އެއް ކިލޯގެ މަސްތުވާތަކެއްޗާއި ވޭޕް ކާޓްރިޖްތަކަކާއެކު ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިދިޔަ މަހުގެ ދެ ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ހައްޔަރުކުރީ ކ. ހުރާ، ސާނީވިލާ، އުމުރުން 26 އަހަރުގެ ހުސައިން ޝާވިންއާއި، ތ. ތިމަރަފުށި، ވިލާ، އުމުރުން 21 އަހަރުގެ މަރްޔަމް އިޝާ އަޝްރަފްގެ އިތުރުން ސ. ހުޅުދޫ، ރޭޝަމް، އުމުރުން 25 އަހަރުގެ މުހައްމަދު ނާހިލް އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި އޮޕަރޭޝަންގެ ތެރެއިން މާފަންނުގައި ހުންނަ ގެއެއް ބަލައިފާސްކުރިއިރު، 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މީގެ އިތުރުން މަސްތުވާތަކެތި އެކުލެވިގެންވާ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރުގެ އިތުރުން ބަނގުރާ ފުޅިއެއް ވެސް އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ސީނަށް ދިޔަ ފުލުހުގެ ބަޔާނުގައިވާގޮތުން ފެނިފައިވަނީ 372.52 ގްރާމުގެ މެތާއި، 225.09 ގްރާމުގެ ހެރޮއިން އަދި 3992.18 ގްރާމުގެ ކެނަބިސްއެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި، އެ އެންމެންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ.
އެ މީހުންގެ ބަންދު އެކި ފަހަރުގެ މަތިން އިތުރުކުރުމަށް ފަހު، އެންމެ ފަހުން ދީފައިވާ ބަންދުގެ މުއްދަތު އިއްޔެއަށް ހަމަވާތީ އެ ތިން މީހުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުކުރުމަށްފަހު ބަންދަށް ލުޔެއް ދޭން އެދިފައެވެ. ނަމަވެސް އެ މީހުން ދޫކޮށްލައިފިނަމަ މުޖުތަމައަށް އަދިވެސް ނުރައްކާ އޮތް ކަމަށް ފެންނާތީ ކޯޓުން ނިންމީ އެ މީހުން 20 ދުވަހަށް ބަންދުކުރާށެވެ.
ސީނަށް ދިޔަ ފުލުހެއްގެ ބަޔާނުގައިވާ ގޮތުން، އެމީހުން ދިރިއުޅެމުންދިޔަ ގޭގެ ސިޓިންރޫމްގައި އެމީހުން ތިބި ދިމާލު މޭޒެއްގެ މަތީގައި ތައްޓެއްގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކުނޑިތަކެއް ހުރި ތައްޓަކާއި މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭ ޒާތުގެ ތާސްބައިގަނޑު އަދި ދަޅެއްގެ މަތީގައި ފޯނެއް ބަހައްޓައިގެން އެ ތަކެއްޗަށް އަލިކޮށްފައި ހުރި މަންޒަރު ފެނިފައިވާ ކަމަށެވެ.
އެތަނަކީ ހުސައިން ޝާވިންގެ ރައްޓެއްސަކު ބުނެގެން އޭނާ ހިފާފައި ހުރި ތަނެއް ކަމަށާއި އޭނާގެ ރައްޓެއްސެއްގެ މެތުކޮޅެއް އެތަނުގައި ހުންނާނެ ކަމަށް ޝާމިން ބުނެފައިވާ ކަމަށް އޮފިސަރުގެ ބަޔާނުގައިވެއެވެ. އަދި އެ އެޕާޓްމަންޓް ބަލައިފާސްކުރި ކުރުމުން އެޕާޓްމަންޓުގެ އެކި ތަންތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި ފުޅިތަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ވޭޕް ކާޓްރިޖުތަކެއް، ބަނގުރާ ހުސްކޮށްފައި ހުރި ތަކެތި އަދި މަސްތުވާތަކެތި ކުދިކޮށް ބަންދުކޮށް ޓްރެފިކްކުރަން ގެންގުޅޭ ޒާތުގެ އާލާތްތައް ފެނިފައިވާ ކަމަށް ފުލުސް އޮފިސަރުގެ ބަޔާނުގައި ބުނެފައިވެއެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް