ރާއްޖެއިން އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ޓިކެޓު މާދަމާ ސޯޝަލް ސެންޓަރުން ވިއްކަން ފަށާއިރު، އެތަނުގައި ޓިކެޓު ވިއްކުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީ އާއި އެފްއޭއެމުން ހާމަކޮށްފިއެވެ.
އިންޑިއާއާ ދެކޮޅަށް ރާއްޖެއިން 13 ވަނަ ދުވަހުގެ ރޭ ކުޅޭ މެޗަށް މާދަމާ ސޯޝަލް ސެންޓަރުން ޓިކެޓު ވިއްކަން ފަށާނީ ހެނދުނު 10:00 ގައެވެ. މީހަކަށް ދެ ޓިކެޓުގެ މަގުން ޖުމްލަ 3000 ޓިކެޓު ސަޕޯޓަރުންނަށް ވިއްކަން އެފްއޭއެމުން ނިންމާފައިވާއިރު، ހަ ކައުންޓަރަކުން މިފަހަރު ޓިކެޓު ވިއްކޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވަނީ ވިދާޅުވެފައެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއެކު ބައްސާމް މިއަދު ސޯޝަލް ސެންޓަރު ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އާންމު އުސޫލުގެ ދަށުން ކުޅުންތެރިންނާއި ސްޕޮންސަރުންނަށް ވަކި ޕަސެންޓެއްގެ ޓިކެޓު ދޭ ގޮތަށް އަބަދުވެސް އޮންނަ ކަމަށެވެ. އެހެން ނަމަވެސް ކުރީ ދުވަހު ޓިކެޓު ކަންކަމުގައި މައްސަލަތަކެއް ދިމާވުމުން ސްޕޮންސަރުންނާއި ކުޅުންތެރިންނާވެސް ވާހަކަ ދެކެވި މިހާރު ވަނީ ސަޕޯޓަރުންނަށް ގިނައިން ވިއްކަން އެއްބަސްވުމަކަށް އާދެވިފައި ކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ.
ގިނަ ކައުންޓަރުތަކަކުން ޓިކެޓު ވިއްކަން ފެށުމާއެކު ކިޔޫ އަވަހަށް ކުޑަވެގެން ދާނެ ކަމަށް ޔޫތު މިނިސްޓަރު މަހުލޫފުވެސް ފާހަގަކުރައްވާފައިވާއިރު، ޓިކެޓު ގަތުމަށް ދާ އެންމެންނަށްވެސް އިށީންދެ ތިބެ ކިޔޫގައި މަޑު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ބައްސާމް ފާހަގަކުރިއެވެ.
ބައްސާމް ފާހަގަކުރެއްވީ ޑިޖިޓަލައިޒްކޮށް ޓިކެޓު ވިއްކަން މުބާރާތުގެ ކުރިން ވިސްނި ކަމަށާއި ވަގުތު ކުޑަތަންވުމުން އެކަން ކުރަން އެންމެ އެކަށޭނެ މާހައުލެއް ތަނަވަސްވެގެން ނުދިޔަ ކަމަށެވެ. ހާއްސަކޮށް އެކަން ކުއްލިއަކަށް ކުރަން އެންމެ ރަނގަޅު ނޫން ކަމަށް ފެނުނު ކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ބޮޑެތި މުބާރާތްތައް ބާއްވާއިރު އެފަދަ ގޮތަކަށް ޓިކެޓު ވިއްކުމުގެ ކަންކަން ކުރަން ނިންމާފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.
"ސަޕޯޓަރުންނަށް ވީހާވެސް ލުއި ގޮތްތަކެއް ރޭވުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އެނގިލައްވާނެ ތެޅެމުން ފޮޅެމުން ކަންކަން ރާވަން މިޖެހުނީ، އެކަމަކު މަޝްވަރާކޮށްފައި މި ފަސޭހަ ކުރަނީ ކަންކަން. އިރާދަކުރެއްވިއްޔާ ގަޑިއިރެއްހާއިރަށް ޓިކެޓު ވިއްކުމުގައި ހޭދަވާ ގަޑި މަދުކޮށްލެވޭތޯ މި ބަލަނީ،" މިއަދުގެ ޕްރެސްގައި މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފް އިތުރަށް ވިދާޅުވީ އަހަރު ތެރޭގައި ފުޓުބޯޅަ ހިފަހައްޓަނީ ކްލަބުތަކުން ކަމަށް ވުމުން އެ ކްލަބުތަކަށް ޓިކެޓު ދޭންވެސް ޖެހޭ ކަމަށެވެ. ދަނޑަށް ވަދެވޭ ނިސްބަތް މިހާރު ބޮޑުތަނުން މަދުކުރެވިފައި ވަނީ ދަނޑުގެ ހާލަތު ގޯސްވެފައި އޮތުމުން ކަމަށާއި މި ހުރިހާ ކަމެއްގެވެސް ހައްލަކީ ސްޓޭޑިއަމްއަކުން ގެނެވޭނެ ހައްލު ކަމަށް މަހުލޫފް ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން މަހުލޫފް ވިދާޅުވީ ގައުމީ ދަނޑުގެ މަރާމާތުތަކަށް މިހާރު ފައިސާ ލިބި، އެކަންވެސް ފަށައިގަންނަން ތައްޔާރުވެފައިވާ ކަމަށެވެ.
މާދަމާވެސް ޓިކެޓު ވިއްކާނީ ކުރިންވެސް ވިއްކަމުން ދިޔަ ގޮތަަށް އައިޑީކާޑާއި ވެކްސިން ކާޑަށެވެ. ބައްސާމް ފާހަގަކުރެއްވީ ކިޔޫގައި ތިބޭ މީހުންގެ އައިޑީކާޑާއި ވެކްސިން ކާޑު ކުރީބައިގައި ބެލޭނެ ގޮތެއް ހަމަޖައްސަވާފައިވާ ކަމަށެވެ. އެއީވެސް އާންމުންނަށް ފަސޭހަ ކުރުމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު