އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި ބަންގުލަދޭޝް ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއަދަކީ ރާއްޖޭގެ ގައުމީ ދުވަސް ކަމަށްވާ އިރު، މިއަދުގެ މޮޅު ވެގެންދާނީ ރައްޔިތުންނަށް ގައުމީ ޓީމުން ދިން ގައުމީ ދުވަހުގެ ފުރިހަމަ ހަދިޔާއަކަށެވެ. މޮޅާއެކު ރާއްޖެއަށް ވަނީ ފައިނަލުގެ އުންމީދު އާވެފައެވެ. ތަށި ދިފާއުކޮށް، ތިންވަނަ ފަހަރު ސާފް ހޯދުމަށް އަނެއްކާވެސް ރާއްޖެއަށް ވަނީ ހިތްވަރެއް ލިބިފައެވެ.

މިރޭގެ މެޗަކީ މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗެވެ. މެޗަށް ރާއްޖެ ނުކުތީ ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވެފައި އޮވެގެންނެވެ. އެ މެޗުން 1-0 އިން ބަލިވެފައި އޮތުމުން މިރޭގެ މެޗަކީ ރާއްޖެއަށް ކޮންމެހެން މޮޅުވާން ޖެހިފައި އޮތް މެޗެކެވެ. މެޗުގެ ކުރިން ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީވެސް ވަނީ އެކަން ފާހަގަކޮށްފައެވެ. އަނެއްކޮޅުން މެޗަށް ނުކުތް ބަންގުލަދޭޝްއަކީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ރަނގަޅު ފޯމެއްގައި ކުޅެމުންދިޔަ ޓީމެވެ. ފުރަތަމަ މެޗުގައި ލަންކާ ބަލިކޮށް ބަންގުލަދޭޝްއިން މުބާރާތް ފެށި އިރު، ދެން ކުޅުނު މެޗުގައި އިންޑިއާއާ އެއްވަރު ކުރިއެވެ. އިންޑިއާއާ ބަންގުލަދޭޝް އެއްވަރު ކުރި މެޗުގެ ބޮޑު ބައެއްގައި އެޓީމުން ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ.

މިރޭގެ މެޗު ރާއްޖެއަށް މުހިއްމު ވެފައި އޮތްވަރުން މެޗުގެ 30 ގަޑިއިރެއްހާއިރު ކުރިން ދިވެހި ސަޕޯޓަރުން ވަނީ ދަނޑަށް ވަދެ ފޯރި ނަގަން ފަށައިފައެވެ. ރަތް ކުލައިގައި މުޅި ދަނޑު ފެނިގެން ދިޔަ އިރު، 12 ވަނަ ކުޅުންތެރިޔާ ދިޔައީ ދަނޑު ގުގުމަމުންނެވެ. ގައުމީ ޓީމުގެ މެޗަށް ތަރުހީބު ދިނުމަށް ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުވެސް ވަނީ ދަނޑަށް ވަޑައިގެންފައެވެ.

ރާއްޖެއާއި އިންޑިއާ މީގެ ކުރިން 12 މެޗެއްގައި ވާދަކޮށްފައިވެއެވެ. އޭގެ ތެރެއިން ރާއްޖެ ކާމިޔާބުކުރީ ހަތަރު މެޗެކެވެ. މިރޭގެ މެޗަށް ނުކުތް އިރު، އެންމެފަހުން ބަންގުލަދޭޝްއިން ރާއްޖެ ބަލިކުރީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައެވެ. އޭގެ ފަހުން ބައިނަލްއަގުވާމީ މެޗެއްގައި ރާއްޖެ ބަންގުލަދޭޝް އަތުން ބަލިވެފައެއް ނުވެއެވެ. އެންމެފަހުން ރާއްޖެއާއި ބަންގުލަދޭޝް ވާދަކުރީ 2016 ވަނަ އަހަރު ރާއްޖޭގައި ކުޅުނު މެޗުގައެވެ. އެ މެޗުން ރާއްޖެ މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ.

ރާއްޖެއިން މެޗު ފެށީ ހިތްވަރާއެކު ވަރުގަދަ ކޮށެވެ. އެޓޭކިން ކުޅުމެއްގައި ރާއްޖެއިން ކުރިއަށް ޖެހި ކުޅެމުން ދިޔައިރު، ބަންގުލަދޭޝް ފެނުނީ ޑިފެންސިވް ކުޅުމެއްގައި ކުޅެމުން ދިޔަތަނެވެ. ރާއްޖެއިން އެޓޭކަށް ކުރިއަށް ދާ ބޯޅަ ތަކުގައި މާ ބޮޑު ނުރައްކަލެއް ނުކުރެވުނު ނަމަވެސް ރާއްޖެއިން ދިޔައީ ކެތްތެރިކަމާއެކު ހަމަލާއަކަށް މަސައްކަތް ކުރަމުންނެވެ.

ފުރަތަމަ ހާފުގައި ރާއްޖޭގެ މެދުތެރެއަށް ކުޅެމުން ދިޔަ އަސްހަދު އަލީ (އަޑުބަރޭ)އަށް އަނިޔާވެ އޭނާގެ ބަދަލުގައި އިބްރާހީމް އައިޝަމް ކުޅެން ނެރެފައިވެއެވެ. އެ ބަދަލާއެކުވެސް ރާއްޖެއިން ހުއްޓުމެއް ނެތި ދިޔައީ ޕާސްތައް ޖަހައި ފުރުސަތަކަށް ބަލަމުންނެވެ. ފުރަތަމަ ހާފުގެ ފަހުކޮޅުގައި ރާއްޖެއަށް ފުރުސަތުތައް ފަހިވެގެން ގޮސްފައިވާ އިރު، އަލީ އަޝްފާގު (ދަގަނޑޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބޯޅަތައް ގޯލާ އަމާޒެއް ނުވިއެވެ. އަދި ހާފް ނިމެން ދަނިކޮށް އަލީ ފާސިރު (ސެންޓޭ)އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ދެވަނަ ހާފު ފެށިގެންވެސް ދެޓީމުގެ ސްޓައިލަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އެޓޭކު ކުރީ ރާއްޖެއެވެ. ޑިފެންސް ކުރަމުން ދިޔަ ބަންގުލަދޭޝްއަށް ނަތީޖާ ހިފަހައްޓަން ދިޔައީ އުނދަގޫތަކާ ކުރިމަތިވަމުންނެވެ. ސެންޓޭ ދުރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލާ އަމާޒުވި ނަމަވެސް ބަންގުލަދޭޝް ގޯލްކީޕަރު އަނީސުރު ރަހުމާން ޒީކޯ ވަނީ އެ ބޯޅަ ޕަންޗު ކޮށްލައިފައެވެ.

ރާއްޖެއިން ގޯލަކަށް ކުރަމުން އައި މަސައްކަތް ކާމިޔާބުވީ 54 ވަނަ މިނެޓުގައެވެ. އަރިމަތިން ހުސެން ނިހާން (ނިހާޓު) ދިން ބޯޅައަކުން ރާއްޖެއަށް ލީޑު ހޯދައިދިނީ ހަމްޕުއެވެ. ހަމްޕު އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި އޯވާހެޑަކުންނެވެ. އެ ގޯލަކީ ހަމްޕުއަށް އަދި ރާއްޖެއަށްވެސް ހާއްސަ ގޯލެކެވެ. އެ ގޯލަކީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ޖެހި ފުރަތަމަ ގޯލެވެ. ހަމްޕު ގައުމީ ޓީމުގައި އެންމެ ފުރަތަމަ ގޯލެއްވެސް ޖެހީ ބަންގުލަދޭޝްއާ ދެކޮޅަށެވެ. އެ ގޯލު ހަމްޕު ޖެހީ 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

ދެވަނަ ހާފުގައި ކުޅެން ނުކުތް ނާއިޒް ހަސަން (ދާދު) ގެ ކުޅުން ދެވަނަ ހާފުގައި ފާހަގަ ވެގެން ދިޔައިރު، ރާއްޖެއިން ލީޑު ފުޅާކުރުމުގައި އޭނާގެ ދައުރު ބޮޑެވެ. 73 ވަނަ މިނެޓުގައި ރާއްޖެއަށް ޕެނަލްޓީއެއް ލިބިފައިިވާ އިރު، ރާއްޖެއަށް ޕެނަލްޓީ ދިނީ ބަންގުލަދޭޝްގެ ޕެނަލްޓީ އޭރިއާ ތެރެއިން ދާދުއަށް ސޮހެލް ރަނާ ކުރި ފައުލަކާ ގުޅިގެންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ދަގަނޑޭ އޭނާގެ ގޯލު ޖަހައި، ރާއްޖެއަށް ދެވަނަ ގޯލު ޖަހައިދިނެވެ. މުޅި ދަނޑު ކެކިގެން ދިޔައެވެ.

ރާއްޖެއިން އެ ގޯލާއެކު ކޮންފިޑެންސާއެކު ކުޅެން ފެށިއެވެ. ހަމަލާތައްވެސް ގިނަ ކުރިއެވެ. ސެންޓޭއާއި ދާދުއަށްވެސް އިތުރު ފުރުސަތުތައް ލިބިފައިވާ އިރު، ދަގަނޑޭ ފެނުނީ ހަމަޖެހިލައިގެން ކުޅެލިތަނެވެ.

މިރޭގެ މޮޅަކީ ރާއްޖެއަށް އުންމީދީ މޮޅެކެވެ. ރާއްޖެއަށް އަލުން ފައިނަލުގެ އުންމީދު ވަނީ ބޮޑުވެފައެވެ. ދެމެޗުން ރާއްޖެއަށް ތިން ޕޮއިންޓު ލިބިފައިވާ އިރު، ރާއްޖެ މިވަގުތު ވަނީ ބާކީ ދެމެޗާއެކު ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. ތިން މެޗުން ހަތަރު ޕޮއިންޓާއެކު ބަންގުލަދޭޝް ތާވަލުގެ ދެވަނައިގައި އޮތް އިރު، އެއްވަނައިގައި އޮތީ ނޭޕާލެވެ. އެޓީމުން ވަނީ ދެ މެޗުން ހަ ޕޮއިންޓު ހޯދައިފައެވެ.