އަންނަ މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ވާދަ ނުކުރަން އެންމެފަހުގެ ޗެމްޕިއަން އިންޑިއާއިން ނިންމާފައިވާ ކަމަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ލިބިއްޖެއެވެ.

މިއަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ފަށާނީ ނޮވެމްބަރު ފަސްވަނަ ދުވަހުއެވެ. އަދި މުބާރާތް ނިމޭނީ 17 ވަނަ ދުވަހުއެވެ. ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ދެ މުބާރާތް ވެސް ކާމިޔާބުކޮށްފައިވާ އިންޑިއާ ހިމެނެނީ ރާއްޖެ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައެވެ. އަނެއް ގްރޫޕުގައި ހިމެނެނީ ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި ބޫޓާނެވެ.

އިތުބާރު މަސްދަރަކުން "ވަން ސްޕޯޓްސް"އަށް މައުލޫމާތު ލިބިފައި ވަނީ އިންޑިއާއިން ސާފް ޗެމްޕިއަންޝިޕުން ނަން ނަގަން ނިންމައި، އެކަން ސާފަށް އަންގާފައިވާ ކަމަށެވެ. އަދި އިންޑިއާއިން މިވަގުތު ސާފްގައި ވާދަނުކުރަން ނިންމާފައިވުމާއެކު މެޗުތަކުގެ ތާވަލަށް ގެންނާނެ ބަދަލަކާމެދު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ހަބަރު ލިބިފައިވެއެވެ.

ސާފް ބާއްވަން ނިންމާފައިވާ ތާރީހުގައި އިންޑިއާއިން ވަނީ އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅެން ތައްޔާރުވެފައެވެ. އެއީ ނިއު ޒީލެންޑާ ދެކޮޅަށެވެ. އިންޑިއާއިން ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު، ނޮވެމްބަރު 12 ވަނަ ދުވަހު އޮންނާނީ އޯކްލޭންޑްގެ ގޯ މީޑިއާ ސްޓޭޑިއަމްގައި ކަމަށެވެ. އަދި ދެވަނަ މެޗު އޮންނާނީ މުޅިން އަލަށް ގައުމީ ޓީމު މެޗަކަށް ތައްޔާރުވަމުންދާ ކްރައިސްޓްޗާޗުގެ ވަން ނިއު ޒީލެންޑް ސްޓޭޑިއަމްގައި ނޮވެމްބަރު 15 ގައި ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.

ނިއު ޒީލެންޑަކީ އެންމެފަހުގެ ވޯލްޑް ކަޕްގައިވެސް ވާދަކޮށްފައިވާ ގައުމަކަށްވާ އިރު، މިއީ އިންޑިއާއިން އޯޝެނިއާ ގައުމަކާ ދެކޮޅަށް މެޗެއް ކުޅެން ތައްޔާރުވާ ފުރަތަމަ ފަހަރެވެ.

ނޫސްތަކުން ބުނީ އިންޑިއާގެ ކޯޗު ހާލިދު ޖާމިލް ދެކޭ ގޮތުގައި އެކަހަލަ ވަރުގަދަ ގައުމެެއްގެ ދައުވަތެއް ލިބުމުން އެކަމަށް ނޫނެކޭ ބުނުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި އެކަމަށް ފެޑަރޭޝަނުން އާއެކޭ ބުނަން ޖެހޭ ސަބަބަކީ ނިއު ޒީލެންޑަކީ ވޯލްޑް ކަޕް ގައުމަކަށްވާތީ ކަމަށް އިންޑިއާ ކޯޗު ފާހަގަކޮށްފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.

އެންމެފަހުން ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި 2023 ވަނަ އަހަރު ކުޅުނު ސާފްގެ ފައިނަލް މެޗުގައި އިންޑިއާއިން ތަށި ހޯދީ ކުވައިތު ބަލިކޮށްގެންނެވެ. އެއީ ޕެނަލްޓީ ޖަހައިގެންނެވެ. އެ މުބާރާތަކީ ސަރަހައްދުން ބޭރުން ދެ ގައުމު ކަމަށްވާ ލުބުނާނާއި ކުވައިތު ބައިވެރިވި ފުރަތަމަ ފަހަރެވެ. މި ދެ ގައުމުގެ ބައިވެރިވުމާއެކު 2023 ގެ މުބާރާތް ވެގެންދިޔައީ ސާފްގެ ތާރީހުގައިވެސް ފެނިގެންދިޔަ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ އެއް މުބާރާތަށެވެ.

އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ކާމިޔާބު ގައުމެވެ.