ކޮވިޑް 19

ކޮވިޑުގައި ތިނަދޫން އިތުރު މަރެއް، ރާއްޖޭގެ ޖުމުލަ 235 އަށް

ރިފާ ހަލީލު

ކޮވިޑް ޖެހިގެން ގދ. ތިނަދޫން އިތުރު މީހަކު މަރުވެއްޖެއެވެ.

މިއީ ތިންދޫން ކޮވިޑުގައި މަރުވި ފަސް ވަނަ މީހާ އެވެ. މީގެ ކުރިން ކޮވިޑުގައި ތިނަދޫން މަރުވީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 79 އަހަރުގެ ފިރިހެނެކެވެ. އެންމެ ފަހުން އެރަށުން ކޮވިޑުގައި މިދިޔަ މަހުގެ 16 ވަނަ ދުވަހު މަރުވެފައިވަނީ 89 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެރަށު ކޮވިޑު ފެސިލިޓިގައި ފަރުވާދެމުން އަންނަނިކޮށް ރޭ ފަތިހު 5:21ގައި އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އަދި އެ މީހާ އަކީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ތިނަދޫ ކޮވިޑު ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުން އައި މީހެއް ކަމަށްވެސް ވިދާޅުވި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެމީހާ އަކީ ގއ. ގެމަނަފުށިން ކޮވިޑު ބަލި ޖެހިގެން އިތުރު ފަރުވާ އަށް ތިނަދޫ ކޮވިޑު ފެސިލިޓީއަށް ގެންދިޔަ މީހެކެވެ.

މިއަދުގެ މަރާއެކު ރާއްޖޭގައި ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު 235 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 218 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.