މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި މިރޭ އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މެޗުން މޮޅުވެ، ފައިނަލުން ޖާގަ ކަށަވަރުވެއްޖެނަމަ ފައިނަލް މެޗާ ހަމައަށް މާލޭގައި މިއުޒިކް ޝޯ ބޭއްވުމަށް ސިޓީ ކައުންސިލުން ތާއީދު ނުކުރާ ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ، ފައިނަލް މެޗާ ހަމައަށް ކޮންމެ ރެއަކު ކާނިވާ ސަރަހައްދުގައި މިއުޒިކު ޝޯތައް ބާއްވަން ނިންމާނެކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ އިއްޔެ ވިދާޅުވެފައެވެ. މިއުޒިކް ޝޯ ބާއްވާނީ، ޔޫތު މިނިސްޓްރީ، އުރީދޫ މޯލްޑިވްސް، މާލޭ ސިޓީ ކައުންސިލް އަދި އެފްއޭއެމް ގުޅިގެން ކަމަށާއި މިއުޒިކް ޝޯ ބާއްވަނީ މެޗުގެ ފޯރިނަގައި ދަމަހައްޓަން ކަމަށް ވެސް މަހްލޫފު ވަނީ ވިދާޅުވެފައެވެ.

މަހްލޫފުގެ އެ ނިންމުން ހާމަކުރުމުން ޑރ. މުއިއްޒު ވަނީ އިއްޔެ އެކަމަށް ރައްދު ދެއްވައިފައެވެ. އެގޮތުން ޑރ. މުއިއްޒު އިއްޔެ ކުރެއްވި ޓިވީޓެއްގައި ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން މިއުޒިކް ޝޯ އެއް ނުބާއްވާނެ ކަމަށެވެ. ކައުންސިލުން ނިންމާފައި ވަނީ ދަނޑަށް ނުވަދެވޭ ފަރާތްތަކަށް އެއްތަނެއްގައި ތިބެގެން މެޗް ބަލާލެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ.

"މާލޭ ސިޓީ ކައުންސިލްއިން ބާއްވާ އެއްވެސް މިއުޒިކް ޝޯ އެއް ނޯންނާނެ، ސިޓީ ކައުންސިލުން އިސްނަގައިގެން އޯގަނައިޒް ކުރީ ދަނޑަށް ނުވަދެވޭ ފަރާތްތަކަށް އެއް ތަނެއްގައި ތިބެގެން މެޗް ބެލޭނެ އިންތިޒާމެއް" މޭޔަރު ވިދާޅުވިއެވެ.

މުއިއްޒު މިގޮތަށް ވިދާޅުވެފައިވާއިރު، ސިޓީ ކައުންސިލުން އިއްޔެ ވަނީ އެ ކައުންސިލުން އިސްނަގައިގެންމެޗާ އެކު މިއުޒިކް ޝޯ ބާއްވަން ނިންމާފައިވާ ކަމަށް ބުނެ، ޓްވީޓްކޮށްފައެވެ. ނަމަވެސް މައްސަލަ ހޫނު ވުމުން ފަހުން އެ ޓްވީޓްތައް ވަނީ ޑިލީޓްކޮށްލައިފައެވެ.

ރާއްޖެއާ އިންޑިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 21:00 ޖަހާއިރު އެވެ. އެ މެޗަށް ވިއްކި ޓިކެޓު، ތިން ގަޑިއިރެއްހާއިރު ތެރޭ ވަނީ ވިކި ހުސްވެފަ އެވެ.

ކާނިވާ ސަރަހައްދުގެ އިތުރުން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ހުރިހާ މެޗެއް ސްޓެލްކޯ ބޮޑު ސްކްރީނުގައި ވެސް އަންނަނީ އަޅުވަމުންނެވެ.