އަންނަ މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ވާދަނުކުރަން އިންޑިއާއިން ނިންމާފައިވާކަމަށް އިންޑިއާ އަދި ބަންގްލަދޭޝް ނޫސްތަކުން މިއަދު ބުނެފައިވީ ނަމަވެސް، އެގައުމުން މުބާރާތުގައި ކުޅޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ދެކުނު އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ، ސާފުން ބުނެފިއެވެ.
މިއަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ފަށާނީ ނޮވެމްބަރު ފަސްވަނަ ދުވަހުއެވެ. އަދި މުބާރާތް ނިމޭނީ 17 ވަނަ ދުވަހުއެވެ. ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ދެ މުބާރާތް ވެސް ކާމިޔާބުކޮށްފައިވާ އިންޑިއާ ހިމެނެނީ ރާއްޖެ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައެވެ. އަނެއް ގްރޫޕުގައި ހިމެނެނީ ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި ބޫޓާނެވެ.
މިއަދު އިތުބާރުހުރި ބައެއް މަސްދަރުތަކުން ބުނެފައި ވަނީ އިންޑިއާއިން ސާފް ޗެމްޕިއަންޝިޕުން ނަން ނަގަން ނިންމައި، އެކަން ސާފަށް އަންގާފައިވާ ކަމަށެވެ.
އެހެން ނަމަވެސް ސާފުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ ނުކުޅޭނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އިންޑިއާއިން ސާފުގައި ވާދަކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށްވެސް ސާފުން ބުނެފައިވެއެވެ.
އޭގެ އިތުރުން ބަޔާނުގައި ބުނީ ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ވަމުންދާ ތައްޔާރީތައް ފުރިހަމައަށް ވަމުންދާ ކަމަށާއި، ސްޓޭކްހޯލްޑަރުންނާއެކު މަސައްކަތްކޮށް ފުރިހަމަ މުބާރާތެއް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މުބާރާތުގެ ސްޓޭކްހޯލްޑަރުންގެ ކިބައިން އެދިފައި ވަނީ މުބާރާތާ ގުޅޭ މައުލޫމާތުތައް ކަށަވަރު ކުރުމުގައި ހަމައެކަނި ރަސްމީ އިދާރާތަކުން ބުނާ އެއްޗަކަށް ބަރޯސާވުމަށެވެ.
ނޫސްތަކުން ބުނެފައި ވަނީ ސާފް ބާއްވަން ނިންމާފައިވާ ތާރީހުގައި އިންޑިއާއިން ވަނީ އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅެން ތައްޔާރުވެފައި ކަމަށެވެ. އެއީ ނިއު ޒީލެންޑާ ދެކޮޅަށެވެ. އިންޑިއާއިން ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު، ނޮވެމްބަރު 12 ވަނަ ދުވަހު އޮންނާނީ އޯކްލޭންޑްގެ ގޯ މީޑިއާ ސްޓޭޑިއަމްގައި ކުޅެން ނިންމާފައިވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، ދެވަނަ މެޗު އޮންނާނީ މުޅިން އަލަށް ގައުމީ ޓީމު މެޗަކަށް ތައްޔާރުވަމުންދާ ކްރައިސްޓްޗާޗުގެ ވަން ނިއު ޒީލެންޑް ސްޓޭޑިއަމްގައި ނޮވެމްބަރު 15 ގައި ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
އެންމެފަހުން ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި 2023 ވަނަ އަހަރު ކުޅުނު ސާފްގެ ފައިނަލް މެޗުގައި އިންޑިއާއިން ތަށި ހޯދީ ކުވައިތު ބަލިކޮށްގެންނެވެ. އެއީ ޕެނަލްޓީ ޖަހައިގެންނެވެ. އެ މުބާރާތަކީ ސަރަހައްދުން ބޭރުން ދެ ގައުމު ކަމަށްވާ ލުބުނާނާއި ކުވައިތު ބައިވެރިވި ފުރަތަމަ ފަހަރެވެ. މި ދެ ގައުމުގެ ބައިވެރިވުމާއެކު 2023 ގެ މުބާރާތް ވެގެންދިޔައީ ސާފްގެ ތާރީހުގައިވެސް ފެނިގެންދިޔަ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ އެއް މުބާރާތަށެވެ.
އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ކާމިޔާބު ގައުމެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް