ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރި މައްސަލައެއްގައި މީހަކު 14 އަހަރަށް ޖަލަށް ލުމާއެކު އޭނާގެ ކޮޓަރިން ފެނުނު ފައިސާތައް ދައުލަތަށް ނަގަން ކުރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމް ކުރީ މއ.ޑެނިޔުބް ހުސައިން ޔާމީން އިބްރާހިމްގެ މައްޗަށެވެ.

މި މައްސަލައަކީ އިތުރު ބަޔަކާއެކު އޭނާ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އެތަކެތީގެ ވިޔަފާރި ކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އޭނާ ދިރިއުޅޭ ޑެނިޔުބް ގޭ ކުރިމަތިން ފުލުހުން އޭނާ ހުއްޓުވައި ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ހާޒިރުގައި އޭނާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރިއިރު ޑްރަގްގެ ބާވަތެއް ކަމަށްވާ މެފެޑްރޯން ފެނުނު މައްސަލައެކެވެ.

އެ މައްސަލައިގައި ކޮޓަރީގެ އެކި ތަންތަނުގައި ފޮރުވާފައި ހުރި މެފެޑްރޯން ފެނިފައިވުމުގެ އިތުރުން އޭނާގެ ޖީބުން ނެގި ވޮލެޓުން 5105 ރުފިޔާ އާއި އެ ކޮޓަރީ ކަބަޑުމަތިން 35010 ރުފިޔާ އާއި ސެލްފް މަތިން 50025 ރުފިޔާ ފެނިފައިވެއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކުރީ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ. ނަމަވެސް ފެނުނު ފައިސާއަކީ ކިހިނެއް ހޯދި ފައިސާއެއްކަން އޭނާއަށް ބުނެދެވިފައި ނުވާތީ، އެ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާއެއްކަމަށް ނިންމައި އެ ފައިސާ ދައުލަތަށް ނަގައިދޭން ކޯޓުގައި އެދުނެވެ.

މި މައްސަލައިގައި ދައުލަތުން ކުރި ދައުވާއަށް ހުސައިން ޔާމީން ވަނީ އިއުތިރާފުވެފައެވެ.

އެހެންކަމުން އަމިއްލަ އިއުތިރާފުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 14 އަހަރާއި 11 މަހާއި 25 ދުވަހުގެ މުއްދަތަަށް ޖަަލަށްލުމާއެކު، 100،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ވަނީ ހުކުމް ކޮށްފައެވެ. އަދި އެ މައްސަލައިގައި ފެނުނު 90،140 ރުފިޔާ ދައުލަތަށް ނަގަންވެސް ވަނީ ހުކުމް ކޮށްފައެވެ.