ޚަބަރު

ޝުހާދު މަރާލިކަމަށް ތުހުމަތުކޮށް ބަޔާން ދިނީ ކޮއްކޮއާ ޖެހުނު މައްސަލައެއްގައި ބަދަލުހިފުމަކަށް ކަމަށް ބުނެފި

މުހައްމަދު އިޝާން

1

ޏ. ފުވައްމުލައް ދޫނޑިގަމް/ އާސްމާންގޭ އަބްދުﷲ ޝުހާދަށް ތޫނު އެއްޗަކުން ހަމާލާދީ މަރާލި މަންޒަރު ފެނުނު ހެކިވެރީން، އެ މައްސަލައިގެ ދައުވާ ލިބޭ އެރަށު ކަރަންކާއާގޭ/ ހަސަން ފަރީދަށް ތުހުމަތުތަކެއް ކުރީ އޭނާގެ ކޮއްކޮއާ ޖެހުނު މައްސަލައެއްގައި ބަދަލުހިފުމުގެ ގޮތުން ކަމަށް ފަރީދު މިއަދު ސްޕްރީމް ކޯޓުގައި ބުނެފި އެވެ.

ޖަނަވަރީ 27، 2010ގެ ރޭ 9:30 އެހައިކަންހާ އިރު، ފަރީދު އިތުރު ބަޔަކާއެކު ފުވައްމުލަކު ދޫނޑިގަން ބޮޑުފަންނު މަގާއި ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް އެސަރަހައްދުގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާދިމާލު ކަނާތު އަރިކައްޓަށް ފަރީދު ވަޅިން އެއްފަހަރު ހަމަލާދީފައިވާކަން ދައުލަތުން މީގެ ކުރިން ކުރިމިނަލް ކޯޓުގައި އިއްވި ދައުވާގައި ވަނީ ބުނެފައެވެ.

ކުރިމިނަލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމް ކުރީ ފަރީދުގެ މައްޗަށް ގަސްދުގައި މިހާކު މަރާލިކަމުގެ ކުށް ސާބިތު ވާ ކަމަށެވެ. އެ ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއިދުކޮށްފައެވެ.

ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ކުރި ހުކުމުގައި ބުނެފައި ވަނީ، ހެކީންގެ ބަޔާންތަކަށް ބަލައި އިރު، ޝުހާދުގެ ގަޔަށް ފަރީދު ވަޅި ހެރި މަންޒަރު ފެނުނު ކަމަށް ހަތް މީހަކު ހެކިބަސްދެމުން ބުނެފައިވާކަން އެނގޭ ކަމަށެވެ. އަދި ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ޝުހާދުގެ މެޑިކޯ ލީގަލް ރިޕޯޓާއި އޭނާގެ މަރު ސާބިތުކުރި ލިޔުމާ މެދު ފަރީދު ސުވާލު އުފައްދާފައި ނުވާ ކަމަށްވެސް ބުންޏެވެ. އަދި ހާދިސާ ހިނގި ތަނަށް ފަރީދު ދިޔަގޮތާއި ވަޅި ހެރީ ކޮން އަތަކުންކަން ބައެއް ހެކީންނަށް ބުނެދެވިފައި ނެތް ނަމަވެސް ތަހުގީގަށް ދިން ބަޔާނުގައި ތަފުސީލުކޮށް ކަން ހިނގައިދިޔަ ގޮތް ކިޔައިދީފައިވާނެ ކަމަށް އެމީހުން ބުނެފައިވުމަކީ، ޝުހާދު ގަޔަށް ފަރީދު ވަޅި ހެރިތަން ދުށް ކަމަށް އެމީހުން ބުނާ ބުނުން ނަފީ ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

އެ މައްސަލައިގައި ފަރީދު ބުނެފައި ވަނީ، އޭނާއާ ދެކޮޅަށް ހެކިބަސްދީފައިވާ މީހުންގެ ތެރޭގައި މާރާމާރީގައި އަނިޔާ ލިބުނު މީހަކާއި މަރުވި ޝުހާދުގެ ތިމާގެ މީހަކުވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން އެ ދެ މީހުންގެ ހެކިބަހުގައި އަދުލުވެރިކަން ގެއްލިފައިވާ ކަމަށް ފަރީދު ބުނެފައިވެ އެވެ.

ނަމަވެސް ހައިކޯޓުގެ ހުކުމްގައި ވަނީ އޭނާއަށް މަރުގެ ހުކުމް އިއްވީ ހަމައެކަނި އެ ދެ މީހުންގެ ހެކިބަހަށް ރިއާޔަތް ކޮށްގެން ނޫން ކަމަށާއި ޖުމުލަ ހަތް މީހަކު އޭނާއާ ދެކޮޅަށް ހެކިބަސްދީފައިވާ އިރު، އެ ހެކިބަހާ ގުޅޭ ގަރީނާތައްވެސް ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓާއި ހައިކޯޓުންވެސް ހުކުމްކުރީ ގަސްދުގައި މީހަކު މަރާލިކަމުގެ ކުށް ފަރީދުގެ މައްޗަށް ސާބިތުވެފައިވާތީ، އޭނާ މެރުމަށެވެ. ނަމަވެސް ޝުހާދުގެ ފަރާތުން ހައިކޯޓުގެ ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.

މިއަދު ސްޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ ފަސް ވަނަ އަޑުއެހުން ބާއްވައިފައެވެ. މި މައްސަލައިގައި ފަރީދު ދިފާއުގައި ވަކާލާތު ކުރަނީ އޭނާ އަމިއްލައަށެވެ.

މިއަދުގެ ޝަރީއަތުގައި ސުޕްރީމް ކޯޓަށް ފަރީދުގެ ފަރާތުން ވަނީ އާ ލިޔެކިޔުންތަކެއް ހުށަހަޅައިފައެވެ. އެ ލިޔެކިޔުންތަކަކީ ހާދިސާ ހިނގި ތަނުގެ ފޮޓޯތަކެވެ. އަދި ޝަރީއަތުގައި ފަރީދު ވަނީ ޝުހާދުގެ މެޑިކޯ ލީގަލް ރިޕޯޓާމެދުވެސް ސުވާލު އުފައްދައި، ޑޮކިއުމެންޓޭޝަންތަކާ ގުޅޭ ގޮތުން ދައުލަތުން ހަގީގަތާ ހިލާފު ވާހަކަ ދައްކަމުންދާ ކަމަށް ބުނެފައެވެ.

ކޯޓަށް ހުށަހަޅާފައިވާ ފޮޓޯތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފަރީދު ބުނީ، މަރުވި ޝުހާދަށް އޭނާ ތޫނު އެއްޗަކުން ހަމަލާދިން މަންޒަރު ފެނުނީ ހާދިސާ ހިނގިތަނުގެ ކައިރީގައި ހުރި ކެޔޮފިނީގެ ފާރުގެ އެތެރޭގައި ހުރި ޖޯލިފަތީގައި ތިބި މީހުން ކަމަށް ދައުލަތުން ވިދާޅުވިޔަސް، އޭނާ ހުށަހަޅާފައިވާ ފޮޓޯތަކަށް ބަލައިލުމުން ޖޯލިފަތީގައި ތިބި މީހުންނަށް ހާދިސާ ހިނގިތަން ނުފެންނާނެ ކަމަށެވެ. އެއީ ފާރު އުސްވުމުގެ ސަބަބުން އަދި އެތަނުގެ އަލިކަން ހުރި ގޮތުގެ ސަބަބުން 10 ފޫޓު ދުރުގައި ހުންނަ މީހާވެސް ވަކިކުރަން ނޭނގޭނެކަން އޭނާ ހުށަހެޅި ފޮޓޯތަކުން އެނގޭތީ ކަމަށް ބުންޏެވެ.

އެ ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ، ކޯޓަށް ލިބިފައިވަނީ ބްލެކް އެންޑް ވައިޓް ނޫނީ ކުލަ ނޫން ފޮޓޯއެއް ކަމަށާއި އޭގެން ހާދިސާގެ ހިނގިތަނުގެ އަލިކަން ހުރިވަރު ސާފު ނުވާ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުވެސް ވިދާޅުވީ، ކޯޓަށް ހުށަހަޅާފައިވާ ފޮޓޯތަކުން އެތަނުގެ އަލިކަން ހުރިވަރު ސާފު ނުވާ ކަމަށެވެ.

ޖަވާބުގައި ފަރީދު ބުނީ، ކޯޓަށް ހުށަހަޅާފައި ވަނީ ރަށުގައި ހުރި އޭނާގެ ބޭބެ ފޮނުވި ފޮޓޯތައް ކަމަށާއި އަދި ހުށަހެޅި ފޮޓޯތަކުގެ ކުލަ ފޮޓޯތައް އޭނާގެ އަތުގައި އެބަހުރި ކަމަށެވެ.

ފަރީދު އިތުރަށް ބުނީ، މަރުވި ޝުހާދަށް ހަމަލާދިނީ އޭނާ ކަމަށް ބުނާ މީހުންނަކީ އަންހެން ކުއްޖަކާ ހެދި އޭނާގެ ކޮއްކޮއާ ޖެހުނު މައްސަލައެއްގައި ހަމަނުޖެހުމެއް ހިންގި ބައެއް ކަމަށެވެ. އަދި އެމީހުންނަކީ މަރުވި ޝުހާދުގެ އެކުވެރިންތަކެއް ކަމަށާއި އެމީހުން ކޮއްކޮގެ މޫނަށް ކުޅުޖެހި ކަމަށްވެސް ބުންޏެވެ. ނަމަވެސް އެ މައްސަލަ ފުލުހަށް ހުށަހެޅުމާ ގުޅޭ ގޮތުން ގޭ ކައިރީ ކުދިންނާ މަޝްވަރާ ކުރަމުން ދަނިކޮށް ޝުހާދަށް ހަމަލާދިނުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރި ކަމަށާއި ހައްޔަރުކުރީވެސް ގޭގައި ހުއްޓާ ކަމަށް ފަރީދު ބުނެފައިވެ އެވެ.

މަރުވި ޝުހާދުގެ މެޑިކޯ ލީގަލް ރިޕޯޓާމެދު ސުވާލު އުފައްދަމުން ފަރީދު ބުނީ، ޝުހާދަށް ހަމަލާދިން ވަގުތު ކެޔޮފިނީގެ ފާރުގައި ތިބި ދެ މީހެއްގެ ހެކިބަސް ދައުލަތުން ހުށަހެޅި އިރު، ހެކިބަހުގައި އޮތީ މަރުވި ޝުހާދުގެ ބަނޑަށް ވަޅިން ހަމަލާ ދިން ކަމަށެވެ. ނަމަވެސް މެޑިކޯ ލީގަލް ރިޕޯޓުގައި މަރުވި ޝުހާދުގެ ބަނޑަށް ޒަހަމެއް ނުވަތަ އަނިޔާއެއް ވެފައިވާކަން ބަޔާން ކޮށްފައި ނެތުމުން ހެކިވެރިން ހެދީ ގޮތެއްކަން އެނގޭ ކަމަށް ބުންޏެވެ.

އަޑުއެހުމުގައި ޝުހާދަށް ހަމަލާދިން ހަތިޔާރުގެ ފޮރެންސިކް އެނަލިސިސް ރިޕޯޓު ނުލިބޭކަން ފާހަގަކޮށް ފަރީދު ބުނީ، އެ ހަތިޔާރުގައި ހުރީ ކާކުގެ ލޭ ކަމެއްވެސް މިހާތަނަށް ނޭނގޭ ކަމަށެވެ. އަދި ހަތިޔާރުން ފިންގާޕްރިންޓު ފެނުނު ކަމެއް ނުވަތަ ނޫން ކަމެއްވެސް ނޭނގޭ ކަމަށް ބުންޏެވެ.

ފަރީދު ވާހަކަދައްކައި ނިމުމުން ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ކެޔޮފިނީގެ ޖޯލީގައި ފަސް މީހުންނަށް ވުރެ ގިނަ މީހުން ތިބިތޯއާއި ޖޯލިފައްޗާ އެހާ ކައިރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދޭ އިރު ކައިރީގައި ތިބޭ މީހުން ހަމަ އެ ތިބި ގޮތަށް ތިބެދާނެތޯ ދައުލަތާ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބު ލަސްވުމުން، ވީ ގޮތް ސާފުކުރުމަށްފަހު އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ވިދާޅުވީ، ޕީޖީ އޮފީހުގެ އިންޓަނެޓް ކަނެކްޝަނަށް މައްސަލައެއް ޖެހިފައިވާ ކަމަށެވެ. އަދި އެކަން ހައްލުވާނެ ވަގުތު ނޭނގޭތީ މިއަދު ޝަރީއަތް ނިންމާލެއްވިކަން އިއުލާން ކުރެއްވިއެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު (ރިޔާސަތު) ފަނޑިޔާރު ހުސުނުއް ސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.