ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް ތައްޔާރުކޮށްފައި ހުރި ކޮންޓެއިނަރުތަކަކަށް ގެއްލުންދިން މައްސަލައެއްގައި ޗައިނާގެ ތިން މީހަކު ހައްޔަރުކޮށް ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޗައިނާއަށް ނިސްބަތްވާ، ޔޮންގު 55އ، ޓިއަން 40އ ގެ އިތުރުން ޝިލޯން ސޮންގް 26އ އެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާވާނެ ކަމަށް ފެންނާތީ އެ އެންމެނަށް ވަނީ 15 ދުވަހުގެ ބަންދު ޖަހައިފައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މީހުން ވަނީ ކަސްޓަމްސް ސީލްކޮށް، ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށް ތައްޔާރުކޮށްފައި ހުރި ތިން ކޮންޓެއިނަރެއްގެ ސީލް ކަނޑާލައި ގެއްލުންތަކެއް ދީފައެވެ.

އެ އެންމެންވެސް ކޯޓުގައިވަނީ އެ ކަމަށް އިންކާރުކޮށްފައެވެ. ނަމަވެސް ކޯޓު އަމުރުގައިވާ ގޮތުން ފުލުހުން ވަނީ އެ މީހުންގެ މައްޗަށް ކޮންމެވެސް ވަރެއްގެ ހެކިތަކެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ސީނަށް ދިޔަ ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާ ރިޕޯޓާއި އެޗްޑީސީގެ ކޮމިޔުނިޓީ އޮފިސަރެއްގެ ބަޔާން ހިމެނެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.