ކޮވިޑް ޖެހިގެން ގދ. ތިނަދޫން އިތުރު މީހަކު މަރުވެއްޖެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ތިނަދޫން ކޮވިޑް ޖެހިގެން މަރުވެފައިވަނީ 81 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވެފައިވަނީ މިރޭގެ ވަގުތެއްގައެވެ. އަދި އެމީހާއަށް ކޮވިޑް ޖެހިފައިވަނީ މީގެ އަށް ދުވަސް ކުރިންނެވެ.
މިއީ އެރަށުން ކޮވިޑް ޖެހިގެން މިއަދު މަރުވި ދެ ވަނަ މީހާއެވެ. މިއަދު ވަނީ އެރަށު ކޮވިޑު ފެސިލިޓިގައި ފަރުވާދެމުންދިޔަ 84 އަހަރުގެ ދިވެހި ފިރިހެނަކުވެސް މަރުވެފައެވެ. މި ދެ މަރާއެކު އެރަށުން މަރުވި މީހުންގެ އަދަދު ވަނީ ހަޔަކަށް އަރައިފައެވެ.
މީގެ ކުރިން ކޮވިޑުގައި ތިނަދޫން މަރުވީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 79 އަހަރުގެ ފިރިހެނެކެވެ. އެންމެ ފަހުން އެރަށުން ކޮވިޑުގައި މިދިޔަ މަހުގެ 16 ވަނަ ދުވަހު މަރުވެފައިވަނީ 89 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މަރާއެކު ރާއްޖޭގައި ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު 236 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 219 ދިވެހީންނާއި 17 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.