަށާއި މޫދުން ނެގި އިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. މޫދުގައި އޮއްވައި ފެނުނީ އެ ސަރަހައްދަށް ދިޔަ އާންމުންގެ ބަޔަކަށް ކަމަށްވެސް އޭނާ ބުންޏެވެ.

އެމީހާ މަސް ބާނަން ހުރީ ވަޅޯ މަސް މާރުކޭޓު ސަރަހައްދުން ބޭރުތޮށި މަތީ ނެރު ބައްތި ކައިރީގައި ކަމަށް މަންޒަރު ދުށް މީހާ "ވަން" އަށް ބުންޏެވެ. އެ ސަރަހައްދަކީ އާންމުކޮށްވެސް މީހުން މަސްބާނަން ދާ ހިސާބެކެވެ.