އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ، ފައިނަލް މެޗާ ހަމައަށް ކޮންމެ ރެއަކު ކާނިވާ ސަރަހައްދުގައި މިއުޒިކު ޝޯތައް ބާއްވަން ނިންމައިފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވީ، މެޗުގެ ފޯރިނަގައި ގިނަ ބަޔަކަށް މެޗު ބެލުމުގެ ފުރުސަތު ދިނުމަށްޓަކައި ޔޫތު މިނިސްޓްރީ، އުރީދޫ މޯލްޑިވްސް، މާލޭ ސިޓީ ކައުންސިލް އަދި އެފްއޭއެމް ގުޅިގެން މާދަމާ ހަވީރުން ފެށިގެން ކާނިވަލުގައި މެޗުތައް ބެލޭނެ އިންތިޒާމުތައް ހަމަޖައްސާގައިވާ ކަމަށެވެ. އަދި މެޗާއެކު މިޔުޒިކް ޝޯތައްވސް ކުރިއަށްގެންދަން ރާވާފައިވާ ކަމަށް ވިދާޅުވިއެވެ.

"ގުޅިގެން މާދަމާ ހަވީރުން ފެށިގެން ކާނިވަލުގައި މެޗު ބެލުން އަދި މިޔުޒިކް ޝޯ ގެންދަން ވަނީ ރޭވިފަ. މޮޅުވެއްޖެނަމަ ފައިނަލް މެޗާ ހަމަޔަށް ކޮންމެ ރެޔަކު ޝޯވް ބާއްވާގޮތަށް،" މަހުލޫފްގެ ޓްވީޓްގައިވެއެވެ.

ރާއްޖެއާ އިންޑިއާ ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ރޭ 21:00 ގައެވެ. އެ މެޗަށް މިއަދު ވިއްކި ޓިކެޓު، ތިން ގަޑިއިރެއްހާއިރު ތެރޭ ވަނީ ވިކި ހުސްވެފައެވެ.

ކާނިވާ ސަރަހައްދުގެ އިތުރުން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ހުރިހާ މެޗެއް ސްޓެލްކޯ ބޮޑު ސްކްރީނުގައި ވެސް އަންނަނީ އަޅުވަމުންނެވެ.