ދެހާސް ސާދަ ވަނަ އަހަރުގެ ޖުލައި މަހު 31 ވަނަ ދުވަހު 19:00 ހާއިރު ކ. ތުލުސްދޫ، ބިޖިލީހިޔާ، އަލީ ޝިހާމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމުގެ ކުށް ސާބިތުވި، އެރަށު ރެޑްރޯޒް މުހައްމަދު ނިޔާޒަށް އިއްވާފައިވާ މަރުގެ ހުކުމް އަވަހަށް ތަންފީޒު ކޮށްދިނުމަށް އޭނާ މިއަދު ހައި ކޯޓުގައި އެދިއްޖެއެވެ.
ވަޅިއަކުން ހަމަލާދީ ޝިހާމް މަރާލި މައްސަލައިގައި ނިޔާޒު މެރުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ 2014 ވަނަ އަހަރުއެވެ. ނިޔާޒުގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ނުކުރިއިރު އޭނާ ވަނީ ގާނޫނުއަސާސީން ލިބިދޭ ވަކީލަކު އައްޔަން ކުރުމުގެ ހައްގު ވެސް ދޫކޮށްލައިފައެވެ.
ކުރިމިނަލް ކޯޓުގެ ހުކުމް ނިޔާޒުގެ ފަރާތުން އިސްތިއުނާފު ނުކުރުމުން ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ އުސޫލުގެ ދަށުން އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. ހައި ކޯޓުން އެންމެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ، މިދިޔަ އަހަރުއެވެ. އޭރު އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި އެ ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވެސް ހިމެނެއެވެ. ފަނޑިޔާރު ކަމުން ޝުޖާއު ވަކިވި ފަހުން މިހާތަނަށް އަޑުއެހުމެއް ނުބޭއްވި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް، މިއަދު އަޑުއެހުމެއް ބޭއްވީ ފަނޑިޔާރުންގެ ބެންޗު ބަދަލުވުމުން އިޖުރާއަތްތަށް ފުރިހަމަ ކުރުމަށެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ނިޔާޒު ބުނީ ކުރިމިނަލް ކޯޓުން އޭނާ މަރަން ހުކުމް ކުރިތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ. އަދި ހައި ކޯޓުގައި ވެސް މައްސަލަ އޮންނަތާ އަހަރުތަކެއް ވާން ކައިރިވެފައިވާ ކަމަށެވެ. ނިޔާޒު ބުނީ އޭނާ މިހާރު ބޭނުން ވަނީ ވީހާވެސް އަވަހަކަށް ކޯޓުން ގޮތެއް ކަނޑައަޅައި ދިނުމަށް ކަމަށެވެ. މަރަށް މަރު ހިފަން ބޭނުންވާނަމަ އެކަންވެސް އަވަހަށް ތަންފީޒުކުރަން އެދޭކަމަށް ވެސް ނިޔާޒު ބުންޏެވެ.
މަރުގެ އަދަބު އެނާއަށް އިއްވީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރަންކަމަށް ކުރިމިނަލް ކޯޓުން ބުންޏަސް، ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒުވާ ކަމަކަށްވެސް ގަބޫލު ނުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންކަމުން އިސްލާމީ ޝަރީއަތް ތަންފީޒު ކުރަން އޭނާއަށް އިއްވި ހުކުމް ތަންފީޒު ކޮށްދިނުމަށް ވަނީ އެދިފައެވެ.
ކުރިމިނަލް ކޯޓުން އިއްވި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ހައިކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ނިޔާޒު ބުނެފައި ވަނީ، ދައުލަތުން ކޯޓުގައި ވިދާޅުވެފައިވާ ގޮތަށް ޝިހާމު މަރާލި ކަމަށެވެ. އެކަމަކު އެއީ މަރާލުމުގެ ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށާއި އަދި އެކަމަށް ޝިހާމުގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
މިއަދު ނިޔާޒު ބުނީ ކުރިމިނަލް ކޯޓުގެ މަރުހަލާގައި ކުށަށް އިއުތިރާފު ވެފައި ނެތް އިރު އޭރު ވާހަކަތައް ނުދައްކާ އޮތީ އޭނާއަށް ފައިސާ ދޭން ބުނެފައި އޮތުމުން ކަމަށެވެ. ފައިސާގެ ވާހަކަ ދެއްކުމުން މައްސަލަ ބައްލަވާ ފަނޑިޔާރުގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ ވަނީ އެ ފައިސާގެ ވާހަކަ ކުރިމިނަލް ކޯޓުގައި ނުދެއްކީ ކީއްވެތޯ އައްސަވައިފައެވެ.
ޖަވާބުގައި ނިޔާޒު ބުނީ އޭރު ފައިސާގެ ވާހަކަތައް ނުދެއްކީ އޭނާ ބަންދު ކުރިޔަސް އެ ފައިސާ އޭނާގެ އާއިލާ މެމްބަރުންނަށް ބޭނުން ކުރެވޭނެތީ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފައިސާ ލިބިފައި ނެތް ކަމަށް ނިޔާޒު ބުންޏެވެ. ނިޔާޒުއަށް ފައިސާ ދޭން ބުނި މީހާގެ މައުލޫމާތު އޭނާ ހާމައެއް ނުކުރެއެވެ.
މި މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ ވިދާޅުވީ މިއީ ދަށު ކޯޓުގައި ދައުވާ ލިބުނު ފަރާތް އިސްތިއުނާފު ނުކުރާ މައްސަލައަކަށް ވާއިރު، ދައުލަތުން ވެސް ހުކުމާ މެދު ހިތްހަމަނުޖެހުން ނެތް އިރު، ގާނޫނު ތަންފީޒު ކުރުމުގެ ބޭނުމުގައި ހައި ކޯޓުގައި ކުރިއަށްދާ މައްސަލައެއް ކަމުން މައްސަލައާ މެދު ވީހާވެސް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު