ފުލުހުންގެ އެކި ޑިޕާޓްމެންޓުތައް ގުޅިގެން ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި 100 ކިލޯގެ ހެރޮއިން އަތުލައިގަނެ 10 މީހަކު ހައްޔަރުކޮށްފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވީ، ޑްރަގުގެ މިޮ ބޮޑު އޮޕަރޭޝަނަކީ ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ) ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް، އަދި ފޮރެންސިކުން ގުޅިގެން ހިނގި އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަނުގައި 10 މީހުން ހައްޔަރުކޮށް، 10 ތަނެއް ބަލައިފާސް ކުރުމަށްފަހު 100 ކިލޯގެ ހެރޮއިން އަތުލައިގަނެފައިވާ ކަމަށެވެ.

ކޮމިޝަނަރު ހަމީދު މިވަގުތު ހުންނެވީ ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ގެންދާ "ޖީއެސްއެފް2021"ގެ ބައްދަލުވުމުގަ އެވެ. ހަމީދު ވިދާޅުވީ، އެ ބައްދަލުވުމުގައި ހުންނެވިއިރު ވެސް އޭނާ ގެންދެވީ މި އޮޕަރޭޝަނުގެ މައުލޫމާތު ހޯއްދަވަމުން ކަމަށެވެ.

ފުލުހުން ވަނީ މީގެ ކުރިން ވެސް ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފަ އެވެ. އެގޮތުން ފުލުހުން ވަނީ އިރާންގެ ބޯޓަކުން ދެ ފަހަރެއްގެ މަތިން އެތެރެކުރަން އުޅުނު 50 ކިލޯގެ މަސްތުވާތަކެއްޗާއި އަދި 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފަ އެވެ. މީގެ އިތުރުން ހުޅުމާލޭގައި ފޮރުވާފައި ހުރި 20 ކިލޯގެ މަސްތުވާތަކެތި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.

މީގެ ތެރެއިން ބައެއް މައްސަލަތަކުގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީީ) އޮފީހަށް ވަނީ ފޮނުވައިފަ އެވެ.