އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ، ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓިގައި މާދަމާ އަލުން ކުރިއަށްގެންދަން ތާވަލު ކޮށްފިއެވެ.

ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި އަމީން ހައްޔަރުކުރީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އެއަށްފަހު ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވިކަމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލިއެވެ.

ނަމަވެސް އަމީންގެ މައްޗަށް ކުރި ދައުވާތައް ބާތިލުކޮށް އޭނާ މިނިވަންކުރަން ހުސްވި ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ހައިކޯޓުން ހުކުމް ކުރިއެވެ.

އެކަން ހިނގާފައިވާ ގޮތަކީ މި މައްސަލައިގައި އަމީންގެ މައްޗަށް ކުރި ދައުވާތަކާއި، ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ މެދު ކުރިމިނަލް ކޯޓުން ނިންމި ނިންމުން ގާނޫނީ އުސޫލުތަކާ ހިލާފު ކަމަށް ބުނެ އަމީންގެ ފަރާތުން އެ މައްސަލަ ފުރަތަމަ ހައިކޯޓަށް ހުށަހެޅުމުން، މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމިއެވެ. އަމީންގެ ފަރާތުން ދެން އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލު ކުރި އެވެ. އަދި ދިހަ ދުވަހުގެ ތެރޭގައި އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިނަމަ މައްސަލަ ބަލައިގަންނަންވާނެ ކަމަށްވެސް ކަނޑައެޅިއެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމުމާ ގުޅިގެން މައްސަލަ ބަލައިދިނުމަށް އެދި އަމީންގެ ފަރާތުން ދެވަނަ ފަހަރަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައި ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ، ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހުށަހެޅުމާ ހަމައަށް އޭނާ ހުރީ ބަންދުގައި ކަމަށެވެ.

މީގެ އިތުރުން އަމީންގެ މައްޗަށް ތަންފީޒު ކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އާއްމު އިޖުރާއަތު ކަން ސާބިތުވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެ ގާނޫނުގެ ދަށުން އެފަދަ ފަރާތެއްގެ މައްޗަށް ދައުވާ އުފުލުމަށް ލިބިދީފައިވާ މުއްދަތަކީ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރު ކުރެވޭ ދުވަހުން ފެށިގެން 30 ދުވަސްކަން އެނގެން އޮންނަ އިރު، އަމީންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ދައުވާ އުފުލާފައި ވަނީ އެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އަމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ދެ ދައުވާ އަކީ މައުލޫއީގޮތުން ބެލޭނެ ދައުވާތަކެއް ނޫން ކަމަށް ކަނޑައަޅައި ހައިކޯޓުން ހުކުމް ކުރިއެވެ.

މި މައްސަލަ ދިމާވެފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަމީން ބަންދު ކުރުމާ ގުޅިގެންނެވެ. ނަމަވެސް ދައުވާ ކުރުމަށް މުއްދަތު ގުނާފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދު ކުރާ މީހެއްގެ މައްޗަށް 30 ދުވަސް ތެރޭގައި ދައުވާ ކުރަން ޖެހުނު ނަމަވެސް, ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ބަންދުކުރާ މީހެއްގެ މައްޗަށް ދައުވާކުރަން 45 ދުވަސް ލިބެއެވެ. އެއަށް ބަލައިގެން އަމީންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ވެސް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް އެ ދައުވާތަކަކީ މައުލޫއީ ގޮތުން ބެލޭނެ ދައުވާތަކެއް ނޫން ކަމަށް ހައިކޯޓުން ނިންމި ނިންމުންވެސް ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބެލުމަށްފަހު މިމަހުގެ ތިންވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ، ހައިކޯޓުގެ ހުކުމް ބާތިލު ކޮށްފައެވެ. އޭގެ އިތުރުން އަމީންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދެ ދައުވާގެ ޝަރީއަތް ހައިކޯޓުން ބާތިލުކުރި އިރު އޮތް ހިސާބުން އަލުން ކުރިމިނަލް ކޯޓުގައި ފެށުމަށްވެސް ހުކުމްގައި ވަނީ އަމުރު ކޮށްފައެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އަމީންގެ ދެ މައްސަލަ މާދަމާ ފެށުމަށް ކުރިމިނަލް ކޯޓުގައި ވަނީ ތާވަލު ކޮށްފައެވެ.

ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި، ޓެރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގައި އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުން އެކުއެކީގައި ކުރިއަށް ގެންދަން ކުރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި ވަނީ މާދަމާ 1:00 އަށެވެ.