ހައެއް މޭ ހަމަލާ ނުވަތަ ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއަށްފަހު ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު އަދިވެސް ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. ރާއްޖެއިން ބޭރުގައި ހުންނެވި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނަޝާތު ސައްތާރު އިއްޔެ ވަނީ ނަޝީދުގެ ކުރު ވީޑިއޯއެއް ޓުވިޓާއަށް ދޫކުރައްވައިފަ އެވެ.
އެ ވީޑިއޯ އިން ފެންނަނީ ރައީސް ނަޝީދު ވަރަށް ފޯރީގައި ކަސްރަތު ކުރައްވަމުންގެންދަވާ މަންޒަރެވެ. ޓްރެޓްމިލްއެއްގައި ދުވެވަޑައިގަންނަވާ މަންޒަރެވެ. ވީޑިއޯގައި ނަޝީދު ހުންނެވީ ވަރަށް ފިޓުކޮށެވެ. އަދި އެހާމަ ޖޯޝުގައި ޓްރެޓްމިލްއެއްގައި ދުވެވަޑައިގަންނަވަ އެވެ. ރައީސް ނަޝީދުގެ ވައަތު ފައިގައި މަލަންކޮޅެއް އަޅާފައި ހުރިއިރު، އިތުރު ޒަހަމެއްގައި މަލަން އަޅާފައިވާ ތަނެއް ވީޑިއޯއަކުން ނުފެނެ އެވެ.
ނަޝާތު އެ ވީޑިއޯ އާއްމުކުރުމާއެކު ރައީސް ނަޝީދަށް ތާއިދުކުރާ މީހުންނަށް ވަނީ ވަގުތުން ހިތްހަމަޖެހުމުގެ ޝުއޫރުތައް ބަންޑުންކޮށްލައިފަ އެވެ. "ވެއްޓޭވަރަށް ވުރެ ބާރަށް ތެދުވެ ދުއްވައިގަންނަވާނެ" އެމަނިކުފާނުގެ ސަޕޯޓަރަކު ޓުވިޓާގައި ލިޔެފައިވެ އެވެ.
"މި މީހާއަކީ އިރާދަ ކުރެއްވިއްޔާ ވަރުބަލި ވާނެ މީހެއް ނޫން..." ނަޝީދަށް ތާއިދު ކުރައްވައި އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލެއްވީ ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވި ޖުމުލަތަކަކުންނެވެ.
ޓުވިޓާގައި ނަން މަޝްހޫރު އެމްޑީޕީގެ އެހެން އެކްޓިވިސްޓަކު ބުނީ ގޮތުގައި "އެނބުރި އަންނާނީ މާ ވަރުގަދަކޮށް" ކަމަށެވެ.
ކޮންމެއަކަސް ނަޝާތުގެ އެ އަށް ސިއްކުންގެ ވީޑިއޯކަޅު ވެފައި ވަނީ އެމްޑީޕީ ސަޕޯޓަރުންނަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދިން ވީޑިއޯކޮޅަކަށެވެ. ވީޑިއޯއަށް ލިބުނު ރިޕްލައިތަކުންނާއި ރީޓުވީޓުތަކުން އެކަން ވަރަށް ވެސް ސާފެވެ.
މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެމުއްދަތު ފަހަނަ އަޅައިގެން ދިޔައިރުވެސް ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ. އެއީ އެމަނިކުފާނުގެ ބޭސް ފަރުވާގެ ޝެޑިއުލް އޮތްގޮތުގެ ސަބަބުން ކަމަށް ވިދާޅުވެފައިވެ އެވެ. އެއިގެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ވީހާވެސް އަވަހަކަށް ރާއްޖެ ވަޑައިގަތުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ނަޝީދަށް ހަމަލާދިން ފަރާތްތައް ހޯދައި، ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު